ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ހަސަން ޒަމީލް ސޮއި ކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އެކަން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިޔަށް ނުގެންދެވޭނެކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެ އެވެ.
މަޖީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުން މިހާރު ވަނީ އިންކުއަރީއެއް ފަށާފަ އެވެ. އެ އިންކުއަރީއަށް ވަކި ވަކި ސިފައިން ނުފޮނުވާނެ ކަމަށް ވިދާޅުވެ ޒަމީލް ސޮއި ކުރައްވާ ޑިފެންސުން ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ މައްސަލަ ބަަލަން މަސައްކަތް ކުރި ނަމަވެސް އިމްތިޔާޒު ކޮމެޓީން ވަނީ އެ މައްސަލަ ބޭރު ކޮށްލައިފަ އެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔަ ނަމަވެސް ކޮމެޓީގައި ވޯޓު ދިން ގޮތުގެ މައުލޫމާތު ވެސް ވަނީ ލީކުކޮށްލައިފަ އެވެ.
ކޮމެޓީގެ މައުލޫމާތުތައް ލީކުވި މައްސަލައާ ގުޅިގެން އިމްތިޔާޒު ކޮމެޓީގެ މެމްބަރުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އެ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ މައުލޫމާތުތައް ލީކުވުމުން ބައެއް މެމްބަރުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ދިޔަ ކަމަށެވެ. އަދި މެމްބަރުން އެހެން މެމްބަރުންނާމެދު ނަފްރަތު އުފައްދަައި މައުލޫމާތު ލީކުކޮށްލުން ބަލައި ނުގެނެވޭނެ ކަމަށެވެ.
އިމްތިޔާޒު ކޮމެޓީގެ މެމްބަރުންގެ ކަންބޮޑުވުންތަކާ ގުޅުވައި އިންތި މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
"ސިއްރު ކުރުމަށް މަޖިިލިސް ގަވައިދު އެންމެ ފުރަތަމައިނުން ވެސް ތަން ނުދޭ މައްސަލައެއްގައި ސިއްރު ބައްދަލުވުމަކަށް ހެއްދެވީ ކީއްވެބާ؟" އިންތި ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށްދާ އިންކުއަރީއަށް ސަރުކާރުން ހުރަސް އަޅާ ކަމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ތުހުމަތު ކުރާ އިރު އޭގެ ތެރޭގައި އިންތިވެސް ހިމެނެ އެވެ.
ޒަމީލުގެ މައްސަލައިގައި މެންބަރުން ވޯޓު ދެއްވި ގޮތުގެ މައުލޫމާތުތައް ލީކުވި މައްސަލަ ބަލަން މިހާރު ވަނީ ސަބް ކޮމެޓީއެއް އެކުލަވާލައިފަ އެވެ.