ސައުދީ އަަރަބިއްޔާ

ތަވައްކަލްނާ ބޭނުން ކުރެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ

ސައުދީ އަރަބިއްޔާއިން ތައްޔާރުކޮށްފައިވާ "ތަވައްކަލްނާ" އެޕްލިކޭޝަން ބޭނުން ކުރެވޭ ފުރަތަމަ 74 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.

ތަވައްކަލްނާ އެޕްލިކޭޝަނަކީ ކޮވިޑް-19 އާ ގުޅިގެން ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީ އިން އެޕްރޫވްކޮށް އެ ގައުމުގައި ރަސްމީކޮށް ބޭނުން ކުރަމުންދާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން އިން މީހާގެ ސިއްހީ ހާލަތު ދެނެގަތުމާއި ކޮންޓެކްޓް ޓްރޭސިންއަށް އެހީތެރިވެދޭނެ އެވެ.

ސައުދީގައި އެއްތަނުން އަނެއްތަނަށް ވަދެ ނިކުތުމުގެ ހުއްދަ ދެނީ މި އެޕްލިކޭޝަން މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ދެނެގައުމަށް ފަހުއެވެ.

އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އެޕްލިކޭޝަން ބޭނުން ނުކުރާ މީހުންނަށް ސައުދީ އަރަބިއްޔާގެ ޕަބްލިކް ތަންތަނަށް ވަދެ ނިކުމެ ނުހެދޭނެއެވެ.

މި އެޕްލިކޭޝަން 74 ގައުމަކަށް ސައުދީއިން ހުޅުވާލާފައިވާއިރު މީގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ. ސައުދީއަރަބިއްޔާގެ ރައްޔިތުން މި 74 ގައުމަށް ދަތުރުކުރާއިރު އަދި މިގައުމުތަކުގެ ރައްޔިތުން ސައުދީއަރަބިއްޔާއަށް ދަތުރުކުރާއިރު މި އެޕްލިކޭޝަން ބޭނުންކުރަން ޖެހެއެވެ.