ރައްޔިތުންގެ މަޖިލިސް

ވޯޓުލީ ގޮތް އާންމުވި މައްސަލަ ބަލަން އާ ކޮމެޓީއެއް އެކުލަވާލައިފި

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް މެންބަރުން ވޯޓު ދެއްވި ގޮތުގެ މައުލޫމާތުތައް އާންމުވި މައްސަލަ ބަލަން ސަބް ކޮމެޓީއެއް އެކުލަވާލައިފި އެވެ.

ވޯޓް ދެއްވި ގޮތް އާންމުވި މައްސަލަ ބަލަން ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ އިމްތިޔާޒު ކޮމެޓީން ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ޒަމީލްގެ މައްސަލަ ބަލަން ނުފެންނަ ކަމަށް އެމްޑީޕީން ވޯޓު ދެއްވި ހަތަރު މެންބަރުންގެ ތެރޭގައި ސަނީފްވެސް ހިމެނިވަޑައިގަންނަވަ އެވެ.

ކޮމެޓީގައި އެ ވޯޓު ނެގިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ވޯޓު ދިން ގޮތް ސޯޝަލް މީީޑިއާގައި ލީކުކޮށްލިއެވެ.

މިއަދު ކުރިއަށް ދިޔަ އިމްތިޔާޒު ކޮމެޓީގެ ބައްދަލުވުމުގައި ސަނީފް ވިދާޅުވީ އެކަމުގެ ސަބަބުން މެމްބަރުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންތައްތައް ދިޔަ ކަމަށެވެ.

މިއަދު އިމްތިޔާޒު ކޮމެޓީގެ އެޖެންޑާ ތާވަލުކޮށްފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން "ދަން ޖައްސަން" ޖެހޭ ކަމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވި ކަމަށް ބުނާ މައްސަލަ އެވެ. ނަމަވެސް ސަނީފް ހުށަހެޅުއްވި މައްސަލަ މާ ސީރިއަސްކަމަށް ވިދާޅުވެ މެމްބަރުން އެދިވަޑައިގެންނެވީ އެ މައްސަލަ ފުރަތަމަ ބެލުމަށެެވެ. އެހެންވެ ކޮމެޓީގައި ފުރަތަމަ ކުރިއަށް ގެންދިޔައީވެސް ސަނީފްގެ މައްސަލަ އެވެ.

ސަނީފް ވިދާޅުވީ ބައެއް މެމްބަރުން އެހެން މެމްބަރުން އެހެން މެމްބަރުންނާމެދު ނަފްރަތު އުފައްދަައި މައުލޫމާތު ލީކުކޮށްލުން ބަލައި ނުގެނެވޭނެ ކަމަށެވެ. އެހެންކަމުން ކޮމެޓީގެ މުގައްރިރު އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް އެކަން ހިނގިގޮތް މީޑީއާއަށް ސާފުކޮށްދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވުމަށް އެދި ވަޑައިގެންނެވި އެވެ. 

އަދި މައްސަަލަ ބަލަން ސަބް ކޮމެޓީއެއް އުފެއްދުމަށް އެހެން މެމްބަރުން ހުށަހެޅުއްވުމުން ސަނީފް ތާއިދުކުރެއްވި އެވެ.

ވޯޓު ދިން ގޮތުގެ މައުލޫމާތު ލީކުވި މައްސަލައިގައި ގިނަ މެމްބަރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި އެފަދަ ކަމެއް ތަކުރާރުވެ ނުދިއުމުގެ ގޮތުން މުގައްރިރު ޔާސިރު އިތުރު ފިޔަވަޅުތަކެއް އެޅުމަށް މެމްބަރުން ގޮވާލެއްވި އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށް ގެންދަންވެސް ބައެއް މެމްބަރުން އެދިވަޑައިގެންނެވި އެވެ.

މެމްބަރުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ޔާސިރު މިއަދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލަތައް ދިމާނުވާނެ ގޮތަށް ތަރުތީބު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އޮންލައިންކޮށް ކުރިއަށް ގެންދާ ބައްދަލުވުމެއްވެސް ސިއްރުކުރަން ޖެހޭ ހާލަތެއްގައި ބައްދަލުވުން މެދު ކަނޑާލައިފައި މަޖިލީހުގައި ބައްދަލުވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ކޮމެޓީގައި ވޯޓަށް އެހުނުގޮތާއި އެ މައްސަލަ ދިމާވިގޮތާ ބެހޭ ގޮތުން ޔާސިރު މީޑިއާއަށް މައުލޫމާތު ދީ އެ މައްސަލަ ސަބް ކޮމެޓީ އަކުން ބަލަން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުން

  • ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
  • މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން
  • ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަދި އިމްތިޔާޒު ކޮމެޓީގެ މިހާރުގެ މުގައްރިރު ޔާސިރު އަބްދުއް ލަތީފް
  • މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަަދު ރާއީ
  • ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

އެމްޑީޕީގެ ސާފު މެޖޯރިޓީއެއް އޮތް އިމްތިޔާޒު ކޮމިޓީއަށް ޒަމީލްގެ މައްސަލަ ބަލަން ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ކޮމިޓީގައި އެ މައްސަލަ ބަލަން ނުފެންނަ ކަމަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.

އެ މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ.