ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގއ. ނިލަންދޫ

އޮޅުވާލައިގެން ހޯދި އިންކަމް ސަޕޯޓް އަނބުރާ ދައުލަތަށް ދައްކަން ހުކުމެއް

ކޮވިޑާ 19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުތައް ކުރި މީހުންނަށް ސަރުކާރުން ދޫކުރި އިންކަމްސަޕޯޓް، އޮޅުވާލައިގެން ހޯދި މީހަކު، އެ ފައިސާ އަނބުރާ ދައުލަތަށް ދައްކަން ހުކުމްކޮށްފި އެވެ.

މިއީ، ގއ. ނިލަންދޫ ފެހިފަރުދާގެ، ނާޒިމް އަލީ ކިޔާ މީހެއްގެ މައްޗަށް ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ނާޒިމް ވަނީ އޮޅުވާލައިގެން ދައުލަތުން ފައިސާ ހޯދާފަ އެވެ. އެއީ 2020 ވަނަ އަހަރުގެ ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހު، ކޮންމެ މަހަކު 5000 ރުފިޔާގެ މަގުން ޖުމްލަ 15000 ރުފިޔާ އެވެ.

އެ ފައިސާ ނާޒިމް އަތުން ހޯދުމަށް އެތައް ފަހަރަކު މަސައްކަތްކޮށްގެންވެސް ކާމިޔާބު ނުވުމުން ދައުލަތުން އެންމެ ފަހުން އެ މައްސަލަ ކޯޓަށް ހުށަހެޅީ އެވެ.

މައްސަލަ ކޯޓަށް ހުށަހެޅުމުން އެންމެ ފުރަތަމަ ނާޒިމް ވަނީ އެ ފައިސާ އޭނާއަށް ނުލިބޭ ކަމަށް ބުނެ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ ފައިސާ ލިބުނު ކަމަށް އެއްބަސްވެ ފައިސާ އަނބުރާ ދައްކަންވެސް އެއްބަސްވެފަ އެވެ.

ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަބްދުލްމުހްސިން އަބްދުލްހަކީމް މިއަދު ކުރި ހުކުމުގައި ވަނީ މިއަދުން ފެށިގެން ފަސް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އަނބުރާ ދައްކަން އަމުރުކޮށްފަ އެވެ. މައްސަލަ ނިންމާފައިވަނީ ނާޒިމް އެދުނު ގޮތަށް މަހަކު 3000 ރުފިޔާ ދައްކައިގެން ފަސް މަހުން އެ ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށެވެ.