ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަޖިލީސް ކާމިޔާބަކީ ސަރުކާރާ އެތައް ބައެއްގެ މަސައްކަތް: ރައީސް

ދެހާސްނަވާރަވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބަކީ ސަރުކާރާއި އެތައް ބައެއްގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ރައީސް ނަޝީދާ ދެކޮޅަށް ސަރުކާރުން އަންގައިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށާ ނަމަވެސް އެ މެންބަރުން އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ރައީސް ނަޝީދުގެ ފޮޓޯ ޖައްސަވައިގެން ކަމަށް ވިދާޅުވެ ބައެއް މެންބަރުން ދައްކަވާ ވާހަކަތަކާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއަށް 65 ގޮނޑި ލިބުމުގައި އެތައް ބައެއްގެ ބުރަ މަސައްކަތް ހިމެނޭ ކަމަށެވެ. އެހެން ނޫންނަމަ އެވަރުގެ ކާމިޔާބެއް ނުލިބުނީސް ކަމަށެވެ. އެމަނިކުފާނު ވަަނީ 2009 ވަނަ އަހަރާއި 2014 ވަނަ އަހަރު އޮތް އިންތިހާބުގައި 2019 ވަނަ އަހަރުގެ އިންތިހާބުން ލިބުނު ކާމިޔާބު ނުލިބުނީ ކީއްވެތޯވެސް ސުވާލު ކުރައްވާފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް އެމްޑީޕީއަށް ލިބުނުއިރުގައި 65 ގޮނޑި ކާމިޔާބު ކުރެވުނު އިރުގައި ސަރުކާރާއި އަޅުގަނޑުމެން ވަރަށް ގިނަ ބައެއްގެ މަސައްކަތް އޭގައި ހިމެނިގެން ގޮސްފައި އެ އޮތީ. އެހެން ނޫން ނަމަކަ އެވަރުގެ ބޮޑު އަދަދެއް ކާމިޔާބު ކުރެވޭނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުމެން ދެހާސްއަށަކުން ފެށިގެން 2009 ގައިވެސް އިންތިހާބަކަށް ދިޔައިން 2014 ގައިވެސް އިންތިހާބަކަށް ދިޔައިން ދެން މިދިޔައީ 2019 ގައި. ނަތީޖާތަކަށް ތި ބޭފުޅުން ބައްލަވާ. އޭރު ލިބިފައި ހުރި އަދަދާއި 2019 ގައި އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީ. އެހެންވީމަ އެމްޑީޕީއަށް 2019 ގައި ލިބިފައި އޮތް ކާމިޔާބީއަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތް،" ރައީސް ވިދާޅުވިއެވެ.

އޭގެ ފަހަށް ރައީސް ވިދާޅުވީ އިންތިހާބުގައި އެންމެ ގިނަ މަސައްކަތް ކުރެއްވި ބޭފުޅަކަށް ރައީސް ނަޝީދު ވެވަޑަައިގަންނަވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއީ އެކި ވާހަކަތައް ދައްކައިގެން ސިޔާސީ ހަލަބޮލި ކަމެއް ގެންނަން ވީ ވަގުތެއް ނޫނެވެ. މިއީ ރާއްޖެ ވެއްޓިފައިވާ ބިރުވެރި އަނދަވަޅުން އަރައިގަތުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށްވެސް ވިދާޅުވިއެވެ.

"މީއަކީއެއް ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ދާންވީ ވަގުތެއް ނޫން. ރާއްޖޭގައި އެބަހުރި، ގައުމުގައި އެބަހުރި އެއަށްވުރެ މާ ބޮޑެތި މަސައްކަތްތައް. މާގިނަ ކަންތައްތައް ހައްލު ކުރަންޖެހޭ. އަޅުގަނޑުގެ އެދުމަކީ އެކަމަށް އަމާޒު ހިފައިން ހުރިހާ ބޭފުޅުންވެސް ކުރިއަށް ވަޑައިގަތުން،" ރައީސް ވިދާޅުވިއެވެ.

ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގި އެންގުމުގައި ސޮއި ކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އިމްތިޔާޒު ކޮމެޓީން ބޭރު ކޮށްލުމަށް ނިންމި ނިންމުމުގައި އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންފައިވާތީ އެކަމާއި ހިތްހަމަޖެހިވަޑައިނުގެން އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ރައީސް ނަޝީދުގެ ވަރަށް އަރިސް މެންބަރެއް ކަމަށްވާ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވަނީ އިންސާނެއް ވިއްޔާ ލަދުހަޔާތުގެ ކަންފުޅެއް ވެސް ހުންނަންވާނެ ކަމަށް ވިދާޅުވެ ނަޝީދުގެ ހުށައެޅުއްވުން ބޭރު ކޮށްލަން ވޯޓް ދެއްވި ހަތަރު މެންބަރުންނަށް ވަރުގަދައަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކޮށްލުމުގެ އަޑީގައި ތިބި ބައެއްގެ މަޅީގަޖެހި ބައިއަތު ހިފާނީ ފިސާރި ލަދުހަޔާތް ކުޑަވީމަ އެވެ. ބޯދިގު އެ އިޝާރާތް ކުރައްވަނީ މައްސަލަ ބޭރު ކޮށްލަން ހުށައެޅުއްވި މެންބަރު ނާޒިމް އާއި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ހާދިސާއާ ނާޒިމްއާ ގުޅުވާ އެމްޑީޕީން ކުރާ ތުހުމަތު ތަކަށެވެ.

"އިންތިހާބަށްވީމަ އަރިއަރި މަތީ ރައީސް ނަޝީދުގެ ފޮޓޯ،" ކެންޕެއިންގައި ނަޝީދުގެ މުހިންމުކަން ބޮޑުވެ ހުރިހާ މެންބަރުން ވެސް ނަޝީދުގެ ފޮޓޯ ބޭނުން ކުރައްވާ ކަަމަށް އިޝާރާތް ކުރައްވާ ބޯދިގު ވިދާޅުވި އެވެ.

މެންބަރު މީކާއީލް ނަސީމްވެސް ވަނީ އެ މޭރުމުން ޓްވީޓެއް ކުރައްވާފަ އެވެ.

"ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވިގެން އެންމެ ހާލުގާ އޮންނެވި ދުވަހު ކަރަށް ފައިން އަރަން ހިފާލާނީ ހާދަހާވާ ގޮތެއްފޮތެއް ނެތީމައޭ،" މީކާއީލް ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ ނަޝީދު ހުށައެޅުއްވި މައްސަލަ ނާޒިމް ލައްވާ ބޭރު ކޮށްލީ ސަރުކާރުން ހުށައަޅައިގެން ކަމަށެވެ. އަދި ރައީސް ނަޝީދު ބަލި އެނދުގައި އޮންނަވަނިކޮށް އެ ނިންމުމަށް ވޯޓްދީ ސަރުކާރުގެ ޕްރޮޖެކްޓްތަކެއްގައި "ފިއްތާފައި" ތިބި މެންބަރުންތަކެއް ލައްވާ ކަަމަށެވެ.

"ބަލި އެނދުގައި އޮތް ރައީސް ނަޝީދު ހުށައެޅުއްވި ކަމެއް ބޭރު ކޮށްލަން، ނާޒިމް ލައްވައި ސަރުކާރުން ހުށައަޅައިގެން ދެ ޕްރޮޖެކްޓް ދޭތެރޭ ފިއްތާފައި ތިބި ބައެއް އެމްޑީޕީ މެމްބަރުން ލައްވައި ބޭރުކޮށްލީ،" ނަޝީދުގެ ވަފާތެރި މެންބަރެއް ކަމަށްވާ ވަހީދު ވިދާޅުވި އެވެ.