ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މައި ކޮލެޖުން ކެއާ ޕެކޭޖް ހަވާލުކޮށްފި

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ނިންމާފައިވާ ކެއާ ޕެކޭޖުތައް މައި ކޮލެޖުން ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ކެއާ ޕެކޭޖުތައް ހަވާލުކޮށްފައިވަނީ މިކަމަށް ހާއްސަ ކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މައި ކޮލެޖުގެ ފަރާތުން ކެއާ ޕެކޭޖުތައް މިނިސްޓްރީއަށް ހަވާލުކޮށްދެއްވީ ކޮލެޖުގެ ސީއިއޯ މުހައްމަދު ހަލީމް އެވެ. މިނިސްޓްރީގެ ފަރާތުން ކެއާ ޕެކޭޖުތަކާ ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް އެވެ.

މައި ކޮލެޖުން ކެއާ ޕެކޭޖްތައް ހަވާލުކޮށްފައިވަނީ 'މިއާޒް ކެއާ' ސްލޯގަންގެ ދަށުންނެވެ.

މައި ކޮލެޖުން ކެއާ ޕެކޭޖުތައް ދޭން ނިންމާފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީ، ގުޅިފަޅު އައިސޮލޭޝަން ފެސިލިޓީ، ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ، ވެލިދޫ އައިސޮލެޝަން ފެސިލިޓީ، ހުޅުމާލެ ހޮސްޕިޓަލް، ށ. ފުނަދޫ ކޮވިޑް ފެސިލިޓީ، ބ. އޭދަފުށި ކޮވިޑް ފެސިލިޓީ، ލ. ގަން ކޮވިޑް ފެސިލިޓީ، ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީ އަދި އައްޑޫ ކޮވިޑް ފެސިލިޓީ އަށެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް ވިދާޅުވީ މައި ކޮލެޖުން އިސްނަގައިގެން ފަށާފައިވާ މި ޕްރޮގްރާމުގެ ސަބަބުން ސިއްހީ ދާއިރާގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެން ދާނެ ކަމަށެވެ.

މައި ކޮލެޖުގެ ޗެއާމަން އަހްމަދު މުއްތަކީ ވިދާޅުވީ ކޮވިޑް-19ގެ މި ދަތި ވަގުތުގައި އެންމެ ބޮޑު ޝުކުރެއް ހައްގުވާ ބަޔަކީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.

"ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވޭނެ ދުވަހެއް އަންދާޒާ ވެސް ނުކުރެވޭ. ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންވެސް މިހާރު ވަނީ ވަރުބަލިވެފައި. މައި ކޮލެޖުން ބޭނުންވަނީ އެ ކުރާ މަސައްކަތުގައި ކޮންމެވެސް ސިފަ އެއްގައި ބައިވެރިވާން،" މުއްތަކީ ވިދާޅުވި އެވެ.

މައި ކޮލެޖްގެ ރެކްޓާ ލަމްޔާ އަބްދުލްހާދީ ވިދާޅުވީ މައި ކޮލެޖުން ދޭން ނިންމާފައިވާ ކެއާ ޕެކޭޖުތަކުގައި އާއްމުކޮށް ބޭނުން ކުރާ ކާތަކެތި ހުންނާނެ ކަމަށެވެ. ލަމްޔާ ވިދާޅުވީ މައި ކޮލެޖުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެކުގައި އަބަދުވެސް ތިބޭނެ ކަމަށެވެ.

"މި ކެއާ ޕެކޭޖަކީ ފްރޮންޓް ލައިނުގައި މަސައްކަތް ކުރާ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގު އަދާ ކުރެވޭނެ ޕެކޭޖެއް ނޫން. ނަމަވެސް މި ކެއާ ޕެކޭޖުގެ ބޭނުމަކީ ރަމްޒީ ގޮތެއްގައި އެ މަސައްކަތްތަކުގައި ބައިވެރިވުން،" ލަމްޔާ ވިދާޅުވި އެވެ.

މި ޕްރޮގްރާމުގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން މުޖުތަމައު ހޭލުންތެރިކުރުވުމަށް އިތުރު ހަރަކާތްތަކެއް ވެސް މައި ކޮލެޖުން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.