ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މައި ކޮލެޖުން ސިއްހީ ހިދުމަތްތެރިންނަށް ކެއާ ޕެކޭޖް

Jun 13, 2021

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ހާލަތާ ގުޅިގެން ގައުމުގެ ސިއްހީ ދާއިރާގެ ހިދުމަތްތެރީން ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކޮށް އެ ހިދުމަތްތެރީންގެ އަގު ވަޒަންކުރުމުގެ ގޮތުން މައިކޮލެޖުން މިއާންޒް ކެއާގެ ނަމުގައި ހާއްސަ އިވެންޓެއް ބާއްވައިފި އެވެ.

މި އިވެންޓް ޝަރަފްވެރިކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް އެވެ.

މިމަހުގެ ހަތްވަނަ ދުވަހު ވާޗުއަލް ލައިވް އިވެންޓެއް މެދުވެރިކޮށް ހެލްތް މިނިސްޓްރީ އަށް ކެއާ ޕެކޭޖްތައް ހަވާލުކުރެއްވީ މައި ކޮލެޖްގެ ސީއީއޯ މުހައްމަދު ހަލީމް އެވެ. މިމަހުގެ ނުވަވަނަ ދުވަހު މި ޕެކޭޖްތައް ދަރުބާރުގެ އަށް ވަނީ ފޯރުކޮށްދީފަ އެވެ. މި ތަކެއްޗާ ހަވާލުވެވަޑައިގަތީ ވެސް ސްޓޭޓް މިނިސްޓަރު އާދިލް އެވެ.

މި އިވެންޓްގައި ކޮލެޖްގެ ރެކްޓާ ލަމްޔާ އަބްދުލް ހާދީ ވިދާޅުވި ގޮތުގައި މައި ކޮލެޖުން ސިއްހީ ދާއިރާގެ ހިދުމަތްތެރީންނަށް ދޭން ނިންމާފައިވާ ކެއާ ޕެކޭޖަކީ އެ ދާއިރާގެ މަސައްކަތްތެރީންގެ އިހުސާސްތައް އެނގޭކަން އަންގައިދިނުމުގެ ގޮތުންނާއި، އެބޭފުޅުންގެ ވަރުބަލިކަމުގައި އެހީވެ ހިތްވަރު ދިނުމުގެ ގޮތުން ދެވޭ ހަދިޔާ އެކެވެ.

މައި ކޮލެޖުން މިކަމުގައި އިސްނަގައިގެން މި އިވެންޓް ހިންގާފައިވާ ސަބަބަކީ ކޮލެޖްގެ ވިޝަން އަދި މިޝަންގައި ވެސް މި ކަންކަން ހިމެނިފައިވުމާއެކު އެ ކޮލެޖަކީ މުޖުތަމައަށް އަހުލުވެރި ޒިންމާދާރު ބައެއް ބިނާކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކޮލެޖަކަށް ވާތީ ކަމަށް ލަމްޔާ ވިދާޅުވި އެވެ. އަދި މިކަމަކީ އެ ކޮލެޖްގެ 18 ބްރާންޗްގައި ތައުލީމު ހާސިލު ކުރަމުންދާ 3000 އެއްހާ ދަރިވަރުން މިފަދަ ކަންކަމަށް އަހުލުވެރި ކުރުވުމަށްޓަކައި ކުރެވޭ ކަމެއް ކަމުގައިވެސް ފާހަގަކުރެއްވި އެވެ.

މީގެ ކުރިންވެސް ތަފާތު އެކި ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއެކު އެކި އިވެންޓްތައް ހިންގިފައިވާކަން ލަމްޔާ ފާހަގަކުރެއްވި އެވެ. މީގެ ތެރޭގައި ކްލީނިންގް އިވެންޓް ތަކާއި، ލެޓްސް ގްރީން އިޓް އިވެންޓް ތަކާއި، ރީޑިންގ އިވެންޓް، ލޭ ހަދިޔާ ކުރުމުގެ އިވެންޓް އަދި ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިވެންޓް ހިންގިފައިވެ އެވެ.

ކުރިޔަށް ރޭވިފައިވާ ހަރަކާތެއްގެ ގޮތުން ކޮވިޑަށް ހޭލުންތެރިކުރުމުގެ ގޮތުން އެކި ވީޑިއޯ ކްލިޕް ތައްޔާރުކުރުން ހިމެނެ އެވެ.

މި އިވްނެޓްގައި ސްޓޭޓް މިނިސްޓަރު ވިދާޅުވީ މިއާންސް ކެއާގެ ފަރާތުން ހަދިޔާކުރި ތަކެއްތި ހެލްތް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ ފާރާތްތަކުން ވަރަށް އުފަލާއެކީގައި ބަލައިގަންނަ އެއްޗެހި ކަމުގަ އެވެ.

މައި ކޮލެޖާއި ކޮލެޖް ހިންގާ ފަރާތުން މީގެ ކުރިންވެސް ގައުމީ މިކަހަލަ ކަންތައްތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި އެހީތެރިވެ ދެއްވާފައިކަމާއި، މައިކޮލެޖަކީ މިކަހަލަ ކަންތައްތަކުގައި އިސް ނަގައިގެން ކަންކަން ކުރާ ކޮލެޖްތަކުގެ ތެރެއިން އިސްނަގައިގެން މިކަހަލަ ކަންކަން ކުރާ ކޮލެޖެއްކަމުގައި އުފަލާއި އެކު ފާހަގަ ކުރައްވާ ކަމަށް އާދިލް ވިދާޅުވި އެވެ. މިފަދަ ގައުމީ ކާރިސާތަކުގައި ދިވެހިންގެ ކިބައިން ހިތްހެޔޮކަމާއި އެހީތެރިކަން އަބަދުވެސް ލިބޭކަމީ އުފާކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.