ފަހި ދިރިއުޅުން ކޯޕަރޭޝަން

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބައްދަލެއް ނުކުރި: ކައުންސިލް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރު ކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" އާ ގުޅޭ ޝަކުވާތަކެއް ސިޓީ ކައުންސިލުން ބަންޑުން ކޮށްލައިފި އެވެ.

ކައުންސިލާއި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ސަރުކާރުގެ އިދާރާތަކުގެ ވެރިންނާއި ކުންފުނިތަކުގެ ވެރިންނާއި ބައްދަލު ކުރައްވަމުންނެވެ.

އެ ބައްދަލްވުންތަކާއި ގުޅޭގޮތުން މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލަށް އެއްވެސް އެއްބާރުލުމެެއް ނުދޭ ތަންތަނުގެ މައުލޫމާތު ރައްޔިތުންނަށް ހާމަ ކުރައްވާނެ ކަމަށާ ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލަށް އެއްވެސް އެއްބާރުލުމެއް ނުދޭ އެއް ކުންފުންޏަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނެވެ.

އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ފަހި ދިރިއުޅުން އުފައްދާފައި ވަނީ މާޗް 12، 2019 ގަ އެވެ. މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލަށް ފޯނު ކޯލެއްގެ ފުރުސަތު ވެސް އެ ކުންފުނިން ނުދިން ކަމަށެވެ. އަދި ބައްދަލު ކުރަން އެދި ފޮނުވި ސިޓީއަށްވެސް ޖަވާބެއް ނުދޭ ކަމަށެވެ.

"ފަހި ދިރިއުޅުން ކޯޕަރޭޝަނުން މާލޭގައި ކުރިއަށް ގެންދަން އިއުލާނުކުރި މަޝްރޫއުއާ ބެހޭ އެއްވެސް ކަމެއްގައި، [އެބާރުލުމެއް ނުލިބޭ] އެއްމަސް ވާން ދާއިރު ނުލިބޭ ފޯނު ކޯލެއްގެ ފުރުސަތު ވެސް. ބައްދަލުވާން އެދިއެދި ވެސް ފުރުސަތެއް ނުލިބުނު. ސިޓީ ވެސް އަޅުގަނޑުމެން ފޮނުވިން، ޖަވާބެއް ނުދޭ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މި ހިނގަނީ އަދި ރަނގަޅަކަށް ކަމެއް،"

ފުރަތަމަ ފަހަރަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުުރުމުގެ މެންޑޭޓް ވެސް އޮތް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް މުއިއްޒު ވަނީ ގުޅިގެން މަސައްކަތް ކުރެއްވުމަށާއި މިހާރު ގެންގުޅޭ ސިޔާސަތުތައް ބަދަލުކޮށް އިސްލާހު ކުރަން އިލްތިމާސް ކުރައްވާފައެވެ.

ރައީސާއި ވަޒީރުންގެ އެއްބާރުލުން ލިބޭ

މުއިއްޒު ވިދާޅުވީ ގާނޫނު ބުނާ ގޮތުން ސަރުކާރުގެ ކުންފުންޏަކުން ކުރާ ކަމަކަށް ވިޔަސް އަދި މިނިސްޓްރީއަކުން ކަމެއް ކުރިޔަސް އެކަމެއް ކުރާ ސަރަހަދެއްގެ އިހުސާސް އޮންނަ ކައުންސިލުގެ ބައިވެރިވުން ހޯދަން ޖެހޭ ކަމަށެވެ. އަދި އެކަން ކަމުގައި ސަރުކާރުގެ ވެރިންނާއި ވަޒީރުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ.

އިއްޔެއާ ހަމައަށް ދެ މިނިސްޓަރަކާ ނޫނީ ހުރިހާ މިނިސްޓަރުންނާއި ބައްދަލު ކުރެވިފައިވާ ކަމަށާ އެ ދެ މިނިސްޓަރުންގެ އެޕޮއިންޓްމަންޓްވެ ސް ހަމަޖެހިފަައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕްލޭނިން މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ޔޫތު މިނިސްޓްރީ އާއި ހެރިޓޭޖް މިނިސްޓްރީގެ ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ކަމަށާއި ރައީސް ސޯލިހުވެސް ފުރުސަތު ދެއްވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް އެޕޮއިންޓްމަންޓް ދެއްވީ އެދުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި. ދެގުނައަށް ވަގުތު ވެސް ދެއްވި. އެހެންވީމަ ރައީސްގެ އެއްބާރުލުން ވަރަށް ރަނގަޅަށް ލިބޭ"