ހަބަރު

ޕެރިހުގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ

ފްރާންސް ވެރިރަށް ޕެރިހުގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުން ވެފައިވާކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޕެރިހުގައި ދިރިއުޅޭ ދިވެހިންނާ ވީވަރަކުން ކޮންޓެކްޓް ކުރަން އެ މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު އެއްވެސް ދިވެއްސަކަށް ހަމަލާގައި ގެއްލުން ވެފަ ނުވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ ޕެރިހުގައި ތިބި ދިވެހިންގެ ހާލު މިނިސްޓްރީން ކެނޑިނޭޅި ބަލަމުންދާނެ ކަމަށެވެ. އެގޮތުން ލިބޭ މައުލޫމާތުތައް ވީވަރަކުން އާންމުންނަށް އަންގަމުންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޕެރިހުގައި ރޭ ބަޔަކު ދިން ވަރުގަދަ ޓެރަރިސްޓު ހަމަލާތަކުގައި 120 އަށްވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމް ވެފަ އެވެ. މަދުވެގެން ހަތް ތަނެއްގައި ހަމަލާތައް ދީފައިވާއިރު، އޭގެތެރޭގައި ބަޑީގެ ހަމަލާތަކާއި ބޮން ގޮއްވުން ހިމެނެއެވެ.

ފްރާންސްގައި މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާއިރު، އެގައުމުގެ ބޯޑަރު ވެސް ވަނީ ބަންދުކޮށްފައެވެ.