މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަމަށް ފުރުސަތު ދޭނީ 60،000 މީހުންނަަށް ކަމަށް ސައުދިއަރަބިއްޔާގެ ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަައުދީގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާއެކު ހައްޖުވުމުގެ ފުރުސަތު ދޭނީ 60،000 މީހުންނަށް ކަމަަށެވެ. އަދި މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަމަށްވެސް ބުނެފަައިވެއެވެ.
މީގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ހައްޖުވުމުގެ ފުރުސަތެއް މި އަހަރު ނެތެވެ. ހައްޖުގެ އަޅުކަމަށް ފުރުސަތުދޭ 60،000 މީހުންނަކީ އުމުރުން 65 އަހަރުން ދަށުގެ ސިއްހީ ގޮތުން ރަނގަޅު މީހުންނަށް ކަމަށްވެސް ސަައުދީ ސަރުކާރުން ބުންޏެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މިދިޔަ އަހަރު ހައްޖު ކެންސަލް ކުރަން ޖެހިދާނެ ކަމުގެ ބިރު ހީވިއެވެ. ނަމަވެސް ވަރުގަދަ ފިޔަވަޅުތަކާއެކު ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔައީ 10،000 މީހުން ބައިވެރި ކޮށްގެނެވެ. އަދި ފުރުސަތު ދިނީ މުޅީންވެސް ސައުދީގައި ތިބި މީހުންނަށެވެ.
މިއީ ފަހުގެ ތާރީހެއްގައި އެންމެ މަދު ބަޔަކާއެކު ހައްޖުގެ އަަޅުކަން ކުރިއަށް ގެންދިޔަ އަހަރެވެ.
މި އަހަރު ހައްޖުގެ އަޅުކަމަށް ފުރުސަތު ދޭނީ 60،000 މީހުންނަށް ކަމަށް ނިންމުމުން އެހެން ގައުމުތަަކުގަައި ތިބި މީހުންނަށް ހައްޖަށް ދިއުމަށް ފުުރުސަތެއް ނެތެވެ.