ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒިފުންގެ މުސާރަ ކުރިއަށް އޮތް މެއި މަހުން ފެށިގެން ބޮޑުކުރަން ނިންމާފައިވާތީ މުސާރައިގެ އާ އޮނިގަނޑު މާދަމާ ރަސްމީކޮށް އިއުލާންކުރަން ނިންމައިފި އެވެ.
ސަރުކާރުގެ އޮފިޝަލަކު މިކަން އަވަސް އަށް ޔަގީންކޮށްދެއްވަމުން ވިދާޅުވީ މުސާރައިގެ އާ އޮނިގަނޑު މާދަމާގެ ވަގުތެއްގައި އިއުލާންކޮށްދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށެވެ.
ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ ބޮޑު ކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
ރައީސްގެ ވައުދު ހަގީގަތަކަށް ހައްދަވައިދެއްވުމުގެ ގޮތުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ވެސް ބޮޑު ކުރަން ނިންމަވާ އެކަން ރައީސް ސޯލިހް އިއުލާންކުރެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިމަހުގެ ތިންވަނަ ދުވަހު ބޭއްވި ޖަލްސާގައި އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން. އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ އަޅުގަނޑުމެންގެ ވައުދެއް. އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން. މިބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލައި 12,628 ރުފިޔާއިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެއް.އިބްރާހީމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އަންނަ ކުރިއެރުން އިތުރަށް ތަފްސީލް ކޮށްދެއްވަމުން ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ މިހާރު 21،000 ރުފިޔާ ލިބޭ ޕްރިންސިޕަލަކަށް މެއި މަހުން ފެށިގެން 32،000 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށެވެ. ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ސިވިލް ސާވިސްގައި މަސައްކަތް ކުރާ 13،000 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބިގެން އެދަނީ ކަމުގައި ވެސް ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު ތައުލީމީ ދާއިރާގައި މި ވަގުތު ދާއިމީ ދިވެހި ޓީޗަރުންގެ ގޮތުގައި 6،498 ޓީޗަރުންނާއި، ބިދޭސީ ޓީޗަރުންގެ ގޮތުގައި 1،730 އަދި ވަގުތީ 891 ޓީޗަރުންނާ އެކު ޖުމްލަ 9،119 ޓީޗަރުން މަސައްކަތް ކުރަމުން ގެންދެ އެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށްޓަކައި ހަދަންޖެހޭ ދިރާސާ މިއަހަރު ނިންމުމަށްފަހު އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އިއުލާންކުރައްވާފަ އެވެ.