ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދަށް ދެނީ އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީ: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހައެއް ފަހެއްގައި ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެމަނިކުފާނަށް އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީ ދެމެންދާ ކަމަށް މާމިނގިލީ ދާއިރާގެ މެމްބަރު އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސްގައި މިއަދު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ސަރުކާރަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެން ރައްދުގައި ދެއްކެވި ވާހަކަތަކުގެ ތެރެއިންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު އެކަމާ ގުޅޭގޮތުން ސަރުކާރުން ބަހެއް ނުބުނާތީ އާދަމް ޝަރީފް މިއަދު މަޖިލީހުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި ރައީސް ނަޝީދަށް ވެސް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް އާދަމް ސަރުކާރަށް ގޮވާލެއްވި އެވެ.

އާދަމް ޝަރީފަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ މި ސަރުކާރުން ރައީސް ނަޝީދަށް އެންމެ މަތީ ދަރަޖައިގެ ހިމާޔަތް ދެމުންދާ ކަމަށެވެ. އަދި އެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ހަމަލާއަށް ފަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވާއިރުވެސް ދައުލަތުން ބޮޑު ހަރަދުކޮށް އެމްއެންޑީއެފްއިން އެމަނިކުފާނަށް ފުރިހަމަ ސެކިއުރިޓީ ދެމުންދާކަން ވެސް ގާސިމް ފާހަގަކުރެއްވި އެވެ.

"....އަޅުގަނޑު ގަބޫލެއް ނުކުރަން ދިވެހި ސަރުކާރުން ހިމާޔަތް ދޭން ޖެހޭ ފަރާތްތަކުން ހިމާޔަތް ނުދެވިގެން ޒިންމާއަށް އިހުމާލުވެގެންދާ ކަމަކަށް." ކުރިން ހޯމް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ ގާސިމް ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް ހަސަން ވެސް ވިދާޅުވީ ޓެރަރިސްޓް ހަމަލާއަށް ފަހު ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ރައީސް ނަޝީދަށް ކުރިއަށް ވުރެ ބޮޑަށް ސެކިއުރިޓީ ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން މަޖިލީހުގެ އެތެރެއާއި ބޭރުގައިވެސް ރައީސް ނަޝީދަށް ސެކިއުރިޓީ އެބައޮތް ކަމަށާއި އަދި ސެކިއުރިޓީ އިތުރުކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

".... ރައީސުލްޖުމްހޫރިއްޔާ އައްސަވާ އެބަ އަމަލުކުރައްވާ. އެހެންވީމާ އަޅުގަނޑު ދެކޭގޮތުން [ރައީސް ނަޝީދަށް ރާއްޖެ] ނާދެވޭނެ މާހައުލެއް ނެތް. ރައީސް ނަޝީދަށް ވަޑައިގެންނެވޭނެ. ވަޑައިނުގަންނެވޭނެ ސަބަބެއް ނެތް. އަދި ވަޑައިގެން އަޅުގަނޑުމެންނާއެކު މަސައްކަތް ކުރައްވައި ކަންކަން ރަނގަޅުކުރަން އުޅުއްވަންވީ" އިކްރާމް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެ މަނިކުފާނަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް ފުލުހުން ބުނާތީ ރާއްޖެ ވަޑައިގަތުމަށް ފަސްޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.