އެމްޑީޕީ

އެމްޑީޕީ ދެބައިވީ ނަޝީދާއި އެމްޑީޕީ ނެތި ސަރުކާރު ހިންގީމަ: ހަސަން

އެމްޑީޕީގެ މަސައްކަތް ދެބައިވީ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީ އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުމުން ކަަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

ހަސަން މިހެން ވިދާޅުވީ ރާއްޖެޓީވީން ގެނެސްދިން ޕްރަގްރާމެއްގައި އަލިފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. ބިގޭ ވިދާޅުވީ ވެރިކަމުގެ ދެ ބާރުގައި އެމްޑީޕީ އޮތް ނަމަވެސް އެ ދެ ބާރުގެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މަސައްކަތްތައް ދެބައިވެ އަދި އެމްޑީޕީގެ މަސައްކަތްތައްވެސް ދެބައިވެފައިވާ ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވާ ހަސަން ވިދާޅުވީ މަސައްކަތް ދެބައިވީ އެމްޑީޕީން ވައުދުވީ ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވީމަ ކަމަށެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި އެ ނޫންވެސް ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން "ފޫކަހަން" ފެށީމަ ކަމަށެވެ.

"ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ، ޖުމްލަކޮށް ރައީސް މުހައްމަދު ނަޝީދު އާއި ޕާޓީ [އެމްޑީޕީ] އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުނީމަ،" ހަސަން ވިދާޅުވިއެވެ.

މަސައްކަތް ދެބައިވީ އެމްޑީޕީން އިން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވީމަ. އެމްއެމްޕީއާރުސީ އާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހަން ފެށީމަ. ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ. ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ، ޖުމްލަކޮށް ރައީސް މުހައްމަދު ނަޝީދު އާއި ޕާޓީ [އެމްޑީޕީ] އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުނީ
ހަސަން ލަތީފް | އެމްޑީޕީގެ ޗެއާޕާސަން

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ދެ ރައީސުންގެ ގުޅުން ކޮންމެވެސް ވަރަކަށް ގޯސްވެ އެކި ކަންކަމުގައި ހިޔާލު ތަފާތުވުން އުފެދެއެވެ. ބައެއް ފަހަރު މައްސަލަތައް ބޭރަށްވެސް ނިކުމެއެވެ. ނަމަވެސް ދެ ރައީސުން އިސްވެ މައްސަލަތައް ނެތްކަން ބޭރަށް ދައްކަވައެވެ.

މި ފަހުން މައްސަލަ ގޯސްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއި ކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމާ އެ މައްސަލަ ކޮމިޓީން ބޭރު ކޮށްލި މައްސަލާގައެވެ. އެއީ ރައީސް މުހައްމަދު ނަޝީދަށް ސިފައިން ފޯރުކޮށްދެމުން ދިޔަ ސެކިއުރިޓީ ބްރީޗްވެ، އެމަނިކުފާނަށް ހަމަލާ ދެވުނު ގޮތް ބެލުމަށް ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ކުރަން ދެކޮޅުކަން ހާމަކޮށް ޒަމީލް ސޮއިކުރައްވާ އެމްއެންޑީއެފުން ފޮނުވި މައްސަލައެކެވެ.

ޒަމީލުގެ އިމްތިޔާޒުގެ މައްސަލަ ބެއްލެވުމަށް ރައީސް ނަޝީދު އެ ކޮމެޓީއަށް ހުށައެޅުއްވުމުން އެ ހުށައެޅުއްވުން ކުރިއަށް ގެންދަން ނުފެންނަ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށައެޅުއްވިއެވެ. އަދި އެމްޑީޕީގެ ހަތަރު މެންބަރުންގެ ވޯޓާއެކު މައްސަލަ ކޮމެޓީން ބޭރުކޮށްލިއެވެ.

އެ މައްސަލަ ހޫނުވެފައިވަނިކޮށް ރައީސް ނަޝީދު ވަނީ ކޮމެޓީން މައްސަލަ ބޭރުކޮށްލެއްވުމުގެ އަޑީގައި ހުންނެވީ ރައީސް ނަޝީދު ކަމަށް ތުހުމަތު ކުރައްވާފައެވެ.

އަދި ރައީސް އެގޮތަށް މަސައްކަތް ކުރައްވާ ސަބަބެއް ވިސްނި ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ސިއްރު ކުރައްވަން އުޅުއްވަނީ ކޮން ކަމެއްތޯވެސް ނަޝީދު ސުވާލު ކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން ވަކިވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތް ކުރައްވާ ސަބަބު އަޅުގަނޑަަކަށް އެއްވެސް ގޮތަކަށް ނުވިސްނޭ. ކޮން ކަމެއްތޯ ސިއްރު ކުރައްވާން ތިޔަ އުޅުއްވަނީ،" ހަސަން ލަތީފް މެދުވެރިކުރައްވާ އެމްޑީޕީގެ ޕީޖީ މެންބަރުންގެ ވަޓްސްއަޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވި އެވެ.