ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް ރާއްޖެ އަކީ ނެޓް ޒީރޯ ގައުމަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެކަމަށް ފައިސާ ނެތް ކަމަށް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ކޮމަންވެލްތުން ބޭއްވި ހައި ލެވެލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކްލައިމެޓް އެމަޖެންސީ ގާނޫނުގެ ބިލް މިދިޔަ މަހު ތަސްދީގު ކުރައްވާފަ އެވެ. އެހެންކަމުން އެ ގާނޫނުގެ ދަށުން 2030 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ނެޓް ޒީރޯ ގައުމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މިއީ އުނދަގޫ މަސައްކަތެއް ކަމަށާއި މި އަމާޒު ހާސިލުކުރުމަށް ޓެކްނިކަލް އެހީއާއި ފައިސާގެ އެހީ ބޭނުންވާ ކަމުގައިވެސް ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވެފައި ވަނީ ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ އިގްތިސާދީ ފައިދާ އިތުރުކުރުމަށް ކަނޑާ ގުޅުންހުރި ހާއްސަ ޕްލޭންތައް ފަރުމާކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ. ސައިންޓިފިކް މައުލޫމާތުގެ އަލީގައި އެކުލަވާލެވޭ އެފަދަ ޕްލޭން ތަކުގެ ސަބަބުން ކަނޑުން ހިމާޔަތްކުރުމަށް ހާއްސަ ސަރަހައްދުތައް ދެނެގަނެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި މަސްވެރިކަމާއި އިގްތިސޯދީ ދާއިރާތައް ވެސް ބިނާވެފައި ވަނީ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް ކަން ވަނީ ފާހަގަކުރައްވާފަ އެވެ.
ބޭރުގެ ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެނަމަ ރާއްޖެއަށް ގާތްގަނޑަކަށް 2030 ވަނަ އަހަރު ނެޓް ޒީރޯ އާއި ހަމައަށް ވާސިލުވެވިދާނެ ކަމަށް ރައީސް ސޯލިހު ވެސް ވަނީ ކުރިން ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވެފައި ވަނީ ރާއްޖޭގައި މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން 2030 ވަނަ އަހަރުގެ ނިޔަލަށް ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ރާއްޖޭގައި ބޭނުންކުރާ މިންވަރުގެ ހަތަރުބައިކުޅަ އެއްބައި ނައްތައިލެވޭނެ ކަމަށެވެ.