ރޭޕްގެ ތުހުމަތުގައި މިހާރު ޖަލަށް ލާފައިވާ ޓީވީ އެކްޓަރު ޕާލް ވީ. ޕޫރީއަކީ ކުށެއް ނެތް މީހެއް ކަމަށް ފިލްމު ޑައިރެކްޓަރު އަދި ބަތަލާ ދިވްޔާ ކޯސްލާ ކުމާރު ބުނެފި އެވެ. ދިވްޔާގެ އިތުރުން ޓީވީ ސިލްސިލާތައް ޕްރޮޑިއުސްކުރާ އެކްތާ ކަޕޫރާއި ވަރަށް ގިނަ ޓީވީ އެކްޓަރުން ވަނީ ޕާލް އަކީ މައުސޫމް މީހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓުތައް ޝެއާ ކޮށްފަ އެވެ.
ދިވްޔާ ބުނި ގޮތުގައި ޕާލް ވަނީ ފްރޭމްކޮށްފަ އެވެ. ޕާލްގެ މައްޗަށް ރޭޕްގެ ތުހުމަތު ކުރާ އަންހެން ކުއްޖާގެ މައިންބަފައިން އެ ކުއްޖާގެ ބެލެނިވެރިކަން ހޯދަން ކޯޓަށް ގޮސްގެން އުޅޭ ކަމަށާއި އަންހެންކުއްޖާގެ ބައްޕަ ކޯޓުގައި ޕާލްގެ ނަން ބޭނުން ކުރަނީ އޭނާއަށް ކޯޓު ކޭސް ކާމިޔާބު ކުރެވިދާނެ ކަމަށް ހީކޮށްގެން ކަމަށެވެ.
"ނާގިން" ގައި ބަތަލުގެ ބައި ކުޅުނު ޕާލް އާއެކު ދިވްޔާ ވަނީ "ތޭރީ އާކޯން މޭ" ކިޔާ މިއުޒިކް ވީޑިއޯއެއް ކުޅެފަ އެވެ. ދިވްޔާ ބުނަނީ ފާޅުގައި އޭނާ ޕާލްގެ ދިފާއުގައި ނުކުތީ މިކަމުގެ ސަބަބުން އޭނާއަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކޮށް ދިނުމުގެ މަގްސަދުގައި ކަމަށެވެ.
ދިވްޔާ ވަނީ ޕާލް ރޭޕް ކުރިކަމަށް ބުނާ ކުއްޖާގެ މައިންބަފައިންނާއެކު އެ ކުއްޖާ ނަގާފައިވާ ފޮޓޯއެއް ވެސް ޝެއާ ކޮށްފަ އެވެ. މިއީ ކުއްޖާގެ އުމުރުން ފަސް އަހަރުގައި ނަގާފައިވާ ފޮޓޯއެކެވެ. މި ކުއްޖާއަކީ ޕާލް "ބޭޕަނާ ޕިޔާރް" ކިޔާ ސިލްސިލާއެއް ކުޅުނުއިރު އެ ސިލްސިލާގައި ބައިވެރިވި ކުއްޖެކެވެ. އަދި މިކަމެއް ހިނގާފައިވަނީ އެ ޝޯގެ ސެޓުގައި ކަމަށް ޕާލް އާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވެއެވެ.
