އެމްޑީޕީ

ނަޝީދުގެ ފުރާނައަށްވުރެ ޅިޔަނުންގެ އަބުރުގެ އަގު މަތިވެއްޖެ: ވައްޑެ

މިހާރުވެސް ފެންނަނީ ރައީސް މުހައްމަދު ނަޝީދުގެ ފުރާނައިގެ އަގަށްވުރެ ޅިޔަނުގެ އަބުރުގެ އަގު މަތިކުރަން އުޅޭތަން ކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ވަފާތެރި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އާއިލީ ބޭފުޅުންނަށް ނުސީދާކޮށް ފާޑުވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއި ކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމާ އެ މައްސަލަ ކޮމިޓީން ބޭރު ކޮށްލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މުހައްމަދު ރަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މެންބަރު އީވާ ތުހުމަތު ކުރައްވާ ގޮތުގައި ކޮމިޓީން އެ މައްސަލަ ބޭރު ކޮށްލުމަށް އެމްޑީޕީގެ މެންބަރުންތަކެއް ވޯޓު ދެއްވީ މުހައްމަދު ރަޝީދު އެ މެންބަރުންނަށް ފޯނު ކުރައްވާ އެކަން ކުރަން އެންގެވުމުންނެވެ. ރަޝީދު އެގޮތަށް އަމަލު ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިގެން ކަމަށް ވެސް އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތުކުރައްވަ އެވެ. ރައީސް ސޯލިހާއި ރަޝީދަކީ ޅިޔަނުންނެވެ.

ރަޝީދަށް ފާޑު ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އީވާ ފޮނުއްވި މެސެޖުގައި ރަޝީދު ޓެގް ކުރައްވާ ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލް ކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ހަމަ ނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިން ތިހެން މިކަން ފަނި ކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ،" އީވާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އާއިލީ އެހެން ބައެއް ބޭފުޅުން ވެސް ވަނީ ސޯޝަލް މީޑިއާގައި ބިގޭއަށް އަމާޒުކޮށް ވަރަށް ހުތުރު ބަހުން ފާޑުވިދާޅުވެފަ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ވަޓްސްގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރަޝީދު ވިދާޅުވީ އަބުރު ކަތިލުމުގެ ގޮތުން ސޯޝަލް މީޑިއާގައި އޭނާއާ ގުޅޭ ގޮތުން ހަގީގަތާ ހިލާފް ވާހަކަތައް ދައްކަމުން ދާތީ އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ހައްގު ބަސް ބުނުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.

"އަޅުގަނޑު ތުތިމަހަށް ކޮށާ ކާޅަށް ކާން ދިނަސް ހައްގު ބަސް ބުނުމުގައި ފަހަތަކަށް ނުޖެހޭނަން" ކުރީގެ ރައީސް ޑރ. ވަހީދުގެ ވެސް ޅިޔަނެއް ކަމުގައިވާ މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

އޭނާއަކީ ފަހަތަށް ނުޖެހޭނެ މީހެއް ކަން މާޒީން އެނގޭނެ ކަމުގައި ވެސް ރަޝީދު ވިދާޅުވެފައިވެ އެވެ. އެހެން ކަމުން އުމުރުގެ ބާކީ ބައިވެސް ހޭދަކުރައްވާނީ ސާބިތުކަމާއެކު ކަމަށް ވެސް ވިދާޅުވި އެވެ. އަދި އޭނާއަކީ އިސްލާހީ މަސައްކަތުގައި ފާއިތުވި 30 އަހަރު އެތައް އަނިޔާއެއް ލިބުނު މީހެއް ކަން ފާހަގަ ކުރައްވާފައިވެ އެވެ.

"[އަޅުގަނޑަކީ] މުޅި ހަޔާތް ގައުމަށްޓަކައި ޖާނާ މާލުން ގުރުބާންވި އިންސާނެއް،"

މުހައްމަދު ރަޝީދު އިތުރަށް ވިދާޅުވީ އޭނާގެ އަބުރުކަތިލަން ބަޔަކު ހިތު ހުރިހާ ގޮތެއް ހަދަމުންދާއިރު ބީރު ކަންފަތެއް ދީގެން އަބަދު ނުހުންނެވޭނެ ކަމަށެވެ.

"ބައްޕަ ކިޔާ ދަރިފުޅާ އާއިލާއާ އަދި ހެޔޮ އެދޭ އެކުވެރިންނަށް ހިތްދަތިކަން ލިބެން ފެށީމަ، އަޅުގަނޑުގެ ދިފާއުގައިތާ އަބަދުވެސް ހުންނާނީ" ބަސް މަދު މެންބަރެއްގެ ގޮތުގައި އަބަދު ވެސް ފާހަގަކުރެވޭ މެންބަރު ވިދާޅުވި އެވެ.

އޭގެ ފަހުން މިއަދު ރާއްޖެ ޓީވީގައިވެސް ބިގޭ ވަނީ ވާހަކަތަކެއް ދައްކަވާފައެވެ.

ރައީސް ސޯލިހްގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ފަޒްނާ އަހުމަދު މިއަދު ވަނީ ބިގޭއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަ ދައްކަވާފައެވެ. ރާއްޖެ ޓީވީގެ ޝޯ ބެއްލެވުމަށް ފަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފަޒުނާ ވިދާޅުވީ ބިގޭއަކީ ހިތްވަރު ގަދަ ލީޑަރެއްކަން ސާބިތުކޮށް ދެއްވައިފި ކަމަށެވެ.

އެ ވާހަކަތައް މީޑިއާގައި ގެނެސްދީފައިވަނިކޮށް މެންބަރު ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރުވެސް ފެންނަނީ ރައީސް މުހައްމަދު ނަޝީދުގެ ފުރާނައިގެ އަގަށްވުރެ ޅިޔަނުގެ އަބުރުގެ އަގު މަތިކުރަން އުޅޭތަން ކަމަށެވެ. ރައީސް ނަޝީދަށް އަމާޒުވާ ފާޑުކިޔުންތައް އެންމެ ބޮޑަށް ދިފާއު ކުރައްވާ އަދި ނަޝީދުގެ ވާދަވެރިންނަށް އެންމެ ވަރުގަދައަށް ރައްދު ދެއްވާ ވަހީދު ވިދާޅުވީ ބޮމުގެ ހަމަލާއާ ގުޅޭ މައްސަލާގައިވެސް ފެންނަނީ އެކަން ނުބަލަން ދައްކާ ކޮންމެ ބަހަނާއެއް ދިފާއު ކުރަން އުޅޭތަން ކަމަށެވެ.

މިހާރުވެސް މި ފެންނަނީ ރައީސް ނަޝީދުގެ ފުރާނައިގެ އަގަށްވުރެ ޅިޔަނުންގެ އަބުރުފުޅުގެ އަގު މަތި ކުރާން އުޅޭ ތަން. ބޮމުގެ މައްސަލައިގާވެސް ފެންނަނީ ނުބަލާން ދައްކާ ކޮންމެ ބަހަނާއެއް ދިފާއު ކުރާން އުޅޭ ތަން
މުހައްމަދު ވަހީދު | އުނގޫފާރު ދާއިރާގެ މެންބަރު

މައްސަލަ ހޫނުވެފައި ވަނިކޮށް ޓްވިޓާގައި ރައީސް ނަޝީދުވެސް ވަނީ ބިގޭއަށް ރައްދު ދެއްވާފައެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގަައި ވަނީ ރަޝީދަކީ ސިޔާސީ ފައިދާއަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

"އަޅުގަނޑުގެ ރަހުމަތްތެރިޔާ އަދި އަލިފުށީ ދާއިރާގެ މެމްބަރަށް އެނގިވަޑައިގަންނަވާނެ އެ ބޭފުޅާ ސިޔާސީ ފައިދާ އަށްޓަކައި ކުރައްވާ ކަންކަމާއި ވިދާޅުވާ ބަސްފުޅުތައް. އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާނެ ވަފާތެރިކަމާއި މަދަދުގެ ވާހަހަ އެ ބޭފުޅާ ނުދެއްކެވިއްޔާ." ރައީސް ނަޝީދުގެ ޓުވީޓުގައި ވެއެވެ.