ކޮވިޑް-19 ގައި މަރުވާ މީހުން ވަޅުލަމުންދާ ހުޅުމާލެ ސަހަރާގައި މަަސައްކަތް ކުރާ ޖަމާއަތްތެރިންނާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ބައްދަލުކުރައްވާ ޖަމާއަތްތެރިންނަށް ހިތްވަރު ދެއްވައިފި އެވެ.
ބައްދަލްވުމާއި ގުޅޭގޮތުން ޝުޖާއު ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުގެ މިި ނާޒުކު ވަގުތު ހިދުމަތުގެ ކުރީ ސަފުގައި ޖަމާއަތްތެރީން އަދާކުރަނީ ދީނީ އަދި އިންސާނީ ވަރަށް މަތިވެރި ވާޖިބެއް ކަމަށެވެ. ޖަމާއަތްތެރިންނާއި ބައްދަލުކޮށްލުމުން ފެނުނީ އިހްލާސްތެރި ހިތްތިރި އޯގާތެރި ޓީމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ކޮވިޑްގައި މި ދުނިޔެ ދޫކުރާ އަހުންނާ އުހުތުންގެ އާއިލާތަކުގެ ހިތްދަތި އިހްސާސްތައް އެންމެ ގާތުން ދެކެނީ ޖަމާއަތްތެރީން. އެ ހާލަތުގައި އާއިލާތަކަށް ހިތްވަރު ދެއްވާ. މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ހިތްވަރާއެކު މަސައްކަތް ކުރައްވާ،" ޖަމާއަތްތެރިންގެ އަގު ވަޒަންކުރައްވާ ޝުޖާއު ވިދާޅުވިއެވެ.
މަސައްކަތުގެ ބާވަތުން ކޮންމެ އިރެއްގައި ކޮންމެ ދަމެއްގައިވެސް ޖަމާއަތްތެރީން ތިބެން ޖެހެނީ ހިދުމަތުގައި ކަމަށާ މިއީ ސިއްރު ހިފަހައްޓަންޖެހޭ އަމާނާތްތެރި ވާންޖެހޭ ދީނީ ވާޖިބުތަކެއް ހިމެނޭ ހާއްސަ މަސައްކަތެއް ކަމަށްވެސް ޝުޖާއު ފާހަގަކުރެއްވިއެވެ. ޝުޖާއު ވިދާޅުވީ ހުޅުމާލޭގައި މަސައްކަތް ކުރާ ޖަމާއަތްތެރީންނާ ބައްދަލުކޮށްލީ މަސައްކަތްތެރިންނަށް ހިތްވަރު ދިނުމަށް ކަމަށެވެ. އަދި އެ މީހުންނަށް ހުރި ދަތިތައް އޮޅުންފިލުވުމުގެ ބޭނުމުގައި ކަމަށެވެ.
"ދުނިޔެ ދޫކޮށްދާ އަޅުގަނޑުމެންގެ ކޮންމެ އަހަކާ އުހްތަކަށްވެސް ބިންމަތީން އަދާކޮށްދޭ އެންމެ ފަހުގެ ހިދުމަތް އަދާކޮށް އެ ދެއްވަނީ ޖަމާޢަތްތެރީން. އެބޭފުޅުންގެ އިހްލާސްތެރި މަސައްކަތް އިހްތިރާމާ އަގު ވަޒަންކުރުމާއެކު އަޅުގަނޑުމެން ބަލައިގަންނަން ޖެހޭ. އިރާދަކުރެއްވިއްޔާ މަސައްކަތަށް ފަސޭހަވާނެ މަގުތައް ފަހިކޮށްދީ ވާނުވާ ބަލައި އެއް ޓީމެއްގެ ގޮތުގައި އެ ބޭފުޅުންނާ އެކު މަސައްކަތް ކުރުމުގައި އަޅުގަނޑުވެސް މިހާރުގެ ސިޓީކައުންސިލްވެސް ދެމިތިބޭނަން،" ޝުޖާއު ވިދާޅުވިއެވެ.
ކޮވިޑްގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. މިދިޔަ 13 މަސް ދުވަސްތެރޭ 171 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. މިދިޔަ މަހު އެކަނިވެސް 88 މީހަކު މަރުވެފައިވާއިރު ބައެއް ދުވަސް ދުވަހު 10 މީހުން ބައެއް ދުވަސް ދުވަހު 13 މީހުންވެސް މަރުވެފައިވެއެވެ.