"ޕާލުގެ މައްޗަށް ކުރާ ރޭޕްގެ ތުހުމަތުގައި ކަން ވެގެން އުޅޭ ގޮތް މި ކިޔައިދެނީ. އޭނާ ރޭޕްކުރި ކަމަށް ބުނާ ކުޑަކުއްޖާގެ މަންމައަކީ ޓީވީ ބަތަލާ އެކްތާ ޝަރުމާ. ކުއްޖާގެ ބައްޕައަކީ އަނިލް ޑޮންޑޭ ކިޔާ މީހެއް. ޕާލްގެ މައްޗަށް ރޭޕްގެ ތުހުމަތު ކުރަނީ މިތަނުން އަނިލް. އޭނާ ބުނަނީ މީގެ ދެ އަހަރު ކުރިން ބާލާޖީ ޓެލެފިލްމްސް އިން ޕްރޮޑިއުސްކުރި "ބޭޕަނާ ޕިޔާރް" ސިލްސިލާގެ ސެޓުގައި އޭނާގެ ފަސް އަހަރުގެ ދަރިފުޅާ ޕާލް ބެހުނު ކަމަށް. އަނިލް އާއި އެކްތާ ޝަރުމާ ވަކިވެ ކޮންމެ މީހަކު ވެސް ކުއްޖާ ބަލަން ބޭނުންވާތީ ދެ މީހުން އުޅެނީ މައްސަލަ ކޯޓަށް ވައްދައިގެން. ފާއިތުވީ ދެ އަހަރުއްސުރެ ކުއްޖާ ބަލަނީ އަނިލް. އަނިލް ބުނަނީ އެކްތާ އަކީ ޓީވީ ބަތަލާއަކަށް ވާތީ ކޮންމެ ދުވަހަކު ދަރިފުޅު ގޮވައިގެން ސެޓުތަކަށް ދާކަމަށް. އަދި އެ ސެޓެތަކުގައި ޝޯތަކުގެ ލީޑް ރޯލު ކުޅޭ އެކްޓަރުން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރާކަމަށް. އެހެންވީމާ އޭނާގެ ދަރިފުޅު ކުއްޖާގެ މަންމަ ކައިރީގައި ބެހެއްޓުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ކޯޓުން ކުއްޖާގެ ކަސްޓަޑީ އޭނާއަށް ދިނުމަށް އަނިލް ކޯޓުގައި އެދިފައި ވަނީ. މި އަނިލްގެ ދޮގު ވާހަކައަށް ފިލްމްފެއާ ބެސްޓް ސްކްރީންޕްލޭ އެވޯޑު ދޭން އަހަންނަށް ފެނޭ،" ކުޑަ ކުއްޖާ ވަރަށް ތުއްތުއިރު އޭނާގެ މައިންބަފައިންނާއެކު ނަގާފައިވާ ފޮޓޯއަކާ އެކު ދިވްޔާ ލިޔެފައިވާ ޕޯސްޓުގައި ބުނެފައި ވެއެވެ.
ޕާލްގެ ދިފާއުގައި މިހާ ފާޅުކަން ބޮޑު ގޮތެއްގައި ވަކާލާތުކުރަން ޖެހުނު ސަބަބު ވެސް ދިވްޔާ ބުނެފައި ވެއެވެ.
"ޕާލްގެ ބައްޕަ ދާދި ފަހުން ވަނީ މަރުވެފައި. މަންމައަކީ ކެންސަރު ބަލީގައި ވަރަށް ބަލި ހާލު ބޮޑުވެފައި އޮތް މީހެއް. ޕާލް ހައްޔަރު ކުރުމުން އެ މަންމައަށް އަޅާލާނެ އެކަކުވެސް ނެތް. ޕާލް މަންމަ ކޮންމެ ދުވަހަކު އެތައް ފަހަރަކު އަހަރެންނަށް ގުޅައިގެން ރޮއި ރޮއިފަ ދަރިފުޅު ސަލާމަތްކޮށް ދޭށޭ ކިޔާ އާދޭސް ކުރޭ. އެހެންވެ އަހަރެންނަށް މި ކަމުގައި ހަމަ ހިމޭނުން ނުހުރެވުނީ،" ދިވްޔާ ބުންޏެވެ.
ޕާލްގެ ކުށެއް ނެތް ކަމަށް ދިވްޔާ ނޫނަސް ގިނަ މީހުން އެއްބަސްވަނީ މިއީ ދޮގެއްކަން އެމީހުންނަށް ޔަގީންވާތީ ކަމަށް އެމީހުން ބުނެފައި ވެއެވެ. އަދި ޕްރޮޑިއުސަރު އެކްތާ ކަޕޫރު ވެސް ބުނެފައިވަނީ ކުއްޖާގެ މަންމައާ ވެސް އޭނާ ވާހަކަ ދެއްކި ކަމަށާއި މިއީ ޕާލް އާ ދެކޮޅަށް ކުއްޖާގެ ބައްޕަ ދައްކައިގެން އުޅޭ ދޮގު ވާހަކަތަކެއް ކަމަށެވެ.
ޖޫން 4 ވަނަ ދުވަހު ޕާލް ހައްޔަރުކޮށްފައިވަނީ ކުއްޖާގެ ބައްޕަ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ބުނެފައިވަނީ ޕާލް އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް ރޭޕްކުރި ކަމަށެވެ.
ޕާލްގެ ޓީވީ ކެރިއަރުގައި ވަރަށް ގިނަ ސިލްސިލާތަކުގެ ލީޑް ރޯލުތައް ކުޅެފައި ވެއެވެ. އޭގެ ތެރޭގައި "ނާގިން 3" އާއި "ނާގްއަރުޖުނާ އޭކް ޔޯދާ"، "ބޭޕަނާ ޕިޔާރް"، "ޕިރް ބީ ނަ މާނޭ.... ބަދްތަމީޒު ދިލް" އަދި "ދިލް ކީ ނަޒަރް ސޭ ޚޫބްސޫރަތު" ހިމެނެ އެވެ.