އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ

Jun 10, 2021
1

އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅާފައިވާ "މެއި ހައެއް ގަރާރު" އަށް ގޮތެއް ނިންމުމަށް އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި އެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މިބައްދަލުވުން ފެށުމަށް ހަމަޖައްސާފައިވަނީ މިރޭ 9:00 ޖަހާއިރު އެވެ.

މިރޭ ގޮތްތަކެއް ނިންމުމަށް ހަމަޖައްސާފައިވާ ގަރާރަކީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވި މީހުންނާއި، ހަރަދުކުރި މީހުންނާއި، ހިތްވަރުދީ ވާގިވެރިވި މީހުން ގާނޫނީ އިމުގެ ކުރިމައްޗަށް ގެނައުން ލަސްވާތީ އެކަން ބެލުމަށާއި ހަމަލާ ހިނގި ގޮތް ސާފުކުރުމަށް އެމްޑީޕީގެ ތެރެއިން ކޮމިޓީއެއް އުފައްދަން ހުށަހެޅި ގަރާރެކެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ)ގެ އިތުރުން ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. ހަމަލާގެ ތުހުމަތުގައި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ހަމަލާއާއި ގުޅިގެން ފަސްވަނަ މީހަކު ހައްޔަރުކުރެވުނީ ހަމަލާއަށް ފަހު ހަރުކަށި ފިކުރުގެ މީހުން ހައްޔަރުކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ނަމަވެސް އެމީހާގެ މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ހަމަލާގެ އިސް މީހަކީ އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ. ހަމަލާ ދިނުމަށް ބޭނުންކުރި އައިއީޑީ ގޮއްވާލާފައިވަނީ އަދުހަމް އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. ފާތިހް އަކީ ހަމަލާ ދިން ތަނުގައި ސައިކަލް ބެހެއްޓި މީހާ އެވެ. މުޖާޒް ހައްޔަރުކޮށްފައިވަނީ ހަމަލާ ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.

އަދުހަމް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ހުޅުމާލޭގެ ފްލެޓް (95-ޖީ-02) ގައި ހުއްޓާ މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މުޖާޒް ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ގ. ފެހިދޯދިގޭގައި ކުއްޔަށް ދީފައިވާ ތަނަކުން މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ހުޅުމާލެ އިން ތަހުމީން ވެސް ހައްޔަރުކުރީ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ބ. ދަރަވަންދޫ އިން ފާތިހު ހައްޔަރުކުރީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ. ހައްޔަރުކުރި އެންމެން ވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.

ފުލުހުން ބުނީ ހަމަލާއާއި ގުޅިގެން ހައްޔަރުކުރި އަދުހަމާއި، މުޖާޒު އަދި ތަހުމީންގެ ކުށުގެ ރެކޯޑް އެބަހުރި ކަމަށެވެ. އެގޮތުން މަސްތުވާތަކެއްޗާއި، ވައްކަމުގެ ކުށުގެ ރެކޯޑް ހުރިކަން ފާހަގަކޮށްފައިވެ އެވެ. މީގެއިތުރުން ފާތިހު މީގެކުރިން ފުލުހުންގެ މުވައްޒަފެއްގެ ގޮތުގައި ޑްރަގް އިންޓެލިޖެންސް މަސައްކަތްތަކުގައި އުޅެފައިވާ ކަން ފުލުހުން ހާމަކޮށްފައިވެ އެވެ.

ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަސް މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅިފައިވާ ބައެއް ކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ.