ދުނިޔެ

ބައިޑަންއާ ޕޫޓިން ނޫސްވެރިންނާ ބައްދަލުކުރެއްވުން ވަކިވަކިން

އެމެރިކާގެ ރައިސް ޖޯ ބައިޑަންއާ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން މި މަހު 16 ގައި، ސްވިޒަލޭޑްންގެ ޖެނީވާގައި ބައްދަލު ކުރައްވާނެ އެވެ. ވައިޓް ހައުސް އާއި ކްރެމްލިންގެ އޮފިޝަލުން މިހާރު ގެންދަވަނީ ދެ ރައީސުންގެ ދަތުރަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުން ބައިޑަން އަމަލު ކުރައްވާނެ ގޮތް ރަޝިއާއަށް ވަރަށް ރަނގަޅަށް އެނގެ އެވެ. ދެ ބޭފުޅުން ބައްދަލު ކުރައްވަން ލިބިވަޑައިގަންނަވާ ފުރުސަތަށް ފަހު އެކުއެކީގައި ނޫސްވެރިންނާ ބައްދަލު ކުރެއްވުމަކީ ބައިޑަން ކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕެސްކޯފް ވިދާޅުވީ އިނގިރޭސިވިލާތުގައި އޮތް ޖީ7ގެ ބައްދައްދަ ލުވުމުގައި ވެސް ބައިޑަން ޕްރެސް ކޮންފަރެންސް ބޭއްވީ ވަކިން ކަމަށެވެ. އިނިގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަނާއެކު ނޫސްވެރިންނާ ބައްދަލު ނުކުރައްވާ ކަމަށް ކްރެމްލިންގެ ތަރުޖަމާނު ވިދާޅުވި އެވެ.

ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުން ދެ ބޭފުޅުން އެކުއެކީގައި ނޫސްވެރިންނާ ބައްދަލު ކުރަން ފުރުސަތު ނުލިބިއްޖެ ނަމަ ޕޫޓިން ގިނިކަންޏާ ވެސް ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. އެކަމަށް ރަޝިއާ އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ވައިޓް ހައުސްއާ ހަވާލާދީ ބްލޫމްބާގުން ބުނެފައިވާ ގޮތުން ބައިޑަން ނޫސްވެރިންނާ ބައްދަލު ކުރައްވާނީ އަމިއްލަފުޅަށް ވަކިންނެވެ. ވައިޓް ހައުސްއިން ބުނީ އެންމެ ފަސޭހަ ގޮތަކީ ނޫސްވެރިންނާ ވަކިން ބައްދަލު ކުރެއްވުން ކަމަށެވެ.

ބައިޑަންއާ ޕޫޓިން ބައްދަލު ކުރައްވައި ދެގައުމުގެ ޚިޔާލު އެއްގޮތްކުރަން މަސައްކަތް ކުރައްވާނެ އެވެ. ދެ ގައުމުގެ ޝައުރުވެރިކަން ކަފިވެފައި ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް އެކުލަވާލަން ވެސް މަސައްކަތް ކުރައްވާނެ އެވެ.

ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ މައުލޫތަކުގެ ތެރޭގައި ހަތިޔާރު ކޮންޓްރޯލް ކުރުމާއި ނޯޑްސްޓްރީމް 2 ގޭސް ޕައިޕްލައިނާއި އަދި ޔުކްރޭންގެ މައްސަލަތައް ހިމެނެ އެވެ.