ދުނިޔެ

މައިން ޗާޓަކަށް 15 ކުށްވެރިން ބަދަލު ކޮށްފި

ހަނގުރާމައިގެ ކުށްވެރިންގެ ގޮތުގައި އަޒަރުބައިޖާނުން ހިފަހައްޓާފައި ތިބި އަރުމޭނިއާ 15 ސިފައިން ބަދަލުގައި އަރުމޭނިއާއިން މައިން ޗާޓެއް ދިނުމުން ދޫކޮށްލައިފި އެވެ. މި މައިން ޗާޓަކީ އާމީނިއާ ސިފައިން އަޒަރުބައިޖާންގެ އަގުދާމް ޓައުންގައި ލޭންޑް މައިން ވަޅުލާފައި ހުރި ތަންތަން ދައްކައިދޭ ކުރެހުމެކެެވެ.

އަޒަރުބައިޖާންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ދެ ގައުމުގެ ސިފައިންނާއި އޮފިޝަލުން އަޒަރުބައިޖާން / ޖޯޖިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ބައްދަލުކޮށް ކުރިން އެއްބަސްވެފައި އޮތް ގޮތަށް މުއާމަލާތް ވަނީ ފުރިހަމަ ކޮށްފަ އެވެ.

އަރުމޭނިއާ ސިފައިން އަޒަރުބައިޖާންގެ ނަގޯނަ ކަރަބާ ހިފައިގެން ތިބިއިރު އެ ސަރަހައްދުގެ އެކި އަވަށްތަކުގައި ގިނަ އަދަދަކަށް މައިން ވަޅުލާފައި ހުރި ކަމަށް އަޒަރުބައިޖާން ސިފައިން ބުނެ އެވެ. ދެ ގައުމުންވި އެއްބަސްވުމުގައި އަރުމޭނިއާ 15 ސިފައިން ދޫކޮށްފައި ވަނީ 97،000 މައިން ވަޅުލާފައި ހުރި ގޮތް އަރުމޭނިއާއިން ކިޔައިދޭ ގޮތަށެވެ. އެހެން ނަމަވެސް، އަރުމޭނިއާއިން ފަހުން ބުނި ގޮތުން މައިން ވަޅުޅާފައި ހުރި ގޮތް ކިޔައިދީފައި ވާނީ މުޅިން ރަނގަޅަކަށް ނޫނެވެ.

އަޒަރުބައިޖާންއާ އަރުމޭނިއާ މަޝްވަރާކޮށް އެއްބަސް ވުމަކަށް އާދެވިފައި ވަނީ ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަމަށް އަޒަރުބައިޖާނުން ބުނެ އެވެ. ހާއްސަކޮށް ޖޯޖިއާ ސަރުކާރާއި އެމެރިކާ އަދި ޔޫރަޕިއަން ކައުންސިލުން އަދާކުރި ރޯލަށް އަޒަރުބައިޖާނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އަރުމޭނިއާ ބޮޑުވަޒީރުކަމާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން ހުންނެވި ނިކޮލް ޕަޝިންޔަން ވެސް ވަނީ 15 ސިފައިން ގައުމަށް ގެނެވޭތީ އުފާ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުން އެމީހުންނަށް އަވަސް ފަރުވާ ދިނުމަށް ފަހު ގެއަށް ދޫކޮށްލާނެ ކަމަށެވެ.

ނަގޯނަ ކަރަބާ އަވަށްތަކުގައި އަރުމޭނިއާ ސިފައިން ވަޅުލާފައި ހުރި މައިންތަކުގެ ސަބަބުން އަޒަރުބައިޖާންއަށް ވަރަށް ގިނަ ގެއްލުން ލިބޭ ކަމަށް އެގައުމުން ބުނެ އެވެ. އަޒަރުބައިޖާނުން ބުނީ ހަމަލާތައް ހުއްޓާލަން އެއްބަސްވި ފަހުން ވެސް މައިންތަކާ ހެދި 120 މީހުން މަރުވެފައިވާ ކަމަށެވެ.