ސިވިލްސާވިސް ކޮމިޝަން

ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވަޒީފާއިން ވަކިކުރަނީ

ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭ ގޮތަށް އިސްލާހު ގެނެސް ސިވިލް ސާވިސް ގަވައިދު ގެޒެޓްކޮށްފި އެވެ.

ސިވިލް ސާވިސް ގަވައިދު 2014ގެ ޗެޕްޓަރު 28 ގެ 272 ވަނަ މާއްދެ (ހ) ގައި ބުނެފައިވަނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށެވެ.

އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ މުވައްޒަފުގެ މަގާމުގެ މަސްލޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ވެސް ވަޒީފާ ގެއްލޭނެ ކަމަށެވެ.

މާއްދާގެ (ނ) ގައި ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތަފާތުކުރުމެއް ގެންގުޅޭނަމަ ވެސް ވަޒީފާއިން ވަކިކުރާނެ ކަމަށެވެ. އެފަދަ އަމަލެއް ކޮށްފި މުވައްޒަފަކަށް އެއްވެސް އެންގުމަކާއި ނުލައި ވަގުތުން ވަޒިފާއިން ވަކި ކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ޗެޕްޓަރު 27 ގެ އޮފީހަށް ނުކުތުން މަނާކުރުމުގެ މާއްދާއަށް ވެސް ވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ. އެގޮތުން މައްސަލައެއް ބެލުމަށްޓަކައި އޮފީހަށް ނުކުތުން މަނާކުރެވޭނީ ސިވިލް ސާވިސްގެ ގަވައިދާއި ނުވަތަ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބެލުމަށެވެ.

ގަވައިދުގެ 259 މާއްދާ -- މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާކުރެވޭ ހާލަތްތަކާއި މުއްދަތައް ވެސް ވަނީ އިސްލާހު ގެނެސްފަ އެވެ. އެގޮތުން ވަކި ލައިސަންސެއް އޮވެގެން ވަޒީފާ އަދާކުރަންޖެހޭ މުވައްޒަފެއްގެ ލައިސަންސް ކަމާބެހޭ އިދާރާއަކުން ވަގުތީ ގޮތުން ހިފަހައްޓައިފިނަމަ ނުވަތަ މުއްދަތު ހަމަވެއްޖެ ނަމަ މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ހެދޭނެ އެވެ.

ޗެޕްޓަރު 29 އަށް ވެސް ވަނީ އިސްހާލުތަކެއް ގެނެސްފަ އެވެ. އެ ޗެޕްޓަރުގެ މާއްދާ 298 ގައި ބުނެފައިވަނީ ސިވިލް ސާވިސްގެ މުވައްޒަކަަށް އިސްހާލީ ފިޔަވަޅު އެޅުމާއި ވަޒީފާއިން ވަކިކުރުމާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ނުބެލޭނެ ކަމަށެވެ.

މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ ގަވައިދު ގެޒެޓް ކުރާތާ 60 ދުވަސްވާ ދުވަހުން ފެށިގެން ކަމަށްވެސް ގަވައިދުގައިވެ އެވެ.