އަހުމަދު ސަލީމް (ރެޑްވޭވް)

އަގު އުފުލުނީ ފައިސާ ޗާޕުކުރުމުންނާއި ޑޮލަރު އަގު ބޮޑުވުމުން: ސަލީމް

ރާއްޖޭގައި ތަކެތީގެ އަގުތައް އުފުލުނީ ސަރުކާރުން ފައިސާ ޗާޕުކުރުމުންނާއި ޑޮލަރު އަގު ބޮޑުވުމުން ކަމަށް ވިޔަފާރިވެރިޔާ އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރާއްޖޭގައި ތަކެތީގެ އަގުތައް އުފުލިފައިވާ ކަމަށާއި ނަމަވެސް އަގުތައް އުފުލުނީ އިމްޕޯޓްކުރާ މުދަލުގެ އަގުތައް ބޮޑުވެގެން ނޫން ކަމަށެވެ.

ރާއްޖެއަށް އެންމެ ގިނައިން ކާބޯތަކެތި އިމްޕޯޓްކުރާ އެއް ވިޔަފާރިވެރިޔާ، ސަލީމް ވިދާޅުވި ގޮތުގައި އަގުތައް އުފުލުނީ ފައިސާ ޗާޕުކުރުމުންނާއި ޑޮލަރުގެ އަގުތައް އުފުލުމުންނެވެ.

"މައްސަލައަކީ ދައުލަތް ހިންގުމަށްޓަކައި ބޭނުންވާ ފައިސާގެ ނަމުގައި އަޅުގަނޑުމެން ފައިސާ ޗާޕުކުރުން އިތުރަށް،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ފައިސާ ޗާޕުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ކޮންމެ އަހަރަކު ފައިސާ ޗާޕުކުރުމަކީ އިގްތިސާދު ރަނގަޅުކުރަން ކުރާ މަސައްކަތެއް ނޫން ކަމަށެވެ.

ރާއްޖޭގައި ޑޮލަރު ވިއްކާ ރޭޓެއްގެ ގޮތުގައި މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 15.42ރ ކަނޑައަޅާފައިވީ ނަމަވެސް ޑޮލަރު ލިބެނީ 17.50ރ. އަށްކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ އޭގެ ސަބަބުން އަގުތައް އުފުލޭ ކަމަށެވެ.

"ތަކެތީގެ އަގު ޑޮލަރުގެ އަގުގެ ސަބަބުން ގާތްގަނޑަކަށް 10 ޕަސަންޓް މައްޗަށްދޭ އެބަ،" ސަލީމް ވިދާޅުވި އެވެ.

ޑޮލަރު 15.42ރ. ގެ ރޭޓުން ލިބޭނަމަ ތަކެތީގެ އަގުތައް ވަގުތުން 10 ޕަސަންޓަށް ދަށަށްދާނެ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

ޔޫކްރެއިން ރަޝިޔާ ހަނގުރާމައިގެ ސަބަބުން ޔޫރަޕްގައި އަގުތައް އުފުލުނު ނަމަވެސް ރާއްޖެއަށް އެ ހާލަތު ނެތް ކަމަށް ސަލީމް ވިދާޅުވި އެވެ.