ޓެރަރިޒަމް

ރާއްޖޭގައި ބިދޭސީން ޓެރަރިޒަމަށް އެހީވޭ: އާޒިމް

ރާއްޖޭގައި އުޅޭ ބިދޭސީން ޓެރަރިސްޓުންނާއި ޓެރަރިޒަމަށް އެހީވާ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ތުހުމަތު ކުރައްވައިފަ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގޮތުން މިހާރު މަޖިލީހުގައި ކުރިއަށްދާ ބަހުސްގައި އާޒިމް މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވާ މި ދަނޑިވަަޅުގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ ނުރައްކާ ކުޑަ ނޫން ކަމަށެވެ.

އެގޮތުން ޓެރަރިޒަމްގެ އަމަލުތައް ހިންގަން ވާގިވެރިވާ އެތައް ބިދޭސީންނެއް ރާއްޖޭގައި އުޅޭ ކަމަށް އޭނާ ތުހުމަތު ކުރައްވި އެވެ. އަދި އެ ފަރާތްތަކާމެދު މިހާރުއްސުރެ ފާރަވެރިވެ ރަނގަޅު ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ނުބައި ފަައްތަރަކަށް ރާއްޖޭފެ ކަންތައްތައް ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

އެގޮތުން ބިދޭސީން ނުކުމެ ސިފައިންނާ ފުލުހުންނާ ކުރިމަތިލާން މާގިނަ ދުވަސްތަކެއް ނެތްކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އަދި ސިނާއީ ރަށް ތިލަފުށީގައި ނޭދެވޭ އެތައް ކަމެއް ހިންގައި ރާވަމުން ގެންދާ ކަމަށް ވެސް އާޒިމް ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ރާއްޖެއަކީ ނާޒުކު އިގްތިސާދެއް އޮތް ތަނަކަށް ވާއިރު ތިލަފުށިން ނުރައްކާތެރި ކަންތައްތަކެއް ފެށި ރާއްޖެ ބަނޑަށް ޖެހުމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

"ތިލަފުއްޓަކީ ބިދޭސީންގެ ބޮޑު ކިއްލާއެއް. ބިދޭސީން އެރަށުގައި ވެރިކަން ކުރަނީ. އެ މީހުން އެތާނގައި ގެ ހަދައިގެން އެތާނގައި ނޭދެވޭ ހުރިހާ ކަންތައްތަކެއް އެދަނީ ކުރަމުން. އަޅުގަނޑަށް ނުފެނޭ ދައުލަތުގެ ކަންކަން ތަންފީޒު ކުރަން ތިބި ފަރާތްތަކުން އެތަންތަނަށް ގޮސް ބަލާލައިގެން އެ ކަމަށް ހައްލެއް ގެންނަން މަސައްކަތް ކުރާ ތަނެއް،" އާޒިމް ވިދާޅުވި އެވެ.