އެޕަލްއިން ވަނީ ވަރަށް ބައިވަރު އާ ފީޗާތަކަކާއި ހިދުމަތްތަކެއް އެ ކުންފުނީގެ އެކި ޑިވައިސްތަކަށް މި އަހަރުގެ ފަހުކޮޅު ގެންނާނެ ކަމަށް އިއުލާން ކޮށްފަ އެވެ.
އެ ކުންފުނީގެ އިވެންޓްގައި އިއުލާން ކޮށްފައިވާ މި ބަދަލުތަކާއި އެކު އެޕަލްގެ ޑިވައިސްތަކުން ކުރެވޭ ކަންތައްތައް ކުރިއަށް ވުރެ ފަސޭހަވެ އިތުރަށް ފުރިހަމަ ވެގެން ދާނެ އެވެ.
އެޕަލް WWDC 2021 އިވެންޓްގައި ވަނީ އައިއޯއެސް 15 ވެސް އިއުލާން ކޮށްފަ އެވެ. މިއާއިއެކު މައިގަނޑު 15 ބަދަލެއް ފާހަގަ ކުރެވެ އެވެ. އެޕަލް އިން ފޭސްޓައިމް އަށް ބައިވަރު އާ ފީޗާތަކަކާއި ބަދަލުތަކެއް ވެސް އިއުލާން ކުރި އެވެ.
އެޕްލްއިން އަލަށް އިއުލާންކުރި ލައިވް ޓެކްސްޓް ފީޗާ ބޭނުން ކޮށްގެން ފޮޓޯތަކުގައި ހުންނަ ލިޔުންތައް ޓެކްސްޓް ފޯމެޓަށް ބަދަލު ކުރެވޭނެ އެވެ. އައިފޯނުގެ ވޮލެޓް ފީޗާ ބޭނުން ކޮށްގެން އައިޑީކާޑު، ލައިސެންސް އަދި ޕާސްޕޯޓް ބޭނުން ކުރެވޭނެ އެވެ. އަދި މުސްތަގުބަލުގައި ޑިޖިޓަލް ޕާސްޕޯޓު ބޭނުންކޮށްގެން ދަތުރުވެސް ކުރެވޭނެ އެވެ.
އައިޕެޑް 15 އޯއެސް ބޭނުން ކޮށްގެން ހޯމްސްކްރީނަށް ވިޖެޓްސް އަދި މަލްޓި ޓާސްކް ކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ އެވެ. މީގެ ތެރޭގައި މަލްޓި ވިންޑޯސް ބޭނުންކޮށްގެން އެއް އެޕްލިކޭޝަނަށް ވުރެ ގިނަ އެޕްލިކޭޝަން އެއްފަހަރާ އެއް ސްކްރީނަކުން ބޭނުން ކުރެވޭނެ އެވެ.
މެއިލްއަށާއި ސަފާރީ ވެބް ބްރައުޒާ އަށް އާ ޕްރައިވެސީ ފީޗާތަކެއް އިއުލާންކޮ ށްފައިވެ އެވެ. އެޕަލްގެ ޑިޖިޓަލް އެސިސްޓެންޓް ސީރީ މިހާރު އެޕަލް ޑިވައިސްތަކުގެ އިތުރުން އެހެން ކުންފުނި ތަކުގެ ޑިވައިސްތަކަށް ވެސް ގެންނާނެ އެވެ. ސީރީ އިންޓަނެޓާއި ނުލާވެސް ބޭނުން ކުރެވޭނެ އެވެ.
އެޕަލް ޑިވައިސްތައް ގެންގުޅޭ، އާއިލާ އަދި ރަށްޓެހިންގެ ހާލު ވެސް ބަލައިލެވޭނެ އެވެ. އަދި މި މައުލޫމާތުތައް ސީދާ ޑޮކްޓަރުންނަށް ޝެއާ ކުރެވޭނެ އެވެ.
އެއާޕޮޑަށް ގެންނަ ބަދަލުތަކުން އެއާޕޮޑްސް އިން އަޑުއެހުމަށް އިތުރު ފަސޭހަތަކަކާއި އެއާޕޮޑްސް ހޯދުމަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ. ފައިންޑްމައި ނެޓްވޯކް ބޭނުންކޮށްގެން އެއާޕޮޑްސް ހޯދުމާއި އެއާޕޮޑްސް ތަނެއްގައި ބޭއްވިއްޖެނަމަ "ސެޕަރޭޝަން" ނޯޓިފިކޭޝަނެއް ފޯނަށް އަންނާނެ އެވެ.
އެޕަލްގެ އައިކްލައުޑް ޕްލަސް ސަބްސްކރިޕްޝަން ސާވިސް ބޭނުންކޮށްގެން ވީޕީއެންއަކާއި ޕްރައިވެޓް މެއިލް ފީޗާ ބޭނުންކުރެވޭނެ އެވެ. ވީޕީއެން ބޭނުންކޮށްގެން ބޭނުންކުރާ ވެބްސައިޓް ތަކާއި ބްރައުޒިން ޑާޓާ ސިއްރު ކުރެވޭނެ އެވެ.
މެކްއޯއެސް މޮންޓްއެރޭ ބޭނުންކޮށްގެން އެޕަލްގެ އެކި ޑިވައިސްތައް އެއްފަހަރާ ބޭނުންކޮށް އެއް ޑިވައިސްއިން އަނެއް ޑިވައިސްއަށް ފައިލް ޓްރާންސްފާ ކުރެވޭނެ އެވެ. މީގެ ތެރޭގައި އެއް މައުސް އާއި ކީބޯޑުން އެކި ޑިވައިސްތައް އެއްފަހަރާ ބޭޭނުންކުރުން ހިމެނެ އެވެ.
އެޕަލްއިން މެކްއޯއެސްގެ ސަފާރީއަށް ގެނައި ބަދަލުތަކާއި އެކު ޓެބްތައް ހުންނަ ގޮތާއި، ޓެބް ގުރޫޕް އިތުރުކުރުމާއި އެކު ޕްރައިވެސީ ރިޕޯޓު އިތުރުކުރުން ހިމެނެ އެވެ. އެޕަލްއިން އެކުންފުނީގެ އެކި ޑިވައިސްތަކަށް އާ އޯއެސް ވެސް އިއުލާން ކުރި އެވެ. އޯއެސްގެ ނޯޓިފިކޭޝަން ސިސްޓަމަށް ބަދަލުތަކެއް ގެންނަން ވެސް އިއުލާންކުރި އެވެ.
މި ހުރިހާ ބަދަލުތަކެއްވެސް މިހާރު ވަނީ ޑިވެލޮޕާ ބޭޓާ އަށް ދޫކޮށްލާފަ އެވެ. އަދި މި އަޕްޑޭޓް ތަކާއި އެކު އާ ފީޗާތައް އެޕަލް ޑިވައިސްތައް ބޭނުން ކުރާ ފަރާތްތަކަށް މިއަހަރުގެ ފަހުކޮޅު ލިބިގެންދާނެ އެވެ. ނަމަވެސް މި އޯއެސް އަޕްޑޭޓްތަކާއި ފީޗާތައް ހުރިހާ ޑިވައިސް ތަކަށް ސަޕޯޓް ނުކުރާނެ އެވެ. އެޕަލްއިން އާންމު ގޮތެއްގައި ފަހުގެ އޯއެސްތަކުގެ ސަޕޯޓް ދެނީ ފަހުގެ ޑިވައިސްތަކަށެވެ.