ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމައި އެ މައްސަލަ ބޭރުކޮށްލަން ނިންމި ސަބަބު އެ ކޮމިޓީން ހާމަކޮށްފި އެެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަަމަލާއާ ގުޅިގެން މަޖިލީހުން މިހާރު ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރުވުމުގެ ބަދަލުގައި މުއައްސަސާއިން ޖަވާބުދާރީވާނެ ކަމަށް އެންގުމުން ޒަމީލުގެ ސުލޫކީ މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އެމްޑީޕީގެ ހަތަރު މެމްބަރުންގެ ވޯޓާއެކު އެ މައްސަލަ ބޭރުކޮށްލީ އެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އެ ބައްދަލުވުން ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މެމްބަރުން ވޯޓު ދިން ގޮތް ސޯޝަލްމީޑިއާގައި އޮތީ ލީކުކޮށްލާފަ އެވެ. އޭގެފަހުން ވޯޓު ދިން ގޮތާ ގުޅިގެން ނުރައްކާތެރި އިންޒާރު ލިބުނު ކަމަށް މެމްބަރުން ވިދާޅުވެ އެވެ.
މައުލޫމާތު ލީކުވި މައްސަލަ ބަލަން މިހާރު ވަނީ ސަބްކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ކޮމިޓީގެ މުގައްރިރު އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ސާފުކޮށްދިނުމަށް ވެސް އެންމެ ފަހުން ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި އޮތީ ފާސްކޮށްފަ އެވެ.
ކޮމިޓީގެ އެ ނިންމުމާ ގުޅިގެން އިމްތިޔާޒު ކޮމިޓީގެ މުގައްރިރު މިއަދު ނެރެއްވި ބަޔާނުގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިންކުއަރީއެއް މަޖިލީހުން މިހާރުވެސް ކުރިއަށް ގެންގޮސް ހާޒިރުކުރަން ޖެހޭ މީހުން ވެސް ހާޒިރުކުރަމުން ދިއުމާއެކު ސިޔާސީ މީހަކު ލިޔުމެއްގައި ސޮއިކޮށްފައި ފޮނުވުމަކީ ޒަމީލުގެ ސުލޫކީ މައްސަލައެއް ނެގިދާނެ ކަމަށް ގަބޫލުކުރެވޭ ސަބަބެއް ނޫން ކަމަށެެވެ.
ހަމަ އެހެންމެ އެކަމުގައި ވަަރަށް ގިނަ ގާނޫނީ މައްސަލަތަކެއް ވެސް ހުރުމާއެކު ޒަމީލުގެ މައްސަލަ އިމްތިޔާޒު ކޮމިޓީން ބެލޭނެ ކަމަށް ނުފެންނަ ކަމަށް މެމްބަރުން ތާއިދުކުރައްވައި މައްސަލަ ނިންމެވި ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
މައުލޫމާތުތައް ލީކުވި މައްސަލައިގައި މެމްބަރުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ޔާސިރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލަތައް ދިމާނުވާނެ ގޮތަށް މަސައްކަތްތައް ތަރުތީބު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އޮންލައިންކޮށް ކުރިއަށް ގެންދާ ބައްދަލުވުމެއްވެސް ސިއްރުކުރަން ޖެހޭ ހާލަތެއްގައި ބައްދަލުވުން މެދު ކަނޑާލައިފައި މަޖިލީހުގައި ބައްދަލުވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.