ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސީއެސްސީ ރައީސްއަށް ބާރުދޭ ބިލް ތަސްދީގު ކުރައްވައިފި

May 10, 2022

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ގާނޫނުގެ ދަށުން އެ ކޮމިޝަންގެ ރައީސް އަށް ކުރިން ދީފައި އޮތް ބާރުތައް އަލުން ދިނުމަށް ސީއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި 44 މެންބަރުންގެ ތާއީދާ އެކު އެވެ.

މިއިސްލާހުތަކަކީ މިދިޔަ އަހަރު ސިވިލް ސާވިސް ގާނޫނު އިސްލާހު ކުރިއިރު މާއްދާތަކުގެ ނަންބަރުތައް ތަރުތީބުކުރުމުގެ ތެރެއިން ގެއްލިގެން ދިޔަ ބައިތަކެކެވެ.

ސީއެސްސީގެ ރައީސްގެ މަސްއޫލިއްޔަތުތައް:

  • ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން
  • ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ބައްދަލުވުމުގެ ތާރީޚާއި ވަގުތު ކަނޑައެޅުން ފަދަ ކޮމިޝަން ހިންގުމާ ގުޅޭ ނިންމުންތައް ނިންމުން
  • ކޮމިޝަނާއި ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި، ޒައާމަތު ގާއިމުކުރުން
  • އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާ ގުޅޭ އުސޫލު ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް އިދާރީ ކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް ފިޔަވަޅު އެޅުން
  • ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓައި، ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން

ކޮމިޝަންގެ ރައީސް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ނުކުޅެދޭ ހާލަތެއްގައި އެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރާނީ ކޮމިޝަނުގެ ނައިބް ރައީސް ކަމަށްވެސް ސީއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.