ރައްޔިތުންގެ މަޖިލިސް

ހައިޑްރޯގްރޮފިކް ސާވިސް އުފައްދަން މަޖިލީހުން ރުހުން ދީފި

ޑިފެންސް މިނިސްޓްރީގެ ދަށުން މޯލްޑިވްސް ހައިޑްރޮގްރަފިކް ސާވިސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ހައިޑްރޮގްރަފިކް ސާވިސްގެ ނަމުގައި ވަކި އިދާރާއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވީ މިދިޔަ ޖެނުއަރީ މަހު އެވެ. އަދި ގާނޫނާ އެއްގޮތަށް މިކަމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހު ފަހުކޮޅު ހުށަހެޅުއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެކަމަށް ރުހުން ދޭން ފާސްކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

ކޮމިޓީގެ ނިންމުން މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރީ 52 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ހައިޑްރޮގްރަފިކް ސާވިސްގެ މަަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުތަކުގެ ހައިޑްރޯގްރެފިކް ސާވޭތައްކޮށް، މައުލޫމާތު އެއްކޮށް ބެލެހެއްޓުމާއި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރެފިކް ސާވޭތަކުގެ މައުލޫމާތު ހޯދައި އެއްކޮށް ބެލެހެއްޓުން ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ސަރަހައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަޕްޑޭޓްތައް އާންމުކުރުމާއި ނޯޓިކަލް ޕަބްލިކޭޝަންސްތައް ޝާއިއުކުރުން ހިމެނެ އެވެ.

ޑިފެންސްގެ މަސައްކަތްތަކަށް ގެނައި ބަދަލާއެކު މިހާރު އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ހަތް ދާއިރާއެއް ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ދިފާއާއި ގައުމީ ސަލާމަތާ ބެހޭ ކަންކަމާއި، ރާއްޖޭގެ ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމާ ގުޅޭ ކަންކަމާއި، ކާރިސާތަކާ ހާދިސާތަކާ ގުޅިގެން މަރުކަޒީ ފެންވަރުގައި ކުރަން ޖެހޭ ކަންކަން ކުރުމާއި، ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ކަންކަން ކުރުމާއި، ރާއްޖޭގެ އިމިގްރޭޝަނާ ބެހޭ ކަންކަން ކުރިއަށް ގެންދިއުމާ، އެންޓި ޓެރަރިޒަމާ ކައުންޓާ ޓެރަރިޒަމާ ގުޅޭ ކަންކަމުގެ އިތުރުން ރާއްޖޭގެ ހައިޑްރޮގްރޮފީއާ ގުޅޭ ކަންކަން ކުރުން ހިމެނެ އެވެ.