އައްޑޫ ފްލައިން ސްކޫލް

ފްލައިން ސްކޫލް ދަރިވަރުންތަކެއްގެ ލޯނަށް ލުއިދީފި

އައްޑޫގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ކިޔަވާ 15 ދަރިވަރަކު ބީއެމްއެލް އިން ނަގައިފައިވާ ލޯނުތަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލުއިތަކެއް ހޯދައިދީފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަށް މިނިސްޓްރީން ވަނީ އެ ސުކޫލުން ކިޔަވާ ދަރިވަރުން ދައްކަން ޖެހޭ ފައިސާ ބެންކަށް ދެއްކުމަށް ފަހު ލޯނުތައް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

އެހެންކަމުން ދަރިވަރުން އެ ލޯނުތަކުގެ ފައިސާ ދައްކަން ޖެހޭނީ މިނިސްޓްރީއަށެވެ. މިނިސްޓްރީން ބުނީ އެ ފައިސާ ދަރިވަރުން ދައްކާއިރު އެއްވެސް އިންޓްރެސްޓެއް ދައްކަން ނުޖެހޭނެ ކަމަށެވެ. ރައީސްގެ މި ނިންމެވުމުގެ ސަބަބުން ދަރިވަރުން މިނިސްޓްރީއަށް ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ ތަމްރީނު ފުރިހަމަކޮށް ނިމޭތާ ހަ މަސް ފަހުންނެވެ.

މީގެ ކުރިންވެސް މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން މިވަގުތު އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ 96 ދަރިވަރުންގެ ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު ކޯސް ނިންމޭ ތާރީހުން ފެށިގެން ހަ މަސް ދުވަހަށް ވަނީ ބަދަލު ކޮށްފަ އެވެ.

އެ ސުކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ހައްލުތަކެއް ހޯދައި ދިނުމުގެ މަސައްކަތުގެ ތެރެއިން، ބެންކުން ކިޔަވާ ލޯނު ނަގާފައިވާ އިތުރު ދަރިވަރުންތަކެއްގެ ލޯނުވެސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެ އެވެ.