ކުރިއަށް އޮތް ދެ ހަފްތާގައިވެސް ކޮވިޑް ފިޔަވަޅުތަކަށް ފުރިހަމައަށް ބޯލަނބާ ގޭގައި ތިއްބެވުމަށާ ޖުލައި މަހުގެ ތެރޭގައި ލިބޭ ލުޔާއެކު ޗުއްޓީ ރޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.
ޖޫން މަހުގެ 24 ވަނަ ދުވަހު ރިޕޯޓް ފޯމް ދީ 2020 ވަނަ އަހަރުގެ ކިޔެވުން ނިމި ޗުއްޓީ ފެށޭނެ އެވެ. ނަމަވެސް މި ދުވަސްވަރަކީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރަކަށް ވާތީ ރަށްރަށަށް ދަތުރުކުރެވޭނީ ވަރަށް ޒަރޫރީ ބޭނުންތަކަށް އެކަނި ކަަމަށް ވަނީ ހަމަޖައްސާފައެވެ. ބޮޑު ޗުއްޓީއާ ދިމާކޮށް އެފަދަ ނިންމުމެއް އައުމުން އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ދެ ޑޯޒް ވެކްސިނަށް ފަހުވެސް ދަތުރުކުރުމަށް ލުއި ގޮތްތަކެއް ނެތުމުން އެކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
އެކަމަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އާއިލާއާއެކު ގޭގައި ތިބުމަކީ ވަރަށް ދަތި ކަމެއް ކަަމަށާ ނަމަވެސް މި ހާލަތުގައި އެކަން ވަަރަށް މުހިންމު ކަމަށެވެ. އަދި ބޮޑު ޗުއްޓީ ފެށޭއިރު ދަތުރު ނުކުރެވުނު ނަމަވެސް ބޮޑު އީދާއި ޖުލައި ސައްބީހާއެކު 15 ވަރަކަށް ދުވަހުގެ ޗުއްޓީއެއް އޮތުމުން މިވަގުތު ގޭގައި ތިއްބަވާ އެ ޗުއްޓީއަށް ޕްލޭން ކުރުން މާ ރަނގަޅުވާނެ ކަމަށެވެ.
"ގޭތެރޭގައި އާއިލާއާއެކީގައި ތިބެންވީމަ ވަރަށް ވަރަށް ދަތިވާކަން އަޅުގަނޑުމެން އެންމެނަށްވެސް ގަބޫލުކުރެވޭ. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަނީ އަދި ދެ ހަފްތާ ހިތްވަރު ކޮށްލަން. ޖުލައި މަސްތެރޭ އެބަ އާދޭ ވަރަށް ބޮޑު ޗުއްޓީއެއް. ބޮޑު އީދާއި ޖުލައި ސައްބީހާ އެކުގައި ގާތްގަނޑަކަށް އަޅުގަނޑު ހަނދާންވާން ގޮތުން ސާދަ ނޫނީ ފަނަރަ ދުވަހުގެ ބަންދެއް އެކީގައި އެބަ އާދޭ. އެ ޗުއްޓީއަށް މިހާރު ގޭގައި މަޑުކޮށްލައްވާފައި ތައްޔާރުވުން މާރަނގަޅުވާނެހެން އަޅުގަނޑަށް ހީވަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖުލައި މަސްތެރޭ ވެކްސިން ލިބި ދެވަނަ ޑޯޒް އެތައް ބަޔަކަށް ފުރިހަމަ ކުރެވޭނެ ކަމަށާ އެއާއެކު ލުއިތައް ލިބިގެން ދާނެ ކަމަށެވެ. އެެހެން ކަމުން ލުއިތަކާއެކު މޫވްމަންޓް އިތުރު ކުރުން ބުއްދި ވެރިކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ދެ ހަފްތާ ކުރީން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އެ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ދޫކޮށްފައިވަނީވެސް ކޮންމެ ގޭބީސީއަކަށް ދެ މީހަކަށެވެ.
އެ މުއްދަތު މިއަދު ހަމަވާތީ އިތުރު ހަފްތާއަކަށް ފިޔަވަޅުތައް ވަނީ ދަންމާލާފައެވެ. ރައީސް ވިދާޅުވީ އޭގެ ފަހުން ލުއިތައް ދިނުމާމެދު ގޮތްތަކެއް ނިންމަވާނެ ކަމަށެވެ. ނަމަވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުނުވާނަމަ އަދި އިތުރު ހަފްތާއަކަށްވެސް ފިޔަވަޅުތައް ދަންމާލަން ޖެހިދާނެ ކަމަށެވެ.
"ލުއި ދެވެން އޮތް މިންވަރަކަށް ލުއި ދޭނަން. އަދި ސްޓްރިކްޓް ކުރަންޖެހޭ ނަމަ އެކަންވެސް ކުރާނެ،"
އެޗްޕީއޭއިން ބުނެފައިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމުގައި އަމަލު ކުރާ އުސޫލުގެ ދަށުން ދެން ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަަށެވެ. އައު އުސޫލުގައިވާ ގޮތުގެ މަތިން މާލެ ސަރަހައްދުން ރަށްރަަަށަށް ދަތުރުކުރުމަށް ދެން ހުއްދަ ދޭނީ ސިއްހީ ފަރުވާ ހޯދުމަށް މާލެ އައިސް އެނބުރި ދާންޖެހޭ މީހުންނާއި އެފަދަ މީހަކާއެކު ކޮންމެހެން ދާންޖެހޭ މީހުންނަށް ކަމަށެވެ. އަދި މާލޭގައި ވަޒީފާ އަދާކުރަމުންދާ ވަޒީފާ ހުއްޓާލަން ޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި ތިބުން ދަތިވެފައިވާ މީހުންނާއި މާލޭގައި ދިރިއުޅެން ނެތިގެން ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންނާއި ތައުލީމު ހާސިލު ކުރުމަށް މާލެ އައިސް ކިޔަވާ ނިމިފައިވާ ދަރިވަރުންނަށްވެސް ހުއްދަ ދޭނެ އެވެ. ނަމަވެސް ކިޔެވުން ވަގުތީ ގޮތުން މެދުކެނޑިފައިވާ ދަރިވަރުންނާއި ޗުއްޓީއަށް ރަށްރަށަށްދާން ހުއްދަ ނުދޭނެ އެވެ.
މީގެ އިތުރުން މައިންބަފައިން ބަލިވުން ނުވަތަ އަނބިމީހާ ވިހެއުންފަދަ ކަންކަމުގައި ރަށަށް ދާން އެދޭ މީހުންނަށް ހުއްދަ ދޭނެ އެވެ.