ހަނިމާދޫ

ބިމުގެ މައްސަލާގައި ޖަމިއްޔާތަކުގެ ސިޓީއެއް ރައީސަށް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލު ކުރުމަށް އެދި ހަނިމާދޫގެ ޖަމިއްޔާތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ހުށައަޅައިފި އެވެ.

ސަރުކާރުގެ އެ ނިންމުން ޕްލޭނިން މިނިސްޓްރީގެ ފަރާތުން ދެ ފަހަރެއްގެ މަތިން އެ ރަށު ކައުންސިލަށް ވަނީ އަންގާފަ އެވެ. ފުރަތަމަ އެ އެންގުން އައީ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. އެ ދުވަހު ޕްލޭނިން މިނިސްޓްރީން ހަނިމާދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރުކުރުމަށް ނިންމާފައިވާތީ އެ ބިން ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން ހުށައަޅާ ކަމަށެވެ.

އަދި އެއާޕޯޓަށް އިތުރު ކުރާ ބިމުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ނޯދާން އޭރިއާގެ ހެޑްކުއާޑާސް ގާއިމު ކުރަން ބޭނުންވާ ބިން ވެސް އެ ސަރަހައްދުގެ ތެރެއިން ކަނޑައެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން ލޭންޑް ޔޫސް ޕްލޭންއާއެކު ކައުންސިލަށް ފެންނަ ގޮތެއް އަންގައި ދޭން އެދޭ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ އެސިސްޓެންޑް ޑިރެކްޓަރު ނިހާޒާ އަނީސް ސޮއި ކުރައްވާ ފޮނުއްވި މި ސިޓީގައި އެއާޕޯޓް އެކްސްޓެންޝަނަށް ޒޯން ކޮށްފައިވާ ބިމުގެ ތެރެއަށް ހަނިމާދޫގެ ޕިކުނިކް ސަރަހަައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ބިން ހިމެނޭތީ އެ ބިން ރަށުގެ އެހެން ސަރަހައްދަކުން ފާހަގަ ކުރުމަށް ފަހު ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމެނުމަށް ވެސް އަންގާފައި ވެއެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ސާއްބަ ޖަމިއްޔާ އަދި ކެތިއަރާ ކުލަބުގެ ފަރާތުން ރައީސް ސޯލިހަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އަދި އެ ރަށުގެ ކުދިބޮޑު އެންމެން ކުރަމުން އަންނަ ފޮނި އުންމީދެއް ކަމަށެވެ. ނަމަވެސް އެ އުންމީދުގައި ތިއްބާ އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ނިންމާފައިވާކަން އެންގުމަކީ ރައްޔިތުންނަށް ލިބުނު ހިތާމަވެރި ހަބަރެއް ކަމަށެވެ.

ހަނިމާދޫ އެއާޕޯޓަށް މިހާރު ކަނޑައެޅިފައިވާ ސަރަހައްދަކީ ހަނިމާދޫ ރައްޔިތުންގެ ބިމުން އަކަ އިންޗިއެއް ނުދިންކަމުގައިވިޔަސް މިހާރު ކޮށްފައިވާ ޕްލޭންއާ އެއްގޮތަށް ކިތަންމެ ބޮޑު އެއާޕޯޓެއްވެސް ތަރައްގީ ކުރެވިދާނެ ބިމެއް ކަމަށާ ހަނިމާދޫ ފަޅަކީ ބޮޑު ފަޅަކަށްވާތީ އެއާޕޯޓް ތަރައްގީ ކުރުމަށް ރަށުގެ މީހުން ދިރިއުޅޭން އޮތް ބިމުން ބައެއް ދިނުމަކީ ރައްޔިތުން ހިތާމަކުރާ އަދި ދެކޮޅު ހަދާ ކަމެއް ކަމަށް ސިޓީގައި ބުނެފައިވެއެވެ.

"މި ސަރަހައްދުގެ ގޮނޑުދޮށަކީ މިހާރުވެސް ހަނިމާދޫ ރައްޔިތުން މޫދަށް އެރި އާއިލާތަކާއެކު ހިތް އުފާކޮށްލުމަށް ހަމައެކަނި އޮތް ސަރަހައްދު ކަމަށްވާތީ މި ބިން ހަނިމާދޫ އެއާޕޯޓްގެ ސަރަހައްދުގެ ގޮތުގައި ހަމަޖެހިގެން ދިއުމަކީ ނުހަނު ހިތާމަކުރާ ކަމެއް ކަަމުގައި ދަންނަވަމެވެ. ހަމައެއާއެކު މަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ގޯތި ދިނުމަށް ވެފައިވާ ވައުދާއި ގުޅިގެން މި ރަށުން މިހާރުވެސް ގޯތި ހޯދުމަށް އެދި ތިބި 300 އެއްހާ އާއިލާއަށް މިކަމުގެ ސަބަބުން ވަނީ ނުހަނު ބޮޑު މާޔޫސް ކަމަކާ ކުރިމަތިލާން ޖެހިފައެވެ،"

ޖަމިއްޔާތަކުގެ ސިޓީގައި ވަނީ ސަރުކާރުގެ ނިންމުން ބަދަލުކޮށް ހަނިމާދޫ އެއާޕޯޓަށް މިހާރު އޮތް ބިމުގައި އެއާޕޯޓް ތަރައްގީ ކޮށްދިނުމަށް އެދިފައެވެ.