އޮމްބަޑްސްޕާސަންގެ އޮފީސް

އިންސާފު ހޯދަން މައްސަލަ ހުށަހަޅަން ހުޅުވާލަނީ

Jun 8, 2021

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ ތެރޭގައި އެފުރުސަތު ހުޅުވައިލާނެ ކަމަށް އެ އޮފީހުން ބުނެފި އެވެ.

އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ގެއްލުމާއި ބަދަލު ނަގައިދިނުމަށް އެދޭ ފޯމު މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ އޮފީހުން ލިބޭނެ އެވެ. އެ ދުވަހުން ފެށިގެން މައްސަލަތައް ހުށަހަޅަން ދެ މަސް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އެ އޮފީހުން ބުނެ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮމްބަޑްސްޕާސަން ޖިހާދާ އަނީސް ވިދާޅުވީ އެ އޮފީހުގެ މައިގަނޑު މަގްސަދުތަކާއި މަސްއޫލިއްޔަތުތަކަކީ ދިވެހި ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އަރައިގަތުމުގެ އަމަލުތައް ތަހުގީގުކޮށް އިންސާފު ހޯދައިދިނުން ކަމަށެވެ.

އެ އޮފީހަށް ހުށަހަޅާ މައްސަލަތައް ދެ އަހަރުގެ ތެރޭގައި ބަލައި ނިންމަން އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބެލުމެވެ. އަދި އެފަދަ މުއައްސަސާތައް އިސްލާހު ކުރުމެވެ.

ޖިހާދާ ވިދާޅުވީ އަނިޔާ ލިބުނު ފަރާތްތަކަށް ސިއްހީ، އިގްތިސޯދީ، އިޖުތިމާއީ ގޮތުންނާއި ނަފުސާނީ ގޮތުން ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ދައުލަތުގެ އެކި މުއައްސަސަސާތަކާ ގުޅިގެން ސައިކޯސޯޝިއޯ ސަޕޯޓު ފޯރުކޮށްދިނުމުގެ މަސައްކަތް އެ މުއައްސަސާއިން ކުރާނެ ކަމަށެވެ.

"ސަރުކާރު މުއައްސަސާތަކުގެ ތެރޭގައި ސުލްހައާއި ހަމަޖެހުން ހޯދައިދިނުމަށް މަސައްކަތް ކުރާނަން. އެންމެ މުހިންމު ކަމަކަށް ތަހުގީގުތަކުން ފާހަގަވާ ކަންކަމުގެ އަލީގައި އެކަންކަން ސުލްހަކުރުމަށް މުއައްސަސާތަކަށް ދޭންޖެހޭ ރިކޮމެންޑޭޝަންސް ދޭނަން. އިންސާނީ ހައްގުތައް ގެއްލިފައިވާ ފަރާތްތަކަށް އެ ގެއްލުމުގެ ބަދަލު ހޯދައިދޭން އަޅުގަނޑުމެން މަސައްކަތް ކޮށްދޭނަން،" ޖިހާދާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ އޮފީހުން ބަލައި މައްސަލަތަކަށް ހެކިބަސްދޭ ފަރާތްތަކާއި މައްސަލަ ހުށަހަޅާ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ދިނުމަށް ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން ގިނަގުނަ މަސައްކަތްކުރާނެ ކަމަށް ޖިހާދާ ވިދާޅުވި އެވެ. ހާއްސަކޮށް ހެކިބަސްދޭ އަންހެނުންނާއި އަނިޔާ ލިބޭ އަންހެނުންނަށް ދޭން ޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

އެ މުއައްސަސާއިން ބަލައި މައްސަލަތަކާއި މަސައްކަތްތައް ކާމިޔާބު ކުރުމަށް އަނިޔާ ލިބުނު ފަރާތްތަކުގެ އަޑުއެހުންތައް ހުޅުވާލެވިގެން ކުރިއަށް ގެންދާނެ ކަންވެސް ފާހަގަކުރެއްވި އެވެ.

އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ ޑިސެމްބަރު 17، 2020 ގައެވެ. އެ އޮފީހަށް ވެރިން އައްޔަން ކުރީ މިއަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.