ހަސަން ލަތީފް

2023 ގައި ރައީސް ސޯލިހާއެކު މަސައްކަތް ކުރަން ދަތި: ހަސަން

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މަސައްކަތް ކުރައްވަން ދަތި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސީ ހަޔާތްޕުޅުން ރައީސަށް އޭނާ ދޫކޮށް ނުލެއްވުނަސް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސާއެކު މަސައްކަތް ކުރާން ދަތި ކަމަށެވެ.

ހަސަން އެ އިޝާރާތް ކުރައްވަނީ މީގެ ކުރީން އޮތް ބައްދަލްވުމެއްގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅަކަށެވެ. އެމްޑީޕީގައި މިހާރު އޮތް ބައިބައިވުން އުފެދުމުގެ ކުރީން އޮތް ޖަލްސާއެއްގައި ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ދޫކޮށް ނުލެއްވޭނެ ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ. ރައީސް ވިދާޅުވި ލިސްޓްގައި ހިމެނިވަޑައިގަންނަވަނީ މާފަންނު އުތުުރު ދާއިރާގެ އިމްތިޔާޒް ފަހްމީ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން ގެ ނަމެވެ. މި ހުރިހާ ބޭފުޅުން ނަކީވެސް ރައީސް ނަޝީދުގެ އަރިސް އަދި ވަފާތެރި މެންބަރުންނެވެ.

އެ ވީޑިއޯވެސް ހަސަން ލަތީފް ވަނީ ޓްވީޓް ކުރައްވާފައެވެ. ހަސަން ވިދާޅުވީ އޭނާއަށް ލަފާ ކުރެއްވޭ ގޮތުން ރައީސް ސޯލިހަށް ކުރިއަށް އޮތް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށެއް ނުދެއްވޭނެ އެވެ.

"... 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސާއެކު މަަސައްކަތް ކުރަން އަޅުގަނޑަށް ދަތި. އަދި އަޅުގަނޑަށް ލަފާ ކުރެވެނީ ރައީސް އަށް އެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށް ދެއްވެން ނެތް ކަމަށް،" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެފައިވާއިރު ރިޔާސީ ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ އެމްޑީޕީއަށް އޮތް ޗޮއިސް އަކީ އެމަނިކުފާނު ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮތް "އާސްކް ސްޕީކާ" ޕްރަގްރާމްގައި ނިމިގެންދިޔަ 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިނިސްޓަރު ޝާހިދު ފާޅު ކުރެއްވި ކަމަށާ ނަމަވެސް އެ ފަހަރުގެ އިންތިހާބުގައި ނިކުންނަވަން އެންމެ ރަނގަޅު ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޝާހިދު އަރިހުގައި ވިދާޅުވެފައި ވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެއްވުން މަޑުޖައްސަވާ ލެއްވުމަށް ޝާހިދުގެ އަރިހުގައި އެދިވަޑައިގެންނެވި ނަމަވެސް ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް "ރުކުން" ހަމަ ބޭފުޅެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން. ރައީސް، 2018 ވަނަ އަހަރުގައި ކުރިމަތިލެއްވި އިރުގައި އޭގެ ކުރީގައި އަޅުގަނޑާއި ބައްދަލު ކުރެއްވި އަބްދުﷲ ޝާހިދު. އެ 2018 ވަނަ އަހަރުގެ އިންތިހާބުގައި ޝާހިދު އެދިވަޑައިގެންނެވި ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނެވުމަށް. އެހެން ނަމަވެސް އަޅުގަނޑު ދެންނެވިން ޝާހިދުގެ އަރިހުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި 2018 ވަނަ އަހަރުގެ އިންތިހާބުގައި ނިކުތުމަށް އެންމެ ރަނގަޅު ބޭފުޅަކަށް ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއޭ. 2018 ވަނަ އަހަރު އަޅުގަނޑު އަބްދުﷲ ޝާހިދު އަރިހުގައި އެ ފަހަރު މަޑުކުރައްވަން ދެންނެވިއިރުގައި އަޅުގަނޑަށްވެސް ވަރަށް ބޮޑަށް ސާފު ޝާހިދަކީ ރާއްޖޭގެ ވެރިކަން ކުރުމުގެ ހުރިހާ ރުކުނެއް ފުރިހަމަވާ ބޭފުޅެއްކަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީން ތިންވަނަ ބޭފުޅަކަށްވެސް ފުރުސަތު ދިނުމާމެދުވެސް ވިސްނެވުން ރަނގަޅު ކަމަށެވެ. އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދު ނޫން ބޭފުޅަކަށް ފުރުސަތު ދިނުން ކަމަށް ބެލެވެއެވެ.

"ކުރިއަށް އޮތްތަނުގައި ރިޔާސީ ޓިކެޓްގައި އެމްޑީޕީން ނިކުންނާނީ ތިންވަނަ ބޭފުޅެއްތޯ އެ ސުވާލު އަޅުގަނޑު ހިތުން އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ކުރައްވާނެ. ދެން އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް މި އޮތް ހަފްތާތަކުގެ ތެރޭގައި މިކަންކަމުގެ ޖަވާބު ސާފު ވެގެން އަންނާނެ،" ނަޝީދު ވިދާޅުވިއެވެ.

ކޯލިޝަނަކާއެކު ނުކުމެ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި މަހުގެ 8 ވަނަ ދުވަހު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައެވެ.

ނޫސްވެރީންގެ ބައްދަލްވުމުގައި އަވަސް އިން ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް އެ ދުވަހު ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ވަރަަށް ގިނަ މަޝްރޫއުތައް ފައްޓަވާފައިވާ ކަމަށާ ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ޖެހޭ ކަމަށެވެ.

އޭގެ ފަހަށް އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއެއް ބޭއްވުން ކަމަށާ އެމްޑީޕީން އަމަލު ކުރާނީ އަސާސީ ގަވާއިދުގައި އޮތް ގޮތަށް ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ އެމްޑީޕީގެ ކޮންގްރެސް އިން ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ރައީސް ވިދާޅުވީ 2023 ގެ އިންތިހާބުވެސް އެއް ޕާޓީއަކަށް އެކަނި ނިކުމެ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނަށް އޮތް ޔަގީން ކަމަކީ ކޯލިޝަނަކާއެކު ނިކުންނަވާ 2023 ކާމިޔާބު ކުރެއްވުން ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނަކާއެކު އެމްޑީޕީ އިސްވެ އޮވެ ބަޔަކާއެކީގައި ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ. އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީއަށް ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ސޯލިހް މިއަދު ވިދާޅުވިއެވެ.