އޮޑިޓާ ޖެނެރަލް އޮފީސް

ވެންޓިލޭޓަރުގެ އޮޑިޓް ނިންމުމުގެ މަސައްކަތް ބާރަށް ކުރިއަށްދޭ: އޮޑިޓް އޮފީސް

Jun 9, 2021

ކޮވިޑް 19އާއި ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދިވެހި ސަރުކާރުން ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ އޮޑިޓްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އޮޑިޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ވެންޓިލޭޓަރު އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެ މުއާމަލާތުން ދައުލަތުން ކުރަންޖެހޭނެ ހުރިހާ ހަރަދަކާ ގުޅޭގޮތުން ހާއްސަ އޮޑިޓެއް ހަދައިދިނުމަށް ސަރުކާރުން އެ އޮފީހުގައި އެދިފައިވާ ކަމަށެވެ. އެއީ ސަރުކާރުގެ ހާއްސަ އޮޑިޓަކަށް ވާތީ އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާ އޮޑިޓް ރިޕޯޓް ސަރުކާރަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.

"މީގައި އަޅުގަނޑުމެން ބަލާނެ އެއްބަސްވުން ގަތުމަށް އަސްލު ކުރަން އޮތް މުއާމަލާތުގެ އަސްލު އަގާއި، އެއްބަސްވުން ބާތިލްކުރުމުން އާބިޓްރޭޝަނަށް ދާން ޖެހޭތީ އާބިޓްރޭޝަންގައި ކުރަންޖެހޭނެ ހަރަދާއި، މިއެއްބަސްވުން ބާތިލްކުރުމުން ދައުލަތުން ނަގަންޖެހޭ އިތުރު މާލީ ބާޑަން އަކީ ކޮބައިތޯ ވެސް ބަލާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓް ސަރުކާރަށް ފޮނުވާއިރު މިފަދަ އެއްބަސްވުންތަކުގައި ދިމާވާ މައްސަލަތައް ތަކުރާރު ނުވާނެ ގޮތްތަކެއް ހެދުމަށްޓަކައި އިސްލާހު ކުރަންޖެހޭ ކަންތައްތަކުގެ ހުށަހެޅުންތަކެއް ސަރުކާރަށް ހުށަހަޅާނެ ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އޮޑިޓް އޮފީހުން މަސައްކަތް ކުރަނީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އޮޑިޓްގެ މަސައްކަތް ނިންމާށެވެ. ނަމަވެސް އޮޑިޓް އޮފީހުން އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދަން މިނިސްޓްރީ އޮފް ހެލްތާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލްކުރަން ނިންމާ ދިވެހި ސަރުކާރުން ނޯޓިސް ދީފައިވަނީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު އެވެ.

ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެގްޒެކިއުޓާސްއާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގައެވެ. އެއްބަސްވުމުގައި ވަނީ އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެގްޒެކިއުޓާސް އިން މުދާ ފޯރުކޮށްދީފައެއް ނުވެ އެވެ.

މިމައްސަލާގައި މިދިޔަ މެއި މަހުގެ ހަތަރުވަނަ ދުވަހު ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި ސަޕްލަޔަރު މުދާ ފޯރުކޮށްނުދީގެން އެއްބަސްވުން ބާތިލްކޮށްފިނަމަ އެހާތަނަށް ދައްކާފައިވާ ފައިސާ ސަޕްލަޔަރު އަނބުރާ ރައްދުކޮށްދޭންވާނެ ކަމަށް އެއްބަސްވުމުގައި ބުނާ ކަމަށެވެ.

އެކަމަށް އިޝާރާތްކޮށް ބަޔާނުގައި ބުނެފައިވަނީ އެގްޒެކިއުޓާސް ކުންފުނިން ފޯރުކޮށްދީފައި ނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްދީފައި ނުވާތީ ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފިނަމަ އެ ފައިސާ ހޯދުމަށް މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ވެންޓިލޭޓަރު އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމާ ގުޅޭ މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އާބިޓްރޭޝަން ހިންގަން އެއްބަސްވުމުގައިވާ ތަނަކީ ދިވެހިރާއްޖެ އެވެ. އަދި އެމަރުހަލާގައި އަމަލުކުރަން ވެސް ޖެހެނީ ރާއްޖޭގެ ގާނޫނަށެވެ. އެހެންކަމުން އެ މައްސަލައިގެ އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގަ އެވެ.

އެއްބަސްވުމުގައިވާ ގޮތުން މައްސަލަ ބަލާނީ އެއް އާބިޓްރޭޓަރެވެ. މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި މައްސަލަ ބެލުމަށް ރަޖިސްޓްރީވެފައިވަނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު އާބިޓްރޭޓަރުން ކަމަށް އޭޖީ އޮފީހުން މައުލޫމާތުދެ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްސަލައިގައި ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ދެ ފަހަރަށް ފޮނުވުމުން ވެސް މައްސަލަ ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ ޕީޖީ ހުސައިން ޝަމީމް ވަނީ އެ މައްސަލާގައި ދައުވާ ކުރަން ދެކޮޅު ހައްދަވާފަ އެވެ. އެކަމަކު ކުރިމަތިވި ފާޑު ކިޔުންތަކާ ގުޅިގެން ޕީޖީ މިހާރު ގެންދަވަނީ ފުލުހުންނާއި އޭސީސީއާ ގުޅިގެން އެ މައްސަލަ އިތުރަށް ދިރާސާ ކުރައްވަމުންނެވެ. އަދި މައްސަލައާއި ގުޅުންހުރި ބައެއް އާ މައުލޫމާތު ލިބިފައިވާ ކަމަށްވެސް މިދިޔަ މަހުގެ ތެރޭގައި ޕީޖީ ވިދާޅުވެފައިވެ އެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއް ކަމަށްވާތީ ރާއްޖެއާއި ބޭރު ގައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މިމައްސަލައަކީ ބައިނަލްއަގްވާމީ އާބިޓްރޭޝަން މައްސަލަ އެކެވެ. ރާއްޖެއާއި ޔޫއޭއީ އަކީ ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް ނުވަތަ ނިއުޔޯކް ކޮންވެންޝަންގެ ބައިވެރިންނެވެ. އެ މުއާހަދާގައި 168 ގައުމަކުން ބައިވެރިވެފައިވެ އެވެ. އެއިން ކޮންމެ ގައުމެއްގައި ނަމަވެސް ހިންގާ އާބިޓްރޭޝަނަކުން ނިންމާ ނިންމުމެއް އެ މުއާހަދާގެ އެހެން މެންބަރު ގައުމެއްގައި ތަންފީޒު ކުރެވޭނެ އެވެ.