އޮމްބުޑްސްޕާސަންގެ އޮފީސް ވުޖޫދަށް އައީ ވަކި ބަޔަކަށް ބަދަލު ނަގައިދޭން ނުވަތަ ވަކި ބަޔަކަށް އިންސާފު ހޯދައިދިނުމުގެ ނިޔަތުގައި ނޫން ކަމަށް ޗީފް އޮމްބުޑްސްޕާސަން، އަބްދުއްސަލާމް އާރިފް ވިދާޅުވެއްޖެ އެވެ.
އޮމްބުޑްސްޕާސަންސްގެ އޮފީހާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަން އިއްޔެ ނޫސްވެެރިންނާ ބައްދަލު ކުރައްވާ ސަލާމް ވިދާޅުވީ އިންތިގާލީ އިންސާފުގެ ގާނޫނު ވުޖޫދަށް އައިސްފައި ވަނީ ވަކި ވެރިކަމެއްގެ ކަންކަން ބަލަން ނޫން ކަމަށެވެ. ބައެއް ފަރާތްތަކުން އެގޮތަށް ތުހުމަތުތައް ކުރި ނަމަވެސް އެގޮތަށް ނުދެކެން ވެސް އޭނާ ވިދާޅުވި އެވެ.
ސަލާމް ވިދާޅުވީ 1953 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ވަރަށް ގިނަ ވެރިކަންތަކެއް އައިސްފައިވާ ކަމަށާއި އެ ހުރިހާ ވެރިކަމެއްގައި ހިންގާފައިވާ އެފަދަ އަމަލުތަކުގެ މައްސަލަތައް ބަލާނެ ކަމަށާއި ވަކި ބަޔެއްގެ ކިބައިން ބަދަލު ހިފަން ނޫޅޭނެ ކަމަށެވެ.
"އަޅުގަނޑު ދެކެނީ ހުރިހާ ބޭފުޅުން ވެސް މިއީ ބަދަލު ހިފުމުގެ ގޮތުން ހުށަހެޅިފައިވާ ގާނޫނެއްގެ ގޮތުގައި ނުދެކުން. ގާނޫނުގައި ވެސް އެގޮތަށް އަދަބުތަކެއް ކަނޑައަޅާފައެއް ނުވޭ. މިއީ ކަންކަމުގެ ހަގީގަތް ހޯދަން އެކުލަވާލައިފައިވާ ގާނޫނެއް. އަޅުގަނޑު ދެކޭ ގޮތުގައި މި ވިންޑޯ އަކީ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަން ކަމަށް ހުރަސް އެޅިފައިވާ ފަރާތްތަކަށް ލިބިދޭ އޮޕޮޗުނިޓީ [ފުރުސަތެއް] އެއް،" ސަލާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުގައި ބުނާ ގޮތުން ދެ އަހަރު ދުވަހުގެ ތެރޭގައި މައްސަލަތައް ބަލަން މަސައްކަތް ކުރާނެ ކަމަށާއި ފިނޭންސް މިނިސްޓްރީން އެ އޮފީހަށް ކަނޑައަޅާފައިވާ ބަޖެޓަކީ 16 މިލިއަން ރުފިޔާ އާއި ގާތްކުރާ އަދަދެއް ކަމަށެވެ. އަދު އެ އޮފީހަށް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެމަސް ދުވަހުގެ ނިޔަލަށް މައްސަލަ ހުށަހަޅަން ހުޅުވައިލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ ޑިސެމްބަރު 17، 2020 ގައެވެ. އެ އޮފީހަށް ވެރިން އައްޔަން ކުރީ މިއަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު އެވެ. ޗީފް އޮމްބަޑްސްޕާސަން ކަމަށް ސަލާމް އައްޔަރު ކުރި އިރު އޭނާގެ ދަށުން އޮމްބަޑްސްޕާސަންގެ މަގާމަށް ހަމަޖައްސާފައި ވަނީ، ޖިހާދާ އަނީސް އާއި މަރްޔަމް ލައިޒާ އެވެ.
އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބެލުމެވެ.
އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ މި އޮފީސް އުފެއްދުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. ނަމަވެސް މިފަދަ އޮފީހެއް ހުޅުވުމަކީ "ކަށްވަޅު ކޮޅުން" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔާފައިވެ އެވެ. އެކި މައްސަލަތަކަށް އިންސާފު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަފާތު ނަން ނަމުގައި އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކުންނާއި އެކިއެކި ކޮމިޓީތަކުން ވެސް އިންސާފު ނުލިބޭތީ ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.