ރާއްޖެއަށް އެތެރެވާ ޑޮލަރުން ބޭރު މީހުނާއި ބޭރުގެ ކުންފުނިތަކުން ނާޖާއިޒު ފައިދާ ނަގާތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މެމްބަރުން އެފަދައިން ކަންބޮޑުވުން ފާޅުކުރެއްވީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގަ އެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ މުދާ އެތެރެ ކުރުމަށް ކަމަށް ބުނެ ބޭރު މީހުން ހިންގާ ވިޔަފާރިތަކުން ބޭންކް މެދުވެރިކޮށް ޓީޓީ ހައްދައިގެން ބޭންކް ރޭޓުގައި 30 ޕަސެންްޓް ޑޮލަރު ހޯދާ ކަމަށެވެ. އެހެން ނަމަވެސް ޓީޓީ ހެއްދުމަށް ފަހު މުދާ ނުގެނެސް ނުވަތަ ކުޑަ މުދާކޮޅެއް ގެނެސް ބޭންކް ރޭޓުން ލިބުނު ޑޮލަރުން ބޮޑު ފައިދާ ނަގަމުންދާ ކަމަށެވެ.
"ކިހާވަރަަކަށްތޯ އަޅުގަނޑު ހިތައށް އަރަނީ މި މުދާ އެތެރެވޭތޯ ޔަގީން ކުރަނީ. މަނީ ޓްރާންސްފާގެ ވިޔަފާރި ހުޅުވައިގެން މީގެ ހުރިހާ ވިޔަފާރިއެއްގެ ތެރޭގައި ދިވެހީންގެ ނަމުގައި ބޭރު މީހުން ހިންގަމުން ދަނީ. މި ހުރިހާ ޑޮލަރަކީ ދިވެހި ރާއްޖޭގެ ނަމުގައި މީގެ ތެރޭގައި ދިވެހީންވެސް ބޮޑެތި އިހުމާލުވާކަން އަޅުގަނޑު ގަބޫލުކުރަން،" ސަނީފް ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީމް ވެސް ވަނީ ރާއްޖެއަށް ވަންނަ ޑޮލަރުން ބޭރު މީހުން ފައިދާ ނަގާތީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް މިފަހުން ގިނަ އަދަދެއްގެ ޓުއަރިސްޓުން އަންނަން ފެށުމާއެކު ބްލެކް މާކެޓްގައި ޑޮލަރުގެ އަގު ތިރި ވެގެން ދިޔަ ކަމަށާއި ނަމަވެސް މިހާރު އަނެއްކާވެސް އަގުތައް ކުއްލިއަކަށް ހިފެހެއްޓިފައިވާ ކަމަށެވެ.
ނަސީމް ވިދާޅުވީ އޭގެ ފަހަތުގައި ލަންކާގެ ކުންފުނިތަކުގެ މަސްލަހަތު އެބައޮތް ކަމަށެވެ.
"އެ [ލަންކާގެ] ކުންފުނިތަކުން މި ހަދާ ގޮތަކީ ލަންކާގައި ޑޮލަރު ތާށިވީމަ، މި ފްރައިޓް ފޯވާޑިން ކުންފުނިތައް އެމީހުން ހެސްކިޔާފައި ޑޮލަރު ގަނެފައި އެމީހުންގެ ގައުމަށް ފޮނުވައިގެން އެއްކަލަ ޑޮލަރުން މަންފާ މި ނަގަނީ ދިވެހި ރާއްޖެއިން ނަގަން ޖެހޭ މަންފާއެއް އެހެން ގައުމަކުން ނަގަނީ. އެކަމަކު ސިސްޓަމްގެ ތެރެއިން ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތް،" ނަސީމް ވިދާޅުވި އެވެ.