ހުޅުމާލެ

ހުޅުވާލީ ހުޅުމާލެއަށް ރަޖިސްޓްރީންވާން، މާލެ ދަފްތަރެއް ނޫން

ހުޅުމާލެ ރައްވެހިންގެ ދަފްތަރުގައި ޖެހުމުގެ ކަންކަން ހުއްޓިފައި އޮތް އޮތުމަށް ނިމުން ގެނެސްފި އެވެ.

މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ދާއިރާ ތަމްސީލު ކުރައްވާ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ހުޅުމާލެ ރައްވެހިންގެ ދަފްތަރުގައި ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މެދުކެނޑުމަކަށް ފަހު އަލުން އެކަން ފެށީ ރަޖިސްޓްރީވެވޭނެ ފަސޭހަ އިންތިޒާމުތަކާ އެކު ކަމަށެވެ.

އެގޮތުން ހުޅުމާލެ އިން ފްލެޓް، ގޯތި އަދި އެޕާޓްމަންޓް ލިބިފައިވާ މީހުން އެ މީހުންގެ އާއިލާގެ މެންބަރުން ފްލެޓަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި ރަޖިސްޓްރީ ކުރަން ހުށައަޅާތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކޮށްދޭނެ އެވެ.

އެ ފުރުސަތު ފަހިކޮށްދީފައި މިވަނީ ވަރަށް ގިނަ ބަޔަކު އެކަމަށް އެދެމުން ދަނިކޮށެވެ. --މިއީ އިންތިހާބުގެ ކެންޕެއިންގައި ޝުޖާއު ވެވަޑައިގެންނެވި ވައުދެކެވެ.--

ހުޅުމާލެ ރައްވެހިންގެ ދަފްތަރުގައި ޖެހުމުގެ ކަންކަން ހުއްޓިފައި އޮތް އޮތުމަށް ނިމުން ގެނައުމުން އަލުން މާލެ ރަށްވެހިންގެ ދަފްތަރުގައި ޖެހުމުގެ ފުރުސަތު ހުޅުވާލީ ކަމަށް ހީވެ ބައެއް މީހުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ސިޓީ ކައުންސިލުން ބުނީ މާލެ ދަފްތަރުގައި ޖެއްސުން ވަގުތީ ގޮތުން މެދުކަނޑާލި ކަނޑާލުން އެގޮތުގައި ދެމި އެބައޮތް ކަމަށެވެ.

އެ މަސައްކަތް މެދުކަނޑާލާފައިވަނީ މާލޭގެ ދަފްތަރުގައި ޖެހިފައިވާ ރައްޔިތުންނަށް ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލެވެންދެން އަދި ދަފްތަރުގައި ޖެއްސުން ހަރުދަނާ ނިޒާމެއްގެ ދަށަށް ގެންދެނެވެ. މުއިއްޒު ވިދާޅުވީ މާލޭގެ ދަފްތަރުގައި ޖެހިފައިވާ ރައްޔިތުންނަށް ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމަށް ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި ދަފްތަރުގައި ތިބި މީހުންގެ ތެރެއިން މިހާތަނަށް ގެދޮރު ލިބިފައިވާ މީހުންނާއި ނުލިބޭ މީހުން ދެނެގަނެ އަދި ގެދޮރު ނެތް މީހުންނަށް ގޯތިގެދޮރު ލިބޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ދަފްތަރުގައި 17،000 އާ ގާތްކުރާ އަދަދެއްގެ މީހުން ޖެހިފައިވެއެވެ.