މޯލްޑިވްސް ޕޮލިސް ސާވިސް

ޓޭޒާ ގަން ބޭނުންކުރަން ހުއްދަ ހޯދިގޮތް ބަލަނީ

ފުލުހުންނަށް ކޮންޑަކްޓަޑް އިލެކްޓްރިކަލް ވެޕަން (ސީއީޑަބްލިއު) ނުވަތަ ކަރަންޓް ޖައްސާ ބަޑި ދޭން އަޖުމަބެލުން ތަކެއް ހިންގަން ފުލުހުން ނިންމާފައިވާއިރު އެ ހުއްދަ ހޯދި ގޮތް ރައްޔިތުންގެ މަޖިލީހުން ބަލަން ހުށައަަޅައިފި އެވެ.

ފުލުހުން ޓޭޒާ ގަން ބޭނުން ކުރަން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ބަލަން ހުށައަޅާފައި ވަނީ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ.

އިންތި ވަނީ ފުލުހުން ޓޭޒާ ގަން ބޭނުންކުރާ މައްސަލައާއި ގުޅިގެން ގިނަ ކަންތައްތަކެއް ބެލުމަށް އެ މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށް ހުށައަޅައި ދިނުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވާފަ އެވެ.

އެ ސިޓީގައި ޓޭޒާ ގަން ފުލުހުންނަށް ދޫކުރަން ހުއްދަ ކުރެވުނު ގޮތަކާއި، އަދި މި ހަތިޔާރު ބޭނުން ކުރަން ނިންމީ ސިޓްއޭޝަން ކޮންޓްރޯލް ކުރަން މިހާތަނަށް ފުލުުހުންނަށް ކުރިމަތިވީ ގޮންޖެހުންތަކާއި ނުރައްކަލުގެ މައްޗަށް ބިނާކޮށްތޯ ބެލުމަށް އެދިފަ އެވެ.

އަދި ފުލުހުން އެ ހަތިޔާރު ނަހަމަ ގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ކިހާވަރެއްގެ ޔަގީންކަމެއް އޮވެގެންތޯއާއި ރައްޔިތުންނަށް އެކަން ޔަގީން ކޮށްދެވޭނެ ކިހާ އިތުބާރު ހިފޭ ނިޒާމެއް ފުލުހުންގެ ތެރޭގައި އޮވެގެންތޯ ބެލުމަށް ވެސް އިންތި ހުށައެޅި ހުށައެޅުމުގަައި ވެއެވެ.

މި ސިޓީ ފޮނުވުމުގެ ކުރިން ވެސް އިންތި ވަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވީ މިހާތަނަށް ފެނިފައި ވަނީ ފުލުހުން ރައްޔިތުންނަށް ހަމަލާދީ އަނިޔާ ކުރިތަން ކަމަށެވެ. ރައްޔިތުން ނިކުމެ ފުލުހުންނަަށް އަނިޔާ ކޮށްފައި ނުވާ ކަމަށެވެ. ފުލުހުން ރީހެބިލިޓޭޓް ނުކޮށް މިފަދަ ހަތިޔާރެއް ދިނުން ރައްކާތެރިތޯ އޭނާ ސުވާލު ކުރައްވާފައި ވެއެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އުޝާމް ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި ތިބި ގިނަ އަދަދެއްގެ ފުލުހުން ގާނޫނުތަކަށް ފުރިހަމައަށް އަހުލުވެރިވެފައި ނުވާ ކަމަށެވެ. އެކަން ނުކޮށް އަދި ފުލުހުންގެ މުއައްސަސާ ރަނގަޅަށް ރިފޯމް ނުކޮށް މިފަދަ ބާރުތަކެއް ދިނުމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އެކަމާ އޭނާވެސް ކަންބޮޑުވާ ކަމަށެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ހާއްސަ ތަމްރީން ލިބިފައިވާ ފުލުހުންގެ ބަޔަކަށް ޓޭޒާ ހަތިޔާރު ބޭނުން ކުރެވޭ ގޮތަށް ހަމަޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ.