މާރިޔާ އަހުމަދު ދީދީ

މަޖިލީހުގެ އިންކުއަރީ އަށް މާރިޔާ ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކްއަރީ އަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ހާޒިރުކޮށްފި އެވެ.

މާރިޔާ އެ ކޮމިޓީއަށް ހާޒިރުކުރީ މިއަދު 10:00 ޖެހި އިރު އެވެ. ކޮމިޓީގައި މާރިޔާއާ ސުވާލުކުރަނީ ސިއްރުކޮށްގެން ކަމަށްވާތީ ބައްދަލުވުން ކުރިއަށްދާ ގޮތުގެ އެއްްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

މާރިޔާ މިއަދު ކޮމިޓީއަށް ހާޒިރުކޮށްފައި މިވަނީ އޭނާ ކޮމިޓީއަށް ހާޒިރުކުރުން ލަސްވެ ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

މާރިޔާ މިއަދު ކޮމިޓީއަށް ހާޒިރުކުރި އިރު ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ދެ ފަހަަރަށް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކޮމިޓީގެ ބައެއް މެންބަރުން ސިފައިންގެ މައި މަރުކަޒަށްވެސް ވަނީ ވަޑައިގެންފަ އެވެ. ސިފައިންގެ މަރުކަޒަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ 24 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމާއި ނައިބް މުގައްރިރު ހަސަން ލަތީފުގެ އިތުރުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެވެ.

ޑިފެންސް މިނިސްޓަރާއި ސިފައިންގެ އިސްވެރިންނާއި ދަށް ރޭންކުތަކުގެ ބައެއް ސިފައިން ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ހަމަލާއާ ގުޅިގެން އެމްއެންޑީއެފްގެ 29 ބޭފުޅަކާ ސުވާލު ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދަށް ބަދަލު އަތުވެދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މަޖިލީހުގެ އިންކުއަރީއަށް މިދިޔަ ހޮނިހިރު ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ. ދެން އެ ކޮމެޓީއަށް ހާޒިރުކުރި އިސް ބޭފުޅުންގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ފުލުހުންގެ ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ހިމެނެ އެވެ. އަދި މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރާއި އެތަނުގެ ބައެއް އިސްބޭފުޅުންނާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ކޮމިޓީއަށް ހާޒިރުކުރި ބޭފުޅުންގެ ތެރޭގައި ހިމެނެ އެވެ.

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.

މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެެއް މަޖިލިސް މެންބަރުން ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކޮމިޓީގެ މުގައްރިރު އަސްލަމް ގެންދަވަނީ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވާން ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުން މިހާރު ވަނީ "ހައެއް ފަހެއް"ގެ ނަމުގައި ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ. މަޖިލީހުގެ އިންކުއަރީ މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ކޮމިޓީގެ މުގައްރިރު ވަނީ ވިދާޅުވެފަ އެވެ.