ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ދަށްކުރުމަށް ބާރުއަޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކު ތަކުރާރުކޮށް ވާހަކަދައްކަވަމުން ގެންދަވާ ކަމަށް ބުނެ އެކަމުގައި ހުރި ކަންބޮޑުވުންތަކެއް ފާހަގަކޮށް މައްސަލަ ބަލައިދިނުމަށް ޕޮލިހަށް ހުށަހަޅައިފި އެވެ.
މައްސަލަ ޕޮލިހަށް ހުށަހެޅުއްވީ އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދު ކުރިއަށް ގެންދަވާ "ފިކުރެއްގެ ދިރުން"ގެ ޓީމުގައި ހުންނެވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އެވެ.
ސިޓީގައިވާ ގޮތުން ރައީސް ނަޝީދުގެ ސެކިއުރިޓީ ދަށްކުރަން ތަކުރާރުކޮށް ވާހަކަދައްކަވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ 241 ކޮމިޓީގެ ނައިބް މުގައްރިރު ހުސައިން ޝަހީމް އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް އެވެ.
މި ސިޓީގައި ބުނެފައިވަނީ ރައީސް ނަޝީދަކީ މީގެކުރިން ވެސް އެމަނިކުފާނު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނުމާ ގުޅިގެން ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ބޭފުޅެއް ކަމަށެވެ. އެގޮތަށް އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނިކޮށް ސަރުކާރަށް ތާއީދުކުރައްވާ ބާރުގަދަ ދެ މެންބަރަކު ނަޝީދުގެ ސެކިއުރިޓީ ދައްކުރަން ވާހަކަ ދެއްކެވުމަކީ ނަޝީދަށް އިތުރު ހަމަލާއެއް ދިނުމުގެ ބިރު އޮތް ކަމެއްކަން ފާހަގަކޮށްފައިވެ އެވެެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު އިންސާފު ލިބުން ލަސްވާތީ މިމައްސަލަ މޮނިޓާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނެވި މަންދޫބު އައްބާސް ފާއިޒުވެސް ކަންބޮޑުވާކަން ހާމަކުރައްވާފައި ވަނިކޮށް ދެ މެންބަރަކު ނަޝީދުގެ ސެކިއުރިޓީ ދައްކުރަން ވާހަކަ ދެއްކެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
"އެ ނުރައްކާތެރި ހަމަލާ ރައްދުކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ނުރައްކާ އޮތް މިންވަރު 'ކްރިޓިކަލް' ލެވެލްގައި ވަނިކޮށް އެ ހަމަލާއިން ރައްކާތެރިކަން ފޯރުކޮށްނުދެވުމުންކަން އިންކުއަރީ ރިޕޯޓުން އެނގެ އެވެ. އަދި އެމަނިކުފާނަކީ މިއަދުވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވެ. ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުވެސް އަދާކުރައްވާފައިވެ އެވެ،" އިންތިގެ ސިޓީގައި ބުނެފައިވެ އެވެ.
މިސިޓީގައި އިތުރަށް ބުނެފައިވަނީ ހުސައިން އާއި ރޮޒައިނާ، ނަޝީދުގެ ސެކިއުރިޓީ ދައްކުރަން ވާހަކަ ދައްކަވަނީ ނުބައިރޭވުމެއްގެ ދަށުން އެކަން ކުރަން ބޭނުންވާތީ ކަމަށެވެ. ނަޝީދުގެ ސެކިއުރިޓީ ދައްކުރެވިއްޖެނަމަ އެމަނިކުފާނު އިތުރު ނުރައްކަލަށް ހުށަހެޅިގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ. އެހެންކަމުން މިކަމުގެ ހަގީގަތްތައް ހޯދައި ޖިނާއީ އަމަލެއް އޮތްނަމަ މައްސަލަ ތަހުގީގުކޮށްދިނުމަށްވެސް އެދިފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިމިގެންދިޔަ ހަފްތާގެ ޖަލްސާތަކުގައި ރޮޒައިނާ އާއި ހުސައިން ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު އެމަނިކުފާނު އަމަލުކުރައްވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އަދި ހުސައިން ވަނީ ރައީސް ނަޝީދަށް ކުރާ ހަރަދުތަކުގެ ތަފްސީލް ހޯއްދެވުމަށް އެދިވަޑައިގެންފަ އެވެ.