ޕާކިސްތާންގައި ދެ ރޭލު ޖެހި ހޯމަ ދުވަހު ހިނގި އެކްސިޑެންޓްގައި މަރުވިި މީހުންގެ އަދަދު 51 އަރައިފި އެވެ. އޮފިޝަލުން ވިދާޅުވާ ގޮތުން މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެ އެވެ. މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންގެ އަދަދދު 100 އަށް ވުރެ ވަނީ އިތުރުވެފަ އެވެ.
ސިންދު ޕްރޮވިންސްގެ ގޫޓިކީ އަވަށުގައި ދެ ރޭލު އެކްސިޑެންޓްވާން މެދުވެރިވި ސަބަބެއް ކަމަށް ޕާކިސްތާން ރޭލްވޭ އޮފިޝަލަކު މީޑިއާއަށް ވިދާޅުވެ ދެއްވި ގޮތުން ދުއްވާފައި ދިއަ ރޭލެއްގެ ބައިތަކެއް، ރޭލާ ގުޅުވާފައި ހުންނަ ވަކިވަކި އެޕާޓްމަންޓްްތަކެއް، އަރިއަޅާލައި ޖެހިގެން އޮތް އެހެން ރޭލު ދަގަނޑެއްގެ މައްޗަށް ފުރޮޅާލީ އެވެ. އަދި ދަތުރުވެރިން ގޮވައިގެން އެ ދަގަނޑުން ދުއްވާފައި ދިއަ އެހެން ރޭލެއް އެބައިތަކުގައި ޖެހި މުޑިއެރީ އެވެ.
މި އެކްސިޑެންޓްގައި ޝާމިލް ވަނީ ޕާކިސްތާންގެ ވެރިރަށް ކަރާޗީން ފުރައިގެން ދަތުރުކުރި ލިއްލަތު އެކްޕްރެސް އާއި ރާވަލްޕިންޑީން ދަތުރު ކުރި ސަރު ސިއްޔާ އެކްޕްރެސް އެވެ. ފުރަތަ ފުރޮޅާލީ ކަރާޗީން ދަތުރު ކުރި ރޭލެވެ. އޮފިޝަލުން ބުނަނީ ރޭލު ދަނގަޑުން ކަހާލި ސަބަބު އަދި ނޭނގޭ ކަމަށެވެ.
މި ހާދިސާގައި ޒަހަމްވި މީހުން ކައިރި ހޮސްޕިތަލްތަކަށް ވަނީ ގެންގޮސްފަ އެވެ. ގޫޓިކީ އަވަށުގެ ޑިޕިއުޓީ ކޮމިޝަނަރު އުސްމާން އަބްދުﷲ ވިދާޅުވި ގޮތުން ފުރޮޅާލާފައި އޮތް ރޭލުގެ ބައިތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަދި ވެސް ދަނީ ކުރިއަށެވެ.
ބޮޑުވަޒީރު އިމްރާން ހާން ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ ހިތާމަފުޅު ކުރައްވާ ކަމަށާއި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބައްލަވާނެ ކަމަށެވެ. ރޭލު ދަގަނޑުތަކުގައި ހުރި މައްސަލަތައް ބައްލަވައި ހަރުދަނާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަނިޔާ ލިބުނު މީހުންނަށް ސިއްހީ އެހީތެރިކަމާއި އަދި އާއިލާތަކަށް ބޭނުންވާ އެހެނިހެން އެހީ ފޯރުކޮށްދިނުމަށް ބޮޑުވަޒީރު ވަނީ އަމުރު ކުރައްވާފަ އެވެ.