ހުޅުމާލެ

ހުޅުމާލެ ސަހަރާގައި ވަޅުލާ ޣައިރު މުސްލިމުން ވަކިކުރަނީ

ހުޅުމާލެ ސަހަރާގައި ވަޅުލާ މީހުންގެ ތެރެއިން ޣައިރު މުސްލިމުން ވަޅުލާން ހާއްސަ ސަރަހައްދެއް ކަނޑައަޅައިފި އެވެ.

ހުޅުމާލެ ކައުންސިލަރު އިބްރާހިމް ސުޖާއު މިއަދު އަވަސް އަށް ވިދާޅުވީ ސަހަރާ ބަލަހައްޓާ މީހުންގެ އެންމެ ބޮޑު ކަންބޮޑު ވުމަކީ މުސްލިމުންގެ ތެރޭގައި ޣައިރު މުސްލިމުން ވަޅުލާ މައްސަލަ ކަމަށެވެ. އެ މީހުން އެދެނީ ދެ ބައި ވަކި ކުރަން ކަމަށާއި އެގޮތަށް ނިންމީ ވެސް އެކި ފަރާތްތަކާ މަޝްވަރާތައް ކުރުމަށް ފަހުގައި ކަމަށެވެ.

ދީން ދަންނަ ބޭކަލުންނާ ވެސް އެ މަޝްވަރާ ކުރެއްވި ކަމަށާއި އިސްލާމް ދީނުގައި އަންގަވާފައި ވަނީ މުސްލިމުންނާއި ޣައިރު މުސްލިމުން މަސްހުނި ނުވާގޮތަށް ވަޅުލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މުސްލިމުންނާ މުސްލިމު ނޫން މީހުން މިހާރު ވަޅުލަނީ އެއް ވެސް ހަމައެއް ތަރުތީބެއް ނެތި. ކުރީ ކައުންސިލްގައި ވެސް އެމީހުން އެދުނު އެގޮތަށް ހަދައި ދޭން. އޭރު އެކަން ނުވެފައި އޮތީ. ސަހަރާ ބަލަހައްޓާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ." ސުޖާއު ވިދާޅުވި އެވެ.

ޣައިރު މުސްލިމުން ވަޅުލާ ސަރަހައްދު ވަކި ކުރާނީ ސަހަރާގައި ވަކި ފާރެއް ރާނައިގެނެވެ. މިހާރު ކުރިއަށް ދަނީ އެ ފާރު ރޭނުމަށް ކުރާ ސާވޭގެ މަސައްކަތެވެ. ފާރު ރާނައި ދޭނެ ފަރާތެއް ހޯދަން މި ހަފުތާތެރޭ އިއުލާނު ކުރާނެ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ކޮވިޑް-19 ގައި މަރުވާ މީހުން ވެސް ވަޅުލަނީ އެ ސަހަރާގައި ކަމަށާއި އެ އެންމެން ވެސް ބޭނުން ކުރަނީ މިސްކިތުގައި ހުންނަ އެންމެ ފާހާނާއެއް ކަމަށެވެ. އެހެންވެ މިސްކިތުގައި ހަތަރު ފާހާނާ ހަދާނެ ކަމަށާއި އަންހެނުންނަށް ފަސޭހައިން ވުލޫ ކުރެވޭނެ ގޮތަށް އެތަން ބަދަލު ކުރާނެ ކަމަށެވެ.