ބޮންޑެ އިބްރާހިމް ރަޝީދު

ހަމަލާދޭން ފަންޑުކުރި މީހުން ހޯދަން އިނާމް ހުށަހަޅަން ޖެހޭ: ރަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއަށް ފަންޑުކުރި މީހުން ހޯދަން އިނާމް ހުށަހަޅަން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިއަދު މަޖިލީހުގައި ރަޝީދު ވިދާޅުވީ އެ ހަމަލާއަށް ފަންޑު ކުރުމުގައި އިސްކޮށް އުޅުނު މީހުން މިހާތަނަށް ވެސް ހާމަކޮށްފައި ނުވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ތިން މީހެކެވެ. އެއީ އެކަމުގައި އަމަލީ ގޮތުން އުޅުނު މީހުން ކަަމަށް ފުލުހުން ބުނެ އެވެ. ރަޝީދު ވިދާޅުވީ ފައިސާގެ އިނާމް ހުށަހަޅައިގެން ހަމަލާ ދިން ފަރާތްތައް ހޯދުމަކީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި އަމަލު ކުރަމުންދާ އުސޫލެއް ކަމަށެވެ.

"ކީއްވެގެންތޯ ފަންޑު ކުރި މީހުން [އިންސާފުގެ] ކުރިމައްޗަށް ނުގެނެވެންވީ. އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް އިނގިލި ދިއްކުރާނީތޯއޭ ނުވަތަ ފަންޑު ކުރި މީހުން ހޯދާނީތޯއޭ؟ އިއުލާންކުރަންވީނު، ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލެއް އޮވެޔޭ. އެފަދަ މައުލޫމާތެއް ދޭ ފަރާތްތަކަށް އިނާމް ކަނޑައަޅާ. މައުލޫމާތު ފޯރުކޮށް ދޭ ފަރާތްތައް އެބަތިބި. ފައިސާއަށް މަސައްކަތް ކުރަނީ ހުރިހާ އެންމެން ވެސް. ފައިސާ ބޭނުންވީމަ އެ މައުލޫމާތު ފޯރު ކޮށްދޭން ބޭނުންވާ މީހާ އެކަން ކުރާނެ." ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދިން މީހުން ހޯދަން ކެނޑިނޭޅި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭން މީގެ ކުރިން ފުލުހުން އާންމުންގެ އެހީއަށްވެސް އެދުނެވެ. އަދި ނަޝީދަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު އަދުހަމް އަހުމަދު ރަޝީދު ހޯދީވެސް އާންމުންގެ މީހަކު ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

މިއަދުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ މައްސަލަ ޝަރީއަތަށް ފޮނުވުމުން ހަމައެކަނި ނުފުދޭ ކަމަށެވެ. އަދި މާދަމާ އެހެން މެމްބަރުންނާއި ވަޒީރުންނަށްވެސް ހަމަލާތައް އަމާޒުވުމުގެ ކުރިން ހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދަން ޖެހޭ ކަމަށެވެ.

" ކޮބައިތޯ މިކަންކަން ރޭވި މީހުންނަކީ، ކޮބައިތޯ މިކަންކަން ކުރަން ހިތްވަރު ދިން މީހުންނަކީ، ކޮބައިތޯ މިކަންކަން ކުރަން ފައިސާ ހަަރަދުކުރި މީހުންނަކީ. މިކަންކަން އަޅުގަނޑުމެން ބަލަން ޖެހޭ. މިކަންކަން ނުބަލައި އަޅުގަނޑުމެން ދޫކޮށްލައިފިނަމަ އަނެއްކާވެސް ތަކުރާރުވެގެން ދިއުމަކީ އެކަށީގެންވާކަމެއް." އާޒިމް ވިދާޅުވި އެވެ.

އެހެންކަމުން އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެސް ހަމަލާގެ އެންމެ ފުނަށް ގޮަސް އެފަދަ ކަންކަން ތަކުރާރު ނުވާނެގޮތަށް މަސައްކަތް ކުރަން ޖެހޭ ކަން އާޒިމް ފާހަގަކުރެއްވި އެވެ.

މިމަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަަ ކޮށްލަން ހަމަލާއެއް ދިނީ އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަންވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި އަދި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ނެވެ. ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި އެވެ. އަދި ހަތަރު ސާޖަރީއެއް ހެއްދެވި އެވެ. އެމަނިކުފާނު މިހާރު ދަނީ ޖަރުމަނުގެ ހޮސްޕިޓަލެއްގައި އިތުރު ފަރުވާ ހޯއްދަވަަމުން ނެވެ.