މާރިޔާ އަހުމަދު ދީދީ

މާރިޔާ މާދަމާ 241 ކޮމެޓީއަށް ހާޒިރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކްއަރީ އަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހާޒިރު ކުރަން ނިންމައިފި އެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭ ގޮތުން ކުރިއަށްގެންދާ އިންކްއަރީއަށް މާރިޔާ ހާޒިރު ކުރަން ނިންމާފައި ވަނީ މާދަމާ ކަމަށް އެ ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަވަސް އަށް ވިދާޅުވި އެވެ.

މާރިޔާ 241 ކޮމެޓީއަށް ހާޒިރު ކުރަން ނިންމިއިރު މިހާތަނަށް ވެސް އޭނާ އެ ކޮމެޓީއަށް ހާޒިރު ކޮށްފައި ނުވާތީ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެެވެ.

އެ ކޮމެޓީއަށް ވަކި ވަކި ސިފައިން ވެސް ހާޒިރުކުރަން ފަށައިފައިވާ އިރު އަސްލަމް ކުރިން ވިދާޅުވީ ހަމަލާއާ ގުޅިގެން އެމްއެންޑީއެފްގެ 29 ބޭފުޅަކާ ސުވާލު ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދަށް ބަދަލު އަތުވެދާނެ ކަމަށެވެ.

މަޖިލީހުގެ އިންކުއަރީއަށް އިއްޔެ ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ. ދެން އެ ކޮމެޓީއަށް ހާޒިރުކުރި އިސް ބޭފުޅުންގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ބްރިގޭޑިއާ ޖެނަރަލް ޒަކަރިއްޔާ މަންސޫރުގެ އިތުރުން ފުލުހުންގެ ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ހިމެނެ އެވެ. އަދި މަރުކަޒީ ބޭންކް އެމްއެމްއޭގެ އިސްބޭފުޅުން ވެސް ހާޒިރު ކޮށްފައި ވެއެވެ.

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.

މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެެއް މަޖިލިސް މެންބަރުން ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކޮމިޓީގެ މުގައްރިރު އަސްލަމް ގެންދަވަނީ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވާން ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުން މިހާރު ވަނީ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ.