ހަސަން ޒަމީލް

ޒަމީލުގެ މައްސަލަ އަދި ފުލުހުންނަށް ހުށަހަޅާފައެއް ނުވޭ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމެޓީން ކުރިއަށް ގެންދާ އިންކުއަރީއަށް ވަކި ވަކި ސިފައިން ހާޒިރުނުކުރަން ނިންމައި މަޖިލީހަށް ފޮނުވި ސިޓީގައި ސޮއި ކުރެއްވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ ފުލުހުންގެ އިދާރާއަށް އަށް އަދި ހުށަހަޅާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

ވަކިވަކި ސިފައިންގެ ބަދަލުގައި މަޖިލީހަށް ޖަވާބުދާރީވާނީ ތަނުގެ ވެރިން ކަމަށް ވިދާޅުވެ ޒަމީލް ސޮއިކުރައްވައި ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރަން މަޖިލީހުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ވެސް ފޮނުވި އެވެ. ނަމަވެސް ޕީޖީ އެދިވަޑައިގަތީ އެ މައްސަލަ ފުރަތަމަ ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގުކުރުމަށް ފަހު ޖިނާއީ ދައުވާ ކުރަން ފޮނުވުމަށެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު، ހަސަން ޒިޔާއު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

ޒަމީލްގެ ސިޓީއާ ގުޅިގެން އޭނާގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅި އެވެ. ނަމަވެސް ކޮމިޓީން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

ވަކިވަކި ސިފައިން ހާޒިރުނުކުރަން ނިންމި ނަމަވެސް ވަކިވަކި ސިފައިން އިއްޔެ އާއި އޭގެ ކުރީ ދުވަހު 241 ކޮމިޓީއަށް ހާޒިރުކުރަން ވަނީ ފަށާފަ އެވެ. މަޖިލީހުގެ އިންކުއަރީއަށް ފުރިހަމަ އެއްބާރު ލިބޭނެކަމުގެ ޔަގީންކަން ސިފައިންގެ އިސް ބޭފުޅުން ދީފައިވާ ކަމަށް 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ. ނަަމަވެސް 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އެކަން ދޮގުކުރައްވަ އެވެ.