މުހައްމަދު ނާޒިމް

ސަރުކާރާ ގުޅުވައި ނާޒިމަށް ކުރާ ތުހުމަތު ދޮގުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުން ދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގި އެންގުމުގައި ސޮއި ކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އިމްތިޔާޒު ކޮމެޓީން ބަލަން ނުފެންނަ ކަމަށް ވިދާޅުވެ ބޭރުކޮށްލެވުމަށް ހުށައެޅުއްވީ ސަރުކާރުން އަންގައިގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި އިމްތިޔާޒު ކޮމެޓީގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ހުށައެޅުއްވުމާއި ގުޅިގެން ރޭ އިމްތިޔާޒު ކޮމެޓީން ވަނީ ބައްދަލުވެފަ އެވެ. މި ބައްދަލްވުމުގައި މެންބަރަކު ވަނީ މައްސަލަ އެ ކޮމެޓީން ބަލަން ނުފެންނަ ކަމަށް ހުށައަޅުއްވާފަ އެވެ. އެ ހުށައެޅުއްވުން އައީ ޖުމްހޫރީ ޕާޓީގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ފަރާތްޕުޅުންނެވެ. އެ ހުށައެޅުން އެމްޑީޕީގެ މެންބަރުންގެ ވޯޓާއެކު ފާސްކޮށް ކޮމެޓީން ވަނީ ބޭރުކޮށްލާފައެވެ.

އެއާއެކު ރައީސް ނަޝީދަށް ވަފާތެރި ބައެއް މެންބަރުން ވަނީ އެކި ތުހުމަތުތައް އުފައްދަވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ހުށައެޅުއްވުން ބޭރުކޮށްލަން ނާޒިމް ހުށައެޅުއްވީ ސަރުކާރު އަޑީގައި އޮވެގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސީދާ އެންގެވުމަކަށް ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.

އަވަސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ މަޖިލީހުގައިވެސް އަދި ކޮމެޓީތަކުގައިވެސް ގާނޫނީ ޒިންމާ އަދާކުރައްވަނީ ވަކި މީހަކު ބުނާ ގޮތަށް ނޫން ކަމަށާ ކޮންމެ ކަމެއްގައިވެެސް ގެންގުޅުއްވަނީ އޮންނަ ހަމަ އާއި އުސޫލު ކަމަށެވެ.

"އަޅުގަނޑު ހުށައެޅީ އަޅުގަނޑަށް ފެންނަ ގޮތް. އަޅުގަނޑު މެންބަރުންނަށް ދިނީ ޕްރޮފެޝަނަލް އޮޕީނިއަންއެއް. އެއީ އަޅުގަނޑު ގަބޫކުރާ ގޮތް. އެއްވެސް ނުފޫޒެއް އަދި ވަކި ދިމާއެއްގެ ނުވަތަ ބޭފުޅެއްގެ އޯޑަރަކަށް ނޫން. އެ ގޮތަކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަން. އަދި އެ ގޮތަށް ބަޔަކަށް މަސައްކަތް ނުވެސް ކުރުވޭނެ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިނިސްޓްރީއަކުން ކުރާ މިފަދަ ކަންކަމުގައި ޒިންމާވާން ޖެހިވަޑައިގަންނަވާނީ އެ މިނިސްޓްރީގެ މިނިސްޓަރު ކަމަށާ ކުންފުންޏަކުން މިފަދަ ކަމެއް ކޮށްފިނަމަ ޒިންމާވާން ޖެހޭނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށެވެ. މިނިސްޓަރު އަންގަވައިގެން އޭގެ ދަށުން ތިއްބަވާ ބޭފުޅުން ސޮއިކުރައްވާ ފޮނުއްވާ ސިޓީއަކާއި ގުޅިގެން ސޮއިކުރި މީހާގެ މައްސަލަ ބެލޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވީ މި މައްސަލާގައި ސޮއިކުރި މީހާ ގެނެސް ދައުވާކުރުން އެއީ ރަނގަޅު ކަމެއް ނޫނޭ. ހަގީގަތުގައި މިއީ ރާއްޖޭގައި އޮތް ވަރަށް ބޮޑު މައްސަލައެއް. ވެރިމީހާ ހުރެފައި އަބަދުވެސް އޭގެ ދަށުން ތިބޭ މީހުން 'ކަތިލާ'ން މަސައްކަތް ކުރާ މަންޒަރު މި ފެންނަނީ. އެއީ އެކަން ވެގެން ވާނެ ގޮތެއް ނޫން. އެހެންވީމަ އެ ގޮތަށް ހުށައެޅީ،" ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އަސްކަރިއްޔާގެ ފަހުރުވެރި ތާރީހެއްވެސް އޮތް ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ހުށައެޅުއްވުމަށް އެމްޑީޕީ މެންބަރުންގެ ތެރެއިން ވޯޓް ދެއްވީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދުގެ އިތުރުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް ކޮމެޓީގެ އެ ނިންމުމާއެކު ޕާޓީގެ އެތެރެ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ޕާލިމަންޓަރީ މެންބަރުންގެ ވަޓްސްއަޕް ގުރޫޕާއި ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ގުރޫޕްގައި ވެސް ހޫނު ބަހުސްތަކެއް ވަނީ ހިނގާފަ އެވެ. ބައެއް މެންބަރުން ވަނީ ޓްވިޓާގައި ވެސް އެ މެންބަރުންނަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް ނަޝީދުގެ ވަރަށް އަރިސް މެންބަރެއް ކަމަށްވާ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވަނީ އިންސާނެއް ވިއްޔާ ލަދުހަޔާތުގެ ކަންފުޅެއް ވެސް ހުންނަންވާނެ ކަމަށް ވިދާޅުވެ ނަޝީދުގެ ހުށައެޅުއްވުން ބޭރު ކޮށްލަން ވޯޓް ދެއްވި ހަތަރު މެންބަރުންނަށް ވަރުގަދައަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކޮށްލުމުގެ އަޑީގައި ތިބި ބައެއްގެ މަޅީގަޖެހި ބައިއަތު ހިފާނީ ފިސާރި ލަދުހަޔާތް ކުޑަވީމަ އެވެ. ބޯދިގު އެ އިޝާރާތް ކުރައްވަނީ މައްސަލަ ބޭރު ކޮށްލަން ހުށައެޅުއްވި މެންބަރު ނާޒިމް އާއި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ހާދިސާއާ ނާޒިމްއާ ގުޅުވާ އެމްޑީޕީން ކުރާ ތުހުމަތު ތަކަށެވެ.

"އިންތިހާބަށްވީމަ އަރިއަރި މަތީ ރައީސް ނަޝީދުގެ ފޮޓޯ،" ކެންޕެއިންގައި ނަޝީދުގެ މުހިންމުކަން ބޮޑުވެ ހުރިހާ މެންބަރުން ވެސް ނަޝީދުގެ ފޮޓޯ ބޭނުން ކުރައްވާ ކަަމަށް އިޝާރާތް ކުރައްވާ ބޯދިގު ވިދާޅުވި އެވެ.

މެންބަރު މީކާއީލް ނަސީމްވެސް ވަނީ އެ މޭރުމުން ޓްވީޓެއް ކުރައްވާފަ އެވެ.

"ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވިގެން އެންމެ ހާލުގާ އޮންނެވި ދުވަހު ކަރަށް ފައިން އަރަން ހިފާލާނީ ހާދަހާވާ ގޮތެއްފޮތެއް ނެތީމައޭ،" މީކާއީލް ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ ނަޝީދު ހުށައެޅުއްވި މައްސަލަ ނާޒިމް ލައްވާ ބޭރު ކޮށްލީ ސަރުކާރުން ހުށައަޅައިގެން ކަމަށެވެ. އަދި ރައީސް ނަޝީދު ބަލި އެނދުގައި އޮންނަވަނިކޮށް އެ ނިންމުމަށް ވޯޓްދީ ސަރުކާރުގެ ޕްރޮޖެކްޓްތަކެއްގައި "ފިއްތާފައި" ތިބި މެންބަރުންތަކެއް ލައްވާ ކަަމަށެވެ.

"ބަލި އެނދުގައި އޮތް ރައީސް ނަޝީދު ހުށައެޅުއްވި ކަމެއް ބޭރު ކޮށްލަން، ނާޒިމް ލައްވައި ސަރުކާރުން ހުށައަޅައިގެން ދެ ޕްރޮޖެކްޓް ދޭތެރޭ ފިއްތާފައި ތިބި ބައެއް އެމްޑީޕީ މެމްބަރުން ލައްވައި ބޭރުކޮށްލީ،" ނަޝީދުގެ ވަފާތެރި މެންބަރެއް ކަމަށްވާ ވަހީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ކުރިއަށް ގެންދާ ޕާލިމެންޓް އިންކުއަރީއަށް ދައުލަތުގެ އިދާރާތަކުން އެއްބާރުލުން ދެމުން ދަނިކޮށް ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްޗަށް ދައުވާކުރަން މަޖިލީހުން ފޮނުވުމުން 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޒަމީލްގެ މައްސަލާގައި ކަން ހިނގާދިޔަ ގޮތާ ގުޅޭގޮތުން މިއަދު ނޫސްވެރިއަކު ސުވާލު ކުރެއްވުމުން 241 ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ އިންކުއަރީ އަށް އަދި މިހާތަނަށް އިދާރާތަކުން އެއްބާރުލުން ދެމުން ދަނިކޮށް ޒަމީލްގެ މައްސަލާގައި ސުލޫކީ ފިޔަވަޅުތަކެއް އަޅަން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"[އެއީ] އަޅުގަނޑު ކަންބޮޑުވާ ކަމެއް. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ވެސް އަދި 241 ކޮމިޓީގެ މުގައްރިރެއްގެ ހައިސިއްޔަތުން ވެސް އަޅުގަނޑަށް ވަރަށް ދަތި ގަބޫލުކުރަން އަދި އަޅުގަނޑަށް ވަރަށް އުދަނގޫ ރޭގެ ވަގުތެއްގައި، ރޭގެ ދަންވަރުގެ ވަގުތެއްގައި ކުއްލިއަކަށް ސުލޫކީ ކޮމިޓީއަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވަކި ވުޒާރާ އަކުން މައުލޫމާތު ނުދިން ކަމަށް [ބުނުން]. ދެން އޭގެ ތަފްސީލެއް ވެސް ނެތް. އަޅުގަނޑަކީ އެ ކޮމިޓީގައި އިންނަ މީހެއްވެސް ނޫން. އެހެންނަމަވެސް އެފަދަ ސުލޫކީ މައްސަލައެއްގެ ގޮތުގައި މައްސަލަ ހުށަހެޅުނީމާ [ކަންބޮޑުވޭ]،" ޒަމީލްގެ ސުލޫކީ މައްސަލަ ކޮމިޓީއަށް ހުށަހެޅުމުން ކަންބޮޑުވާ ކަން ހާމަކުރައްވަމުން އަސްލަމް ވިދާޅުވި އެވެ.