ޑިފެންސް މިނިސްޓްރީ

ހައިޑްރޯގްރޮފިކް ސާވިސް އުފައްދަން ކޮމިޓީން ފާސްކޮށްފި

ޑިފެންސް މިނިސްޓްރީގެ ދަށުން މޯލްޑިވްސް ހައިޑްރޮގްރަފިކް ސާވިސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަން ހުއްދަ ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.

ހައިޑްރޮގްރަފިކް ސާވިސްގެ ނަމުގައި ވަކި އިދާރާއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވީ މިދިޔަ ޖެނުއަރީ މަހު އެވެ. އަދި ގާނޫނާ އެއްގޮތަށް މިކަމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހު ފަހުކޮޅު ހުށަހެޅުއްވި އެވެ.

ހައިޑްރޮގްރަފިކް ސާވިސް އުފައްދަން ކޮމިޓީން ފާސްކުރީ ފަސް މެމްބަރުންގެ ވޯޓާއެކު އެވެ. އަދި ވޯޓުގައި ހަތް މެމްބަރަކު ބައިވެރިވެއް ނުލައްވަ އެވެ.

ހައިޑްރޮގްރަފިކް ސާވިސްގެ މަަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުތަކުގެ ހައިޑްރޯގްރެފިކް ސާވޭތައްކޮށް، މައުލޫމާތު އެއްކޮށް ބެލެހެއްޓުމާއި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރެފިކް ސާވޭތަކުގެ މައުލޫމާތު ހޯދައި އެއްކޮށް ބެލެހެއްޓުން ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ސަރަހައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަޕްޑޭޓްތައް އާންމުކުރުމާއި ނޯޓިކަލް ޕަބްލިކޭޝަންސްތައް ޝާއިއުކުރުން ހިމެނެ އެވެ.

ޑިފެންސްގެ މަސައްކަތްތަކަށް ގެނައި ބަދަލާއެކު މިހާރު އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ހަތް ދާއިރާއެއް ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ދިފާއާއި ގައުމީ ސަލާމަތާ ބެހޭ ކަންކަމަާއި، ރާއްޖޭގެ ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމާ ގުޅޭ ކަންކަން، ކާރިސާތަކާ ހާދިސާތަކާ ގުޅިގެން މަރުކަޒީ ފެންވަރުގައި ކުރަން ޖެހޭ ކަންކަން، ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ކަންކަން، ރާއްޖޭގެ އިމިގްރޭޝަނާ ބެހޭ ކަންކަން، އެންޓި ޓެރަރިޒަމާ ކައުންޓާ ޓެރަރިޒަމާ ގުޅޭ ކަންކަމާއި ރާއްޖޭގެ ހައިޑްރޮގްރޮފީއާ ގުޅޭ ކަންކަން ހިމެނެ އެވެ.