ހުސައިން ޝަހީމް

އަނދުން ހުސައިންގެ ބޮޑެތި ތުހުމަތުތަކެއް ނަޝީދަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބާރާއި ނުފޫޒުގައި އެމަނިކުފާނުގެ އާއިލާއަށް ސަރުކާރުގެ ތެރެއިން އެތައް މިލިއަން ރުފިޔާއެއްގެ މަޝްރޫއެއް ހޯދައިދީފައިވާ ކަމަށް ވިދާޅުވެ ވެރިކަން ކުރާ އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި ރައީސް ނަޝީދަށް ތުހުމަތުކުރައްވާ ހުސައިން މެސެޖުތަކެއް ލިޔުއްވީ ނަޝީދާ އެކު "ފިކުރެއްގެ ދިރުން"ގެ ހަރަކާތްތަކުގައި ބައިވެރިވާ އެމްޑީޕީގެ މަޖިލިސް މެންބަރުން އެ ޕާޓީން ވަކިކުރަން އުޅެނީ ޕާޓީގެ ގަވައިދާއި އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ ނަޝީދު ވާހަކަ ދެއްކެވި ފަހުންނެވެ.

ހުސައިން އަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރެކެވެ.

ހުސައިން ކުރެއްވި ތުހުމަތުތައް ފެއްޓެވީ ތިލަފުށީގައި ކުރިއަށް ގެންދާ ކުނިން ހަކަތަ އުފައްދާ މަޝްރޫއަކުންނެވެ. ހުސައިން ވިދާޅުވި ގޮތުގައި މިމަޝްރޫއުގެ ކޮންސަލްޓީ މަސައްކަތް ރައީސް ނަޝީދުގެ އާއިލީ ކުންފުންޏަކަށް ހޯދައިދިނީ ތިމާވެށީގެ ވަޒީރަށް "ބިރުދައްކައިގެން"ނެވެ.

"ރައީސް ނަޝީދުގެ އާއިލީ ކޮމްޕެނީތަކުން ސަރުކާރުގެ ކިތައް މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތޯ ނަގައިގެން ތި ހުންނެވީ. އަޅުގަނޑަށް ސާފު ނުވެއެއް ނޫން މިހުންނަނީ،" ހުސައިން ވިދާޅުވި އެވެ.

އޭގެފަހުން ރައީސް ނަޝީދުއާ ހުސައިން ކުރެއްވީ ސުވާލެކެވެ. އެގޮތުން މިސަރުކާރުގެ ތެރެއިން ސޯލާ ހަކަތައާއި ގުޅޭ ކިތައް ޕްރޮޖެކްޓް އާއިލީ ކުންފުނިތަކަށް "ދަމައިގަތިންތޯ" ރައީސް ނަޝީދު އަރިހުގައި ހުސައިން އެއްސެވި އެވެ.

ހުސައިންގެ ތުހުމަތުތައް ދެން އަނބުރާ ލެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކުރިއަށް ގެންދަން މަސައްކަތްކޮށް ފެއިލްވެފައި އޮތް "ފްލޯޓިން ސިޓީ" މަޝްރޫއަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް މި މަޝްރޫއު ކުރިއަށް ގެންދެވޭތޯ މަސައްކަތްތަކެއް ކުރަމުން އެބަދެ އެެވެ. މިސަރުކާރުން މިމަޝްރޫއު ކުރިއަށް ގެންދަނީ "މޯލްޑިވްސް ފްލޯޓިން ސިޓީ"ގެ ނަމުގަ އެވެ. މިސަރުކާރުގައި މިމަޝްރޫއު ފެށީ މާޗް 14، 2021 ގައެވެ. މިމަޝްރޫއު އަލުން ފެށުމުގައި ނަޝީދުގެ ބައިވެރިވުމެއް އޮތް ކަން ސަރުކާރުގެ އިސްވެރިން އޭރު ދެއްކެވި ބައެއް ވާހަކަތަކުން ފާހަގަކުރެވެ އެވެ. ރައީސް މުހައްމަދު ނަޝީދުގެ އިސް ނެންގެވުމަކަށް ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން 2011 ވަނަ އަހަރުން ފެށިގެން ހިންގަން ރާވަމުން ދިޔަ މަޝްރޫއަށް ބައެއް ބަދަލުތައް ގެނެސް ޑަޗް ކުންފުންޏާ އެކު މިސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ޖޫން 23، 2022 ގައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގަން އުޅުނު ފްލޯޓިން ސިޓީ މަޝްރޫއަކީ ވެސް ނަޝީދުގެ އާއިލާއަށް މާލީ ބޮޑެތި މަންފާތަކެއް ލިބޭ މަޝްރޫއެއް ކަމަށް ދޭހަވާ ގޮތަށް ހުސައިންގެ މެސެޖުތަކުގައި ލިޔުއްވާފައިވެ އެވެ. އެކަމަކު މިމަޝްރޫއު އަދިވެސް ހަގީގަތަކަށް ހެދިފައި ނުވާތީ ހުސައިން ވަނީ ނަޝީދަށް މަލާމާތްވެސް ކުރައްވާފަ އެވެ.

"ފްލޯޓިން ސިޓީ މޯލްޑިވްސް ކިހާ ބައެއްތޯ މިހާރު އެޅި ގެތަކުގައި ދިރިއުޅެމުން ދަނީ. ހާދަ ފަޅެކޭ ނެންގެވީ،" ހުސައިން ވިދާޅުވި އެެވެ.

ހުސައިން ތުހުމަތު ކުރެއްވި ގޮތުގައި ފްލޯޓި ސިޓީ ހަދަން "ނެގިހާ ފަޅުތައް ހިއްކާފައި" ކޮންމެ ފަޅެއް 19 މިލިއަން ޔޫރޯއަށް ރިސޯޓް މާކެޓްގައި ވަނީ ވިއްކާލާފަ އެވެ. ނަމަވެސް ވިއްކީ ކިހާ ފަޅެއް ކަމެއް ހުސައިން ވިދާޅުވެފައެއް ނުވެ އެވެ.

"ކޮބައިތޯ ފްލޯޓްވާ ތި ވިދާޅުވި ސިޓީ. ލާރިކޮޅު ކާލެއްވީ ނޫންތޯ،" ނަޝީދަށް އަމާޒުކުރައްވާ ހުސައިން ވިދާޅުވި އެވެ.

އަމިއްލަ ލޯންޗުތަކެއް ކުއްޔަށް ދީގެން ބޮޑު އާމްދަނީއެއް ހޯއްދަވަމުން ގެންދަވާ ހުސައިން ވިދާޅުވީ އޭނާ އަބަދު ލޯންޗްތަކުގައި ދަތުރުކުރެއްވި ނަމަވެސް ފްލޯޓިން ސިޓީ އަދި ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ ހުސައިން އެދިވަޑައިގެންނެވީ ފްލޯޓިން ސިޓީ މަޝްރޫއުގެ ތެރެއިން ހޯއްދެވި ފައިސާގެ ތަފްސީލް ރައީސް ނަޝީދު ހިއްސާކުރެއްވުމަށެވެ.

"ރައީސް ނަޝީދު، ކޮބައިތޯ މިތަން [ފްލޯޓިން ސިޓީ]. މިހާރު ކިހާ ބައެއް ދިރިއެބައުޅޭތޯ؟ ހުރިހާ ފަޅެއްހެން ހިއްކާފައި ވިއްކައިފި. ލާރިކޮޅު ކައިފި. މިތަނެއް ނުފެނޭ. ދެން ދެބޯގެރި ދުއްވަން ތިދައްކަވަނީ އެހެން ވާހަކައެއް ނޫންތޯ؟" ހޫނުކޮށް ނަޝީދަށް ފާޑުވިދާޅުވެ ހުސައިން ވިދާޅުވި އެވެ.

ހުސައިންގެ ތުހުމަތުތަކުގެ ތެރެއިން އިތުރަށް ތިލަކުރެއްވީ ނަޝީދުގެ އާއިލީ ކުންފުންޏަކުން ސްޓެލްކޯ އަށް ކަރަންޓް ވިއްކަން އުޅުނު ކަމަށް ބުނާ މައްސަލަ އެކެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް ހުސައިން ވިދާޅުވެފައެއް ނުވެ އެވެ.

"ރައީސް ބައްލަވާ ސްޓެލްކޯއަށް ބޮޑު އަގުގައި ސޯލާ ކަރަންޓް ވިއްކޭތޯ އަދި ކޮންޓްރެކްޓް ހެދޭތޯ،" ހުސައިން ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ތެލަށް ކުރާ ހަރަދު ކުޑަކުރުމަށްޓަކައި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ ބޮޑު މަޝްރޫއެއް ފެށުމަށްޓަކައި ބޭރުގެ ކަމާ ގުޅޭ ޓީމުތައް ރާއްޖެ ގެނެސްގެން ކޮންސަލްޓެންސީ ހޯދައި އަދި ބައެއް ދިރާސާތައް ވެސް ކޮށްފައިވެ އެވެ. ސްޓެލްކޯއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން އޭރު އުޅުނު މި މަސައްކަތްތަކަށް ދައުލަތުން ހަރަދުތަކެއް ކޮށްފައިވެ އެވެ. ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ.