ހުސައިން ޝަހީމް

ނަޝީދުގެ ހަރަދު ކުޑަކުރަން ބުނުމުން ބޮޑު ތުހުމަތެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ކުރާ ހަރަދު ބޮޑު ކަމަށް ވިދާޅުވުމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމަށް، ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.

ރިސޯޓުތަކުގެ މަތީ މަގާމުތައް ދިވެހިންނަށް ހާއްސަކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ހުސައިން ޝަހީމް މިއަދު ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް 80 ރުފިޔާގެ މަގުން ދިވެހި ދައުލަތުން ވަކި ބޭފުޅަކަށް ކުރާ ހަރަދުގެ ގޮތުގައި ހިމެނިގެން ދިއުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

މެންބަރު ހުސައިން ވިދާޅުވީ މިއީ އޮބި އޮންނަވަރުގެ ކަމަކަށް ނުވާނެ ކަމަށެވެ.

ރައީސް ނަޝީދަށް ދައުލަތުން ކުރާ ހަރަދާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަން ފެއްޓެވުމުން ނިޒާމީ މައްސަލައެއް ކަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ ރައްދު ދެއްވާފަ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުން ސެކިއުރިޓީ ދިނުމުން އެކަމާ ދެކޮޅަށް ތަކުރާރުކޮށް ވާހަކަ ދައްކަމުންދާ ކަމަށް މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި ރައީސްކަން ކޮށްފައި ހުރި ބޭފުޅަކު މަރާލަން ބޮމެއް ގޮއްވާލީމާ. ސެކިއުރިޓީ ދިނީމާ އެ ސެކިއުރިޓީއާ ދެކޮޅަށް، އެ ހަރަދު ކުޑަކުރާށޭ ބުނާނީ އަނެއްކާ ވެސް މަރައިލަން ހެން އަޅުގަނޑަށް ހީވަނީ. ފުރުސަތު ހޯދަން. ތަކުރާރުކޮށް އެބަ ވާހަކަ ދައްކާ އެ އިއްޒަތްތެރި މެންބަރު. މިހާރު ތަހުގީގުކުރާ ހިސާބަށް ގޮއްސި." މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.

މެންބަރު އިބްރާހީމް ރަޝީދު ވަނީ ރައީސް ނަޝީދު އަވަހާރަކޮށް ނުލެވިގެން އެކަމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

މެންބަރު ހުސައިން ވިދާޅުވީ ބޮމުގެ ހަމަލާއަށްފަހު ރައީސް ނަޝީދުގެ ބޭސްފަރުވާއަށް ދައުލަތުން ކުރި ހަރަދާއި ގުޅިގެން ފާޑު ވިދާޅުވެފަ އެވެ.

ފަރުވާއަށް ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގަތުމުން ގަނޑުވަރުކޮޅެއް ކުއްޔަށް ހިފާފައި ބެހެއްޓެވި ކަމަށާއި ރައީސް ނަޝީދު ލަންޑަނަށް ވަޑައިގަތުމުންވެސް ގަނޑުވަރުކޮޅަށް ހަރަދުކުރީ ސަރުކާރުން ކަމަށް މެންބަރު ހުސައިން ވިދާޅުވި އެވެ.

"(ބޭސްފަރުވާއަށް) މަޖިލީހުގެ އިއްޒަތްތެރި ރައީސް ޖަރުމަނަށް ވަޑައިގަތީމާ ޖަރުމަނުގައި ގަނޑުވަރުކޮޅެއް. އަދި އެ ގަނޑުވަރުކޮޅު ވެސް ކުއްޔަށް ހިފާފައި ބަހައްޓަވާފައި އަނެއްކާ ލަންޑަނަށް ވަޑައިގަތީމާ އަނެއްކާ އެއަށް ވެސް، ސަރުކާރުން ދެވަނަ ގަނޑުވަރުކޮޅަކަށް ވެސް ސަރުކާރުން ފައިސާ ހަރަދުކުރި،" މެންބަރު ހުސައިން ވިދާޅުވި އެވެ.

މެންބަރު ހުސައިންގެ ވާހަކައާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ ރައީސް ނަޝީދަށް ރައްކާތެރިކަން ނުދިނުމަށް މެންބަރު ހުސައިން ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

"މި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއްގެ ވާހަކަ މި ދައްކަނީ. އެއަށް އިންސާފުވެސް ނުހޯދައިދެވުނު މި ސަރުކާރުން. އިންސާފު ނުހޯދައިދެވުނު ތަނުގައި އަނެއްކާ އަވަހާރަކޮށްލުމަށް ހިތްވަރު އެ ދެއްވަނީ،" އިމްތިޔާޒް ވިދާޅުވި އެވެ.

މެންބަރު ހުސައިން ވިދާޅުވީ ކުރު މުއްދަތެއްގައި ވެރިކަން ކުރެއްވި ބޭފުޅަކަށް 55 މިލިއަން ރުފިޔާ ހަރަދުކުރުމަކީ ކުޑަ ބަޖެޓެއް އޮތް ގައުމަކަށް އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

"މިއީ ކުޑަކުޑަ ގައުމެއް. ވަރަށް ކުޑަ ބަޖެޓެއްގެ ގައުމެއް. 55 ވަރަކަށް މިލިއަން ރުފިޔާ ދިވެހިރާއްޖޭގެ ދެ އަހަރާއި ބައި ވެރިކަން ކުރައްވާ ފައިބާ ހުންނެވި ބޭފުޅެއްގެ އިސްތަށިފުޅަށް ހަރަދު ކުރެވިގެން ދިއުމަކީ އަޅުގަނޑުމެން ފަދަ ކުޑަ ބަޖެޓެއް އޮންނަ ގައުމަކަށް އެކަށީގެންވާ ކަމެއް ނޫނޭ. މިއީ ރީސްޓްރަކްޗާ ކުރަން ވިސްނަންޖެހޭ ކަމެކޭ،" މެންބަރު ހުސައިން ވިދާޅުވި އެވެ.