އަބްދުﷲ ސަނީފް

ދަރަނި ކުޑަކުރަން ސަނީފްގެ ހުށަހެޅުންތަކެއް

ދައުލަތުގެ ދަރަނި ކުޑަ ކުރެވޭނެ ގޮތްތަކެއް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ހުށަހަޅުއްވައިފި އެވެ،

ސަނީފް އެފަދަ ހުށަހެޅުންތަކެއް ހުށަހެޅުއްވީ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓަށް ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ.

ސަނީފް މިއަދު ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުން އެޅި ބުރިޖާއި ހައުސިން ޔުނިޓްތަކާއި އެހެނިހެން މަޝްރޫއުތަަކަށް ދަރަނީގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުން 15.6 ޕަސެންޓް ދައްކަން ޖެހޭ ކަަމަށާއި މިއީ ވަރަށް ބޮޑު އަދަދެއް ކަަމަށެވެ.

އެހެންކަމުން ދަރަނި ކުޑަކުރުމަށް ކުރިއަށް އޮތް ތަނުގައި ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ދަރަނި ކުޑަކުރެވޭނެ ބައެއް ގޮތްތައް ވެސް ސަނީފް ސާފުކޮށްދެއްވި އެވެ.

އެގޮތުން ސަރުކާރާއި ކުންފުނިތައް ހިންގުމަށް ބޮޑު އަގުގައި ކުއްޔަށް ހިފައިގެން މިހާރު ބޭނުންކުރަމުންދާ އޮފީސްތަކުގެ ބަދަލުގައި ސަރުކާރުން އޮފީސް އިމާރާތްތަކެއް އަޅައި އެ އޮފީސްތައް އެ އިމާރާތްތަަކަށް ބަދަލުކުރުމަށް އޭނާ ހުށަހެޅުއްވި އެވެ.

އެކަން މިހާތަނަށްވެސް ނުވެ އޮތީ އިމާރާތްތައް ހަދަމުންދާ އިރު އެތަންތަނުގެ ވެރިންނާ ސަރުކާރުގެ ވެރިންނާ އަޑިއަޑިން ޑީލްތަކެއް ހަދައި އޭގެން ނާޖާއިޒް ފާއިދާ ނަގާން ދޫކޮށްލައިފައި އޮންނާތީ ކަމަށް ސަނީފް ތުހުމަތު ކުރައްވަ އެވެ.

"ކޮންމެ އޮޑިޓް ރިޕޯޓެއްގައި ވެސް އޮވޭ އެ ބަޔަކު ކުއްޔަށް ދޭން ޖެހޭ އަގު އޮފީސް ހިންގުމަށް ކުރާ ހަރަދަށް ވުރެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު މި ބަޖެޓުން އެ ބޭފުޅުންނަށް ދޭން އެބަ ޖެހެއޭ ބޮޑަށް. މިއީ ދައުލަތުން ކުޑަކުރަން ޖެހޭ ހަރަދެއް. މިކަން ކުޑަކުރެވެން އޮތީ ސީދާ ސަރުކާރުން." ސަނީފް ވިދާޅުވި އެވެ.

މާލޭގެ ބޮޑު އަގުގައި ކުއްޔަށް ހިފައިގެން އޮފީސްތައް ހިންގުމުގެ ބަދަލުގައި ލާމަރުކަޒީ އުސޫލުން އަތޮޅުތަކުގައި ބައެއް އޮފީސްތައް ހިންގަން ވެސް ސަނީފް ހުށަހެޅުއްވި އެވެ.

"މިސާލަކަށް ފެނަކައަކީ މާލޭގައި އެއްވެސް ވަރަަކަށް ހިދުމަތްދޭ ކުންފުންޏެއް ނޫން. ފެނަކައިގެ ހުރިހާ ބްރާންޗުތަކެއް ހުންނާނީ ރާއްޖޭގެ އުތުރާއި ދެކުނާއި މެދު ރާއްޖެ ތެރޭގައި. ފެނަކައިގެ އެއްވެސް ތަނެއް ނީންނާނެ މާލޭގައި. އެހެން ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު އަތޮޅުކަމަށްވާ އައްޑު އަތޮޅާއި ލ. އަތޮޅާއި ހުވަދުއަތޮޅާއި ހއ. ކެލާގައި ތިބޭ އަދަދަށްވުރެ ގިނަ މުވައްޒިފުން ފެނަކައިގެ މާލެ އޮފީހުގައި ތިބޭ." ސަނީފް ވިދާޅުވި އެވެ.

ސަނީފް ހުށެހެޅުއްވީ ފެނަކައިގެ އޮފީސް ރާއްޖޭގެ އުތުރާއި ދެކުނަށް ބަދަލު ކުރާށެވެ. އަދި ލާމަރުކަޒީ އުސޫލުން އެކަން ކޮށްފިނަމަ ބަޖެޓަށް ލުއިވެގެންދާނެ ކަަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ދައުލަތުގެ ބަޖެޓު ކުޑަކުރުމުގެ ގޮތުން އެސްޓީއޯއިން މިހާރު ތެލުގެ ވިޔަފާރި ކުރާ އުސޫލު ބަދަލުކުރުމަށް ވެސް ސަނީފް ހުށަހެޅުއްވި އެވެ.

ސަނީފް ވިދާޅުވީ އެސްޓީއޯއިން އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މެދުވެރުކޮށް ކުދި ވިޔަފާރިތަކަގެ ތެރެއަށް ވަންނަމުންދާ ކަމަށެެވެ. އަދި ސަޕްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފިއުލް ސަޕްލައި ހިންގުމުން ދައުލަތު ހަރަދުތައް ބޮޑުވާ ކަމަަށެވެ.

އޭނާ އެދިލެއްވީ ފިއުލް ސަޕްލައިގެ ބަދަލުގައި ތެލުގެ ރީޓެއިލް ވިޔަފާރި ހުރިހާ ކުދި ވިޔަފާރިތަކަށް ދޫކޮށްލުމަށެވެ.