ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން މުވައްޒިފުންނަށް މަޖުބޫރު ކުރުވުން ފަދަ "މުޑުދާރު" ކަންކަން އެމްޑީޕީގެ ތެރެއަށް ވަދެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ހަސަން ލަތީފް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕެއިން ޓީމުން ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ކެންޕޭން ބައްދަލުވުމެއް ބޭއްވި މައްސަލަ ބަލާ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ފައްޔާޒް އާއި ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކެންޕެއިނުން ދައުލަތުގެ ކަމާއިބެހޭ އިދާރާތަކާއި އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީއަށް ގޮވާލާ މައްސަލަ ހުށައެޅި ހުށައެޅުމަށް އިޝާރާތް ކުރައްވައެވެ.
ޗެއާޕާސަން ކަމަށް އިންތި ގެނައުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ހަަސަން ލަތީފް މިރޭ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބުތަކުގައި ކުރެއްވެވި "މުޑުދާރު" ކަންކަން މިއަދު އެމްޑީޕީގެ ތެރެއަށް ވަދެއްޖެ ކަމަށެވެ. ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން މުވައްޒިފުންނަށް މަޖުބޫރު ކުރުވަން ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވަނީ އެކަންކަން ހުއްޓުވައި ދިނުމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީގެ މުގައްރިރު އަނަސް އަބްދުއްސައްތާރުގެ ކިބައިން އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އިމްތިޔާޒް ފަހުމީއަށް ތާއީދުކުރާ މީހުންނަށް ވަޒީފާގެ ބިރުދެއްކުމާއި ވާދަވެރި ކެންޑިޑޭޓްގެ ކެންޕޭނަށް ދައުލަތުގެ ވަސީލަތާއި މުދަލާއި މުއައްޒަފުން ބޭނުން ކުރާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް އިންތިގެ ކެމްޕެއިން ޓީމުން ބުނެއެވެ.
ނަމަވެސް ފައްޔާޒު އާއި އޭނާގެ ކެމްޕެއިން ޓީމުން އެ ތުހުމަތުތައް ދޮގު ކުރެއެވެ. ފައްޔާޒު ވިދާޅުވީ ދައުލަތުގެ އެއްވެސް ވަސީލަތެއް އޭނާގެ ކެމްޕެއިނަށް ބޭނުން ކުރަމުން ނުގެންދާ ކަމަށެވެ. އަދި އޭނާއަކީ ރައީސް ސޯލިހްގެ ކެބިނެޓް މިނިސްޓަރެއް ކަމުން ދާއިރާއާ ގުޅުންހުރި ކަންކަމާއި ސަރުކާރުގެ ބައެއް މަޝްރޫއުތަކުގެ ތަފްސީލު ހޯދުމަށް ރައްޔިތުން ބައްދަލު ކުރާ ކަމަށާ އެ މައުލޫމާތުތައް އެނގިހުރި މިންވަރަކުން ހާމަކޮށްދެއްވާ ކަމަށެވެ. އަދި އެއީ ނުފޫޒު ފޯރުވުން ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން ފޯރި ގަދަވެފައިވާއިރު އެމްޑީޕީގެ ގައުމީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރާ މެންބަރުންގެ ސާފު އަޣުލަބިއްޔަތެއް އޮތީ ފައްޔާޒާއެކުގައެވެ. ރަށްރަށުންވެސް ފައްޔާޒުގެ ކެމްޕެއިން ޓީމަށް ބޮޑު ތަރުހީބެއް އޮވެއެވެ.
އިންތިގެ ޓީމުގައި އިސްކޮށް ތިއްބެވީ ރައީސް ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނެވެ. އިންތިވެސް ގެންދަވަނީ ތާއީދު ހޯއްދެވުމަށް ރަށްރަށަށް ވަޑައިގެން ވަރުގަދަ ކެމްޕެއިނެއް ހިންގަވަމުންނެވެ